އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި, ސިލްސިލާ އިހުތިޖާޖުތަކެއް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ 'ސަން' އަށް ވިދާޅުވީ، ރައީސް ޔާމީނަށް ކުރި 'ހަރާމް ހުކުމް'އާ ދެކޮޅަށް އެ ޕާޓީން ސިލްސިލާކޮށް އިހުތިޖާޖު ކުރާނެ ކަމަށެވެ. އެގޮތުން މިރޭ ވެސް އެ ޕާޓީން މާލޭގެ މަގުތަކުގައި އިހުތިޖާޖު ކުރަމުންދާ އިރު، އެ އިހުތިޖާޖުގެ ތެރެއިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ރޭގަ ބޭއްވި މުޒާހަރާއާ އެއްގޮތަށް، މިރޭ ވެސް މުޒާހަރާގެ ބައިވެރިން ދަނީ ދިވެހި ދިދަ ހިފައިގެން މާލޭގެ މަގުތަކުގައި ހިނގަމުންނެވެ. އެ މުޒާހަރާގެ ތެރެއިން މީހުން ހިފެހެެއްޓުމަށް ފުލުހުން ބައެއް ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދެއެވެ.

ޕީޕީއެމް އިން ރޭ ބޭއްވި މުޒާހަރާގައި ނޫސްވެރިންނާ ވާހަދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މީގެ ކުރިން ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކޮށްފައިވަނިކޮށް ދަށު ކޯޓަށް މައްސަލަ ވައްދައި އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ނުހައްގުން ކަމަށެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކުރާ މުޒާހަރާ--- ފޮޓޯ/ ޕީޕީއެމް

އޭނާ ވިދާޅުވީ ހުކުމުގައި ސަރުކާރުގެ ނުފޫޒު އިންތިހާއަށް ހިމެނޭ ކަމަށާއި ރައްޔިތުންނަށް އެކަން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.

އެ ހުކުމާ ބެހޭ ގޮތުން އެމަނިކުފާނުގެ ލޯޔަރުން އިއްޔެ ބުނީ، އެއީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ސިޔާސީ ހުކުމެއް ކަމަށާއި، ލަސްނުވެ، ވީހާވެސް އަވަހަށް އިސްތިއުނާފް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި، ކްރިމިނަލް ކޯޓުން އިއްވި ހުކުމް އެއްވެސް ވަރަކަށް ބަލައި ނުގަންނަ ކަމަށާއި، އެ ހުކުމަކީ ގާނޫނު އަސާސީ އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ އެންމެހާ އުސޫލުތަކާ ޚިލާފަށް ކުރި ހުކުމެއް ކަމަށްވެސް ރައީސް ޔާމީންގެ ވަކީލުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ހަމައެކަނި ރައީސް ޔާމީން ކަމަށެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ހުކުމް ކުރުމަށް ޝަރީއަތް ކުރިއަށް ދިޔަ ވަގުތުގައާއި އެމަނިކުފާނު ކޯޓަށް ވަޑައިގެންނެވި ވަގުތު ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން އެސަރަހައްދަށް އެއްވިއެވެ.