26 Dec 2022, 20:17
ވޯލްޑް ކަޕާ ގުޅިގެން އައި ބައިނަލްއަގްވާމީ ބްރޭކަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބްރެންޓްފޯޑާއި ޓޮޓެންހަމްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.
ބްރެންޓްފޯޑުގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ،
މެޗުގައި ބްރެންޓްފޯޑުގެ ކުޅުންތެރިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް މެޗުގެ ކުރީކޮޅުގައި އެ ޓީމުން ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ.
އެހެންނަމަ ވެސް މުޅި މެޗަށް ބަލާލާއިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކިންގް ގޭމެއް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ޓޮޓެންހަމުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބްރެންޓްފޯޑުންނެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިޓާލީ ޖެނެލްޓް އެވެ.
ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލައި، ދެވަނަ ހާފު ވެސް ބްރެންޓްފޯޑުން ފެށީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މިހާފު ފަށައިގެން ނުވަވަނަ މިނެޓުގައި އެ ޓީމުން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. މެޗުގެ 54 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އައިވަން ޓޯނީ އެވެ.
މިއީ ޕްރިމިއާ ލީގުގައި ޓޯނީ ކުޅުނު ފުރަތަމަ 50 މެޗުގެ ތެރެއިން އޭނާ ޖެހި 23 ވަނަ ލަނޑެވެ. އަދި އޭނާ ވަނީ ހަތް އެސިސްޓު ވެސް ކޮށްދީފައެވެ. މިއާއެކު އޭނާ އަކީ ޕްރިމިއާ ލީގުގައި، ޖޭމީ ވާޑީއަށް ފަހު، ފުރަތަމަ 50 މެޗުގެ ތެރެއިން 30އަށް ވުރެ ގިނަ ގޯލް އިންވޯލްމަންޓްސް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ޓޯނީގެ މި ލަނޑަށް 11 މިނެޓުފަހުން ޓޮޓެންހަމުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް ހެރީ ކޭން އެވެ.
ޓޮޓެންހަމަށް މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދީ، ބްރެންޓްފޯޑު އަތުން ބަލިވުމުން ސަލާމަތް ކޮށްދިނީ ޕިއާ އެމިލް ހޮއިބިއާ އެވެ.
މި މެޗު ހަމަހަމަ ނަތީޖާއަކުން ނިމުނުއިރު، އެންމެފަހުންް ބްރެންޓްފޯޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗެއްގައި ބްރެންޓްފޯޑަށް މޮޅެއް ހޯދިފައި ވަނީ 1948 ވަނަ އަހަރު އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅުނު މެޗެއްގައެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމްއިން ވަނީ ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގައި ހަތަރުވަނަ ދަމަހައްޓާފައެވެ. މިހާތަނަށް އެޓީމުން މި ސީޒަނުގެ ލީގުގައި ކުޅުނު 16 މެޗުން 30 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތްއިރު، ފަސްވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެ 26 ޕޮއިންޓު ހޯދާފައިވާ މެންޗަސްޓާ ޔުނައިޓެޑެވެ.
ބްރެންޓްފޯޑަށް 16 މެޗުން 20 ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ދެން މެޗެއް ކުޅެން ޖެހޭނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހު ބްރެންޓްފޯޑާ ދެކޮޅަށް ނުކުންނާނީ ވެސްޓްހަމް ޔުނައިޓެޑެވެ.
ޓޮޓެންހަމްއަށް ކުރިއަށް ދެން އޮތީ އަންނަ އަހަރުގެ ފުރަތަމަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.