ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުالله ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި އެމަނިކުފާނު ވާދަކުރެއްވުމުގެ ދޮރު ބަންދު ކުރުމަށް ކަމަށް މާލެ ސިޓީ ކައުންސިލުން ތުހުމަތުކޮށްފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުލަތުން އުފުލި، މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖުމުލަ 11 އަހަރުގެ ޖަލު ހުކުމެއް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.

އެކަމާ ގުޅިގެން ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, ޔާމީނަށް ކޮށްފައިވާ ހުކުމަކީ މާލެ ސިޓީއަށާއި މުޅި ދިވެހި އުއްމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ. އަދި، އެ ހުކުމް ކޮށްފައިވަނީ ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ތުހުމަތު ކޮށްފައެވެ.

"އެމަނިކުފާނުގެ މައްޗަށް މިއިއްވި ހުކުމަކީ ކުރިއަށް އޮތް ދިވެހި ރާއްޖޭގެ ރިޔާސީ އިންތިޙާބުގައި އިދިކޮޅު ރިޔާސީ ކެންޑީޑޭޓެއްގެ ގޮތުގައި އެ މަނިކުފާނު ވާދަކުރެއްވުމަށް ވަރަށް ގިނަ ރައްޔިތުންތަކެއްގެ ރުހުމާއެކު ނިކުންނެވުމުން އެ ފުރުސަތުވެސް އެ މަނިކުފާނުގެ ކިބައިން ނިގުޅައިގަތުމުގެ ނިޔަތުގައި ކޮށްފައިވާ ހުކުމެއް ކަމުގައި ނޫނީ ނުމެވެއެވެ," ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޔާމީނަކީ ދިވެހިރާއްޖެއަށާއި ހާއްސަކޮށް މާލެ ސިޓީއަށް ދުވަހަކުވެސް ނުގެނެވޭނެ ފަދަ ތަރައްގީގެ ގިނަ ގުނަ މަސައްކަތްތަކެއް ގުނާ އަދަދު ނުކުރެވޭހާ ގިނަ އަދަދަކަށް ގެނެސްދެއްވައި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ރައީސެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

"އެމަނިކުފާނަށް ލިބިވަޑައިގެންނެވި މި ހިތާމައިގައި ކެތްތެރިވުމަށާއި އެ މަނިކުފާނަށް ކާމިޔާބް ދެއްވުމަށް އެދި ދުޢާ ކުރަން. މި ހުކުމުގެ ސަބަބުން މި ދިވެހި ގައުމު ވެއްޓިފައި މިވަނީ ފުންއަނދަވަޅަކަށްކަމުން މިކަމުން އަރައިގަނެ އެމަނިކުފާނު އެނބުރި ރައްޔިތުންގެ ހިދުމަތަށް އައުމުގެ ހެޔޮ ތައުފީގު މިންވަރުކުރެއްވުން އެދި الله ސުބުހާނަހޫ ވަތައާލާގެ ހަޒުރަތުގައި ދުއާ ދަންނަވަން," ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޔާމީނަށް ހުކުމް ކުރުމާ ގުޅިގެން އިއްޔެ މާލެ ސިޓީގެ މަގުމަށްޗައް އިދިކޮޅު ފަރާތްތަކުން ވަނީ ނުކުމެ ޝޫއޫރު ފާޅުކޮށްފައެވެ.