ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯގެ މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯގެ 2021 ވަނަ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވާފައިވާއިރު، މިޖަލްސާގައި ވޭތުވެދިޔަ 2021 ވަނަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި، ކުންފުނީގެ މާލީ ހިސާބުތަކާއި ކުންފުނީގެ ކުރިމަގަށް އަލިއަޅުވާލާފައިވެއެވެ.

އެގޮތުން، ދުނިޔެއަށް ދިމާވި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އައި އިރު، ދުނިޔެއާއި ދިވެހިރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި، ދިމާވި އެކި ގޮންޖެހުންތަކާ އެކުވެސް އެކުންފުނީގެ މާލީ ހާލަތު ދެމެހެއްޓިފައިވާކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ މިހާރުގެ އަމާޒަކީ ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކޮށް، ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށެވެ. އަދި، ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، އިޔާދަ ކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުމަށް ރާވާފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ 2021 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން / ފޮޓޯ: ސްޓެލްކޯ

އަހަރީ ޖަލްސާގައި ސްޓެލްކޯއިން ވަނީ 2023 ވަނަ އަހަރަށް އެކުންފުނިން ލަފާކުރާ ސާޕްލަސް ބަޖެޓްވެސް ހުށަހަޅާފައެވެ.

މީގެއިތުރުން ކުންފުނިން ނިންމާފައިވާ ބައެއް މުހިންމު ނިންމުންތަކަށް ބަލާއިރު ސްޓެލްކޯގެ ވިޔަފާރި ފުޅާކޮށް، ސޭލްސް ސެންޓަރާއި ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާކޮށް އޭގެއިން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުމާއި، ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތް ޕަވާ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ގޮތުގައި 70 މެގަވޮޓްގެ ޕަވަޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވެއެވެ.

އަދި ހަމަ އެހެންމެ، ގްރޭޓާ މާލޭ އިންޓާ ކަނެކްޝަން ގްރިޑްގެ ފޭސް ދޭއްގެ މަސައްކަތް ފަށައި، މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅު އެއް ވިއުގައަކުން ގުޅުވާލުމަށާއި ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށްވެސް އެކުންފުނިން ނިންމާފައިވެއެވެ.

ސްޓެލްކޯގެ 2021 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން / ފޮޓޯ: ސްޓެލްކޯ

މި ޖަލްސާގައި ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް ވަނީ އެކުންފުނީގެ މަސައްކަތްތަކުގައި ސަރުކާރުން އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްވާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވާފައެވެ.