26 Dec 2022, 23:50
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން ބައްލަވައިގަތް ކަމަށް ބުނާ އެއް މިލިއަން ޑޮލަރަށްވާ ފައިސާ ގުނުމަށާއި، އެފައިސާ ޔޫސުފް ނައީމާ ހަވާލުކުރުމަށް އަމަލީގޮތުން ހަރަކާތްތެރިވި ކަމަށް ވިދާޅުވެ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދެއްވީ ދޮގު ހެކިބަސް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުން ހާމަވެއްޖެއެވެ.
ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއްގައި ދިފާއީ ހެކިބަސް ދެއްވަމުން ނަރީޝް ވިދާޅުވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީންގެ އެދިވަޑައިގެންނެވުމުގެ މަތީން އެމަނިކުފާނު އޭރު ދިރިއުޅުއްވި ގ. ދޫވެއްސަށް ވަޑައިގެންނެވި ކަމަށެވެ.
އަދި، ޔޫސުފް ނައީމްއަށް އެ ފައިސާ ގެންގޮސްދެއްވުމުގެ ކުރިން ދޫވެހީގައި ރައީސް ޔާމީންގެ ކުރިފުޅުމަތީގައި އެ ފައިސާ ގުނާފައިވާނެ ކަމަށާއި، ރައީސް ޔާމީންގެ ޑްރައިވަރެއްގެ ގޮތުގައި އޭރު އުޅުނު މީހަކާއެކު އެފައިސާ ޔޫސުފް ނައީމަށް ގެންގޮސްދެއްވާފައިވާނެ ކަމަށް ނަރީޝް ހެކިބަސް ދީފައިވެއެވެ.
އެއީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

ނަމަވެސް، ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްވި ހުކުމުގައި އޮތް ވާހަކަ މުޅީން ތަފާތެވެ. ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި ހުކުމުގައި ބަޔާންކޮށްފައި ވާގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވެއެވެ.
އަދި، ކޯޓަށް އޮޅުވާލުމާއި ކަނޑައެޅިގެން ދޮގު މައުލޫމާތު ދީފައިވާ ކަމަށާއި ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން އެކަން ހާމަވެފައިވާ ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ހުކުމުގައި ފާހަގަކޮށްފައިވާ ބައެއް ނުކުތާ ތަކަށް ބަލާއިރު، 15 މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ދުވަހާއި، ފައިސާ ހަވާލުކުރީ ކޮން ވަގުތަކު ކަން ހެކިވެރިންނަށް ބުނެ ނުދެވުނު ނަމަވެސް، އެދުވަހު ހިނގި އެހެން ކަންކަމުގެ އެންމެ ކުދި ތަފްސީލުތައް ކިޔައިދޭން އެނގުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށް ބުނެފައިވެއެވެ.
ކާރުގައި އަހުމަދު ނަރީޝް އިށީނދެގެން އިން ތަނާއި އަބްދުﷲ ރަޝީދު އިން ތަނާއި ފައިސާ ދަބަސްތައް ބަހައްޓާފައި ހުރީ ކާރުގެ ކޮންތަނެއްގައި ކަން، އެކަންކަން އެއްވެސް އުނދަގުލެއް ނެތި އަހުމަދު ނަރީޝަށް ބުނެދެވުނެވެ. މިހާ ކުދިކުދި ތަފްސީލުތަކާ ގުޅިގެން ސުވާލު ކުރުމުން ވަގުތުން ޖަވާބު ދީފައިވާކަން އެނގެން އޮންނައިރު މި މުއާމަލާތް ހިނގީ ދުވަހުގެ ކޮން ވަގުތެއްގައިކަން ބުނެދޭން އަހުމަދު ނަރީޝަށް ނޭނގުމަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އަޖައިބު ކުރުވަނިވި، ހައިރާން ކުރުވާ ވަރުގެ ކަމެއް.ކްރިމިނަލް ކޯޓުގެ ހުކުމް
އަދި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، އަގުހުރި ވަގުތުތަކެއް ނަގާލައި، ބަޔަކު އެމަނިކުފާނުގެ ގެކޮޅަށް ގެންގޮސް ފައިސާ ގުނުވައި، ޔޫސުފް ނައީމާ ހަވާލުކުރީ ނުބައި ނިޔަތެއް އޮވެގެން ކަން ހާމަވާ ކަމަށްވެސް ހުކުމުގައިވެއެވެ.
ހަނުހުރުމަކީ ގާނޫނުއަސާސީގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ނަމަވެސް، ރައީސް ޔާމީންގެ ހަނުހުރުން ވެގެން ގޮސްފައިވަނީ އެމަނިކުފާނު އެނބުރި ޖަލަށް ވަޑައިގަންނަވަން މެދުވެރިވި ސަބަބެއް ކަމަށް ބުނެވިދާނެއެވެ. ސަބަބަކީ ދެކޮޅަށް ހެކި ލިބިފައި ވަނިކޮށް ތަހުގީގުގައި ހަނު ހުރުމަކީ އެމީހަކާ ދެކޮޅަށް ބޭނުން ކުރެވިދާނެ ގަރީނާއެއް ކަމަށް މީގެ ކުރިން އެހެން މައްސަލަތަކުގައި ހައި ކޯޓުން ކަނޑައަޅާފައި ވާތީއެވެ.
މި މައްސަލައިގެ ތަހުގީގުގައި ހަނު ހުންނެވުމަށްފަހު ކޯޓުގައި ދިފާއީ ހެކި ހުށަހެޅި މައްސަލަ ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ ހަގީގަތުގައި އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްނަމަ ތަހުގީގުގައި އެކަން ހާމަކުރައްވާނެ ކަމަށެވެ.
އެގޮތުން، މައުސޫމް މުއާމަލާތަކާ ގުޅިގެން ޖިނާއީ ބޮޑު ތުހުމަތެއް ކުރެވުމުން ސަބަބުވެރި އިންސާނާ އަވަސްވެގެންނާނީ އެ ތުހުމަތުން ބަރީއަވެވޭނެ ހެކި އަތުގައި ހުރީތީ އެ ހެކިތައް ވަގުތުން ހާމަ ކުރުމަށް ކަމަށް ހުކުމުގައި ވެއެވެ.
ހުކުމުގައި މިހެން ބަޔާންކޮށްފައި އޮތް ކަމުގައި ވީނަމަވެސް ރައީސް ޔާމީންގެ ވަކީލުން ބުނަނީ އެ ހުކުމަކީ ނުހައްގުން އިއްވާފައިވާ ސިޔާސީ ހުކުމެއް ކަމަށެވެ. ރައީސް ޔާމީންގެ ވަކީލުން އަންނަނީ އެ މައްސަލަ އިސްތިއުނާފް ކުރުމަށް ތައްޔާރުވަމުންނެވެ.