ބައެއް ގައުމުތަކުން އިންޑިއާއަށް އެތެރެވާއިރު ކޮވިޑް ނެގެޓިވްކަން އަންގައިދޭ ނަތީޖާއެއް ގެނައުން މަޖުބޫރުކޮށްފިއެވެ.

އިންޑިއާއަށް އެތެރެވާއިރު ކޮވިޑް ނެގެޓިވް ނަތީޖާއެއް ބޭނުންވާ ގައުމުތަކަކީ ޗައިނާއާއި، ޖަޕާނާއި، ސައުތު ކޮރެއާގެ އިތުރުން، ހޮންގްކޮންގް އަދި ތައިލޭންޑެވެ.

އިއްޔެ އެ ގައުމުގެ ހެލްތު މިނިސްޓަރު މަންސޫހު މަންޑާވިޔާ ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ފަސް ގައުމުން އެތެރެވާ މީހުންގެ ކިބައިން ކޮވިޑް19ގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ނުވަތަ ބައްޔަށް ޕޮޒިޓިވް ނަމަ ވަގުތުން ކަރަންޓީނުކުރާނެކަމަށެވެ.

މިހާރު ވެސް އެ ގައުމުގެ އެއާޕޯޓުތަކުގައި ކޮވިޑް19 އަށް ޓެސްޓުކުރުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.

އިންޑިއާއަކީ ދެވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވި ގައުމެވެ. މި ވަގުތު ވެސް އެ ގައުމުގައި އެކްޓިވް ކޭސްގެ ގޮތުގައި 3،400 ކޭސް އެބަ ހުއްޓެވެ.