ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހޯދި ހަ ކިލޯ ޑްރަގުގެ އިތުރުން މިލިއަނެއްހާ ރުފިޔާގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ 'ސަން'އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެންމެންގެ ބަންދަށް ވެސް 15 އާއި 30 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރީ ކިތައް މީހުންކަން ހާމައެއް ނުކުރެއެވެ.

އެ އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނުގައި އަތުލައިގަތް 6.8 ކިލޯގެ ނާކޮޓިކްސް އާއި މިލިއަނެއްހާ ރުފިޔާ އަތުލައިގަތީ މާލެ އާއި ހުޅުމާލޭގެ 10 ސަރަޙައްދެއްގައި ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަނެއްގައެވެ.

އެ އޮޕަރޭޝަނުގައި އަތުލައިގަތީ ޑްރަގް ޓްރެފިކް ކުރުމާއި ވިއްކުމުގައި އުޅުނު ކުށް ކުރާ މަޝްހޫރު ގޭންގެއްގެ ބަޔަކު ކަމަށް ކޮމިޝަނަރު, މުޙައްމަދު ހަމީދު މީގެ ކުރިން ވިދާޅުވިއެވެ.

އެ އޮޕަރޭޝަނުގެ އިތުރުން ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އިތުރު އޮޕަރޭޝަންތަކެއް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވޭތުވެދިޔަ ހަތަރު އަހަރުގެ އެކަނިވެސް 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައި, ކުރިން އަތުލައިފައިވާ މަސްތުވާތަކެއްޗާއެކު ޖުމްލަ 1.9 ޓަނުގެ މަސްތުވާތަކެތި ވަނީ ނައްތަލާފައެވެ.

މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދާދިފަހުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ, ފުލުހުންގެ އޮޕަރޭޝަންތަކުގައި އެންމެ އިސްކަމެއް ދެނީ މަސްތުވާތަކެއްޗަށް ކަމަށެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު ތެރޭގައި ރާވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.