އިނގިރޭސި ޕްރިމިއާ ލީގުގައި އެލެކްސަންޑްރާ މިޓްރޮވިޗް ދެއްކި މޮޅު ކުޅުމާއެކު، ކްރިސްޓަލް ޕެލަސްގެ މައްޗަށް ފުލަމްއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުން ފުލަމް މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.\

މި މެޗުގެ ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައިރު މުޅި މެޗުގައި ދެ ރަތްކާޑު ފެނިގެންދިޔައެވެ. އޭގެތެރެއިން ފުރަތަމަ ރަތް ކާޑު ދައްކާފައި ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ. މިއީ ފުލަމްގެ ކެނީ ޓެޓޭއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޕެލަސްގެ ޓައިރިކް މިޗެލްއަށް ދެއްކި ރަތްކާޑެކެވެ.

މިއީ މެޗުގައި ފުލަމްއިން ފުރަތަމަ ލަނޑު ޖެހިތާ ތިން މިނެޓުފަހުން ދެއްކި ރަތްކާޑެކެވެ. ފުލަމްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބޮބީ ރެއިޑްއެވެ. މިއީ މިޓްރޮވިޗް ތަނަވަސްކުރި ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ.

މި ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދާއިރު، ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ ޕެލަސްގެ ޓޮމްކިންސްއަށް ވެސް ރެފްރީ ވަނީ ރަތްކާޑެއް ދައްކާފައެވެ. މިއީ ދެ ރީނދޫ ކާޑު ދެއްކުމަށްފަހު ދެއްކި ރަތްކާޑެކެވެ.

މިއާއެކު ފުލަމްއިން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔައިރު، 71 ވަނަ މިނެޓުގައި ޓިމް ރީމް ވަނީ ފުލަމްގެ ދެވަނަ ލަނޑު ޖަހައިފައެވެ. އޭގެ ނުވަ މިނެޓުފަހުން މެޗުގެ 80 ވަނަ މިނެޓުގައި މިޓްރޮވިޗް ވަނީ ފުލަމްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މި މޮޅާއެކު ފުލަމްއަށް އިނގިރޭސި ލީގު ތާވަލުގައި ލިބެނީ އަށްވަނައެވެ. އެއީ 16 މެޗުން 22 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ކްރިސްޓަލް ޕެލަސްއަށް 15 މެޗުން 19 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 11 ވަނައެވެ.

ވުލްވްސްއިން އެވަޓަން ބަލިކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މީގެއިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވުލްވްސްއިން ވަނީ އެވަޓަންގެ މައްޗަށް ކުރިހޯދާފައެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުން ވުލްވްސް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

ފަހަތުން އަރައި ވުލްވްސް މޮޅުވި މި މެޗުގައި އެވަޓަންއިން ވަނީ މެޗުގެ ހަތްވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑުނަގާފައެވެ.

ޔެރީ މިނާގެ މި ލަނޑާއެކު ބޮޑު ކޮންފިޑެންސެއްގައި ކުޅެމުންދިޔަ އެވަޓަން ހާސްކޮށްލީ 22 ވަނަ މިނެޓުގައި ވުލްވްސްގެ ޕޮޑެންސް ޖެހި ލަނޑާއެކު ނަތީޖާ ހަމަހަމަ ވުމުންނެވެ. މެޗުގައި ވުލްވްސް މޮޅުވި ލަނޑު، މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ރަޔަން އައިތު ނޫރީ އެވެ.

މި ނަތީޖާއާއެކު ވުލްވްސް ވަނީ ރެލިގޭޝަން ޒޯނުން ސަލާމަތްވުމުގެ އުންމީދު ބޮޑުކޮށްފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން ވުލްވްސްއަށް 13 ޕޮއިންޓު ލިބިފައިވާއިރު، ރެލިގޭޝަން ޒޯނުން ސަލާމަތްވެ ތާވަލުގެ 17 ވަނައިގައި އޮތީ 16 މެޗުން 14 ޕޮއިންޓު ހޯދާފައިވާ އަދި މި މެޗުން ވުލްވްސް އަތުން ބަލިވި އެވަޓަންއެވެ.