މާލެއާއި ވިލިމާލެ ކުނިކަހައި ސާފުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ސިޓީ ކައުންސިލުން އަމިއްލަށް ކުރާ ގޮތަށް ނިންމައިފިއެވެ.

މާލެ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން އައީ ވެމްކޯއިންނެވެ. އެކަމަކު މާލެ ސިޓީ ކައުންސިލާއެކު ވެމްކޯއިން ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުން މިހާރު ވަނީ ހަމަވެފައެވެ.

ވެކްކޯއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން މާލެ ސިޓީ އާއި ވިލިމާލޭ މަގުތަކާއި އާއްމު ސަރަހައްދުތައް ކުނިކަހައި ސާފު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ހުއްޓާލާފައިވާ ކަމަށާއި ދެން ޚިދުމަތް ދެމުން ގެންދާނީ ވެމްކޯގައި ރެޖިސްޓްރީ ވެގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް، "ސަން"އަށް ވިދާޅުވީ މާދަމާ މެންދުރު ފަހުން ފެށިގެން ޓީމުތައް ނުކުމެ މަސައްކަތް ފެއްޓުމަށް ޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ވެނިމިފައިވާ ކަމަށެވެ.

"ސަތޭކަ މުވައްޒަފުން ނަގައިގެން މާލެއާއި ވިލިމާލެއާ ދެކޮޅަށް ބަހާލީ. ބަހާލާފަ ޕިކަޕްތަކާއި ހުރިހާ ކަމެއް ރެޑީ. މާދަމާ ފައްޓާނަން،" ރަމީޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެމްކޯއަށް ކޮންމެ މަހަކު 3.2 މިލިއަން ރުފިޔާ ދޭންޖެހޭއިރު އެމީހުން އެ މަސައްކަތް ރަނގަޅަށް ނުކުރާ ކަމަށާއި އެހެންވާތީ ތަކުރާރުކޮށް އަންގާ އަންގާ ވެސް އެކަން އިސްލާހު ނުކުރުމުން އެއްބަސްވުން އައު ނުކުރަން ކައުންސިލުން ނިންމީ ކަމަށެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ ވެމްކޯއަށް އެހާ ބޮޑު އަދަދެއް ކޮންމެ މަހަކު ދޭންޖެހޭއިރު އެ މަސައްކަތް ކައުންސިލުން ކުރާ ނަމަ 1.5 މިލިއަން ރުފިޔާ އިން ފަރުޖެއްސޭނެ ކަމަށެވެ.