26 Dec 2022, 19:06
ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައި ވެސް ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ސަރުކާރުން ނުފޫޒުފޯރުވާފައިވާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައިވަނިކޮށެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާ ކުރިކަމުގެ ކުށުގެ ދައުވާއެެވެ.
މި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު 11 އަަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިއްޔެގައެވެ.
މި ހުކުމާމެދު ކަންބޮޑުވުން ފައުޅުކޮށް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ ދުރާލާ ރާވައިގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ.
އިދިކޮޅުން ކުރާ ތުހުމަތުތައް ދޮގުކުރައްވާ "ސަން"އާ ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
"ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވުމަށް އެއްވެސް ކަމެއް ނުކުރާނެ،" މިއުވާން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިތުރުން، އެމަނިކުފާނަށް ރިޝްވަތު ދިންކަން ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލަށްލާން ހުކުމް ކޮށްފައެވެ.
ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރުމާ ގުޅުވައިގެން އެމަނިކުފާނު ވަގުތުން މިނިވަންކުރަން ގޮވައިލާ އިދިކޮޅުން ރޭ ވަނީ މުޒާހަރާކޮށްފައެވެ.