ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުގެ ދައުރު ހަމަވެ، ޕީއެސްއެމްގެ ހިންގުން އެކުންފުނީގެ ޕްރޮކިއުމަންޓް ޑިރެކްޓަރު މުޙައްމަދު ސައީދުއާ ހަވާލުކޮށްފިއެވެ.

އެކުންފުނީގެ ބޯޑުގައި ފަސް މެމްބަރުން ތިއްބަވާއިރު، ހަތަރު އަހަރުގެ ދައުރު ހަމަވެ، އަލީ ޚާލިދުގެ އިތުރުން، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމް ވެސް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޕީއެސްއެމްގެ ހިންގުން އެކުންފުނީގެ ޕްރޮކިއުމަންޓް ޑިރެކްޓަރު މުޙައްމަދު ސައީދުއާ ހަވާލުކުރީ، މިދިޔަ ހޮނިހިރު ދުވަހަށް ޕީއެސްއެމްގެ އެމްޑީ އަދި ޑީއެމްޑީގެ ދައުރު ހަމަވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އޭގެކުރިން އެންގި ނަމަވެސް، ދައުރު ހަމަވިއިރުވެސް އެކަމާމެދު ރައީސް އޮފީހުން ވަކި ގޮތެއް ނިންމާފައި ނުވާތީއެވެ.

އަލީ ޚާލިދުގެ ދައުރު ހަމަވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި ޝަމީމްގެ ދައުރު ހަމަވެފައިވަނީ މިއަދެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މިވަގުތު އެކަމާ ގުޅޭގޮތުން ދަންނަވާނެ ބަހެއް ނެތް ކަމަށެވެ.