26 Dec 2022, 16:37
ރާއްޖެއަށް ކުނި އެތެރެކުރުމަށް ތާއީދުނުކުރާ ކަމަށާއި ކުނި މެނޭޖުކުރުމުގެ ގާނޫނު އޮތީ ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ގޮތަށް ނޫން ކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
ވޭސްޓް މެނޭޖްމެންޓް ގާނޫނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިހާރު ތަސްދީގުކުރައްވާފައިވާއިރު އެ ގާނޫނު މަޖިލީހުން ފާސްކުރުމުގެ ކުރިން ގެނައި ބަދަލުތަކުގައިވަނީ އެ ގާނޫނުގެ ދަށުން ރާއްޖެއަށް ކުނި އެތެރެކުރެވިދާނެ ފަދަ މާއްދާއެއް އިތުރުކޮށްފައެވެ.
އެ މާއްދާއާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެ އެތެރެކޮށްގެން ނުވާނެ ކަމަށެވެ. ކުނި އެތެރެކުރުމުގެ ހުއްދައަށް އެދުމުން އެފަދަ ހުއްދައެއް ދޭންވާނީ މިނިސްޓްރީން ހަދާފައިވާ ގަވާއިދާ އެއްގޮތަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ކުނި އެތެރެކުރޭވެނެ ކަމަށް ބުނެފައިވާ މާއްދާއާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް އެންވާރަމެންޓް މިނިސްޓްރީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ކިޔާފައެވެ.
އެފަދަ ދަނޑިވަޅެއްގައި އެންވާރަމެންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޒާ ވިދާޅުވީ ކުނި މެނޭޖު ކުރުމުގެ ގާނޫނުގައިވާ އެ މާއްދާ ގިނަ ބަޔަކަށް އޮޅިފައިވާ ކަމަށެވެ.
"ގާނޫނުގައި މިހާރުވެސް ހުއްދައެއް ނުކުރޭ ކުނި އެތެރެކުރާކަށް. އެ ގާނޫގައި ވަނީ ރާއްޖެއިން އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް އެތެރެކުރެވޭނީ މިނިސްޓްރީގެ ހުއްދައާއެކު ކަމަށް. އެހެންވީމަ އިތުރު ގޮތަކަށް އެކަމެއް ނުވާނެ،" އޭނާ ވިދާޅުވިއެެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭރުން ކުނި އެތެރެކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެންމެ މުހިއްމު ކަމަކީ ރާއްޖޭގައި އުފައްދާ ކުނި މެނޭޖުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މުރުތާޒް ވިދާޅުވީ ރާއްޖެއަށް ކުނި އެތެރެކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެކަމާ ގުޅިގެން އެންވާރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު ވިދާޅުވީ ކުނި އެތެރެކުރަން މިނިސްޓްރީން އެއްވެސް ވަރަކަށް ތާއީދު ނުކުރާ ކަމަށެވެ.
ކުނި މެނޭޖުކުރާ ބިލުގެ އެ މާއްދާއަށް ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު މިނިސްޓްރީން ވަނީ އެ މާއްދާ އިސްލާހު ކުރާނެކަމަށް ބުނެފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެ މަސައްކަތް ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންސަރު ވިދާޅުވިއެވެ.
ނަމަވެސް އިސްލާހު ގެންނަނީ ކިހިނެއް ކަމެއް މިހާތަނަށް ނިންމާފައިނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.