26 Dec 2022, 15:31
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މައްސަލައިގައި ހުކުމް ކުރިޔާ އެތައް އިރެއް ފަހުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ހަވާލުކޮށްފިއެވެ.
ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ވަކީލުންނާ ހަވާލުކުރީ، އެ މައްސަލައިގައި ހުކުމް އިއްވިތާ 20 ގަޑިއިރު ފަހުންނެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑިރެކްޝަންގައި ވާގޮތުން އެ ރިޕޯޓަކީ ހުކުމް އިއްވާ ދުވަހު އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަަށް ލިބެންޖެހޭ އެއްޗެކެވެ.
އެހެންވެ، މީގެ ކުރިން އެ ރިޕޯޓު ނުލިބިގެން ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ އެއީ މި މައްސަލަ އިސްތިއުނާފްކުރަން ސީދާ ކްރިމިނަލް ކޯޓުން ހުރަސް އެޅުން ކަމުގައި ސިފަކުރައްވައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ.
ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުދީ ލަސްވެގެން މިއަދު ހެނދުނު އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެމްބަރުން ވެސް ވަނީ ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެފައެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި، މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖުމުލަ 11 އަހަރުގެ ޖަލު ހުކުމެއް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.
ދައުލަތުން މީގެ ކުރިން ވެސް ވަނީ މަނީލޯންޑްރިންގެ އިތުރު ދައުވާއެއް ޔާމީނަށް އުފުލައިފައެވެ. އެ މައްސަލައިގާ ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވިއެވެ. އެކަމަކު، ހައިކޯޓުން ވެސް އެ ހުކުމަށް ތާއީދުކޮށްފައިވަނިކޮށް އެފަހަރު ޔާމީން މިނިވަންވެވަޑައިގަތީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ.