29 Dec 2022, 09:04
ރަސޫލު ސައްލަﷲ އަލައހި ވަސައްލަމް ހަދީސް ކުރެއްވިއެވެ."އަޅާ އޭނަގެ ވެރި ރަސްކަލާނގެއާއި އެންމެ ކުއްތަންވަނީ އޭނަ ސަޖިދައިގާ އޮންނަ ވަގުތުގައެވެ. ސަޖިދައިގާ އޮންނަ ވަގުތު ތިޔަބައިމީހުން ދުޢާކުރުން ގިނަ ކުރާށެވެ."
***
"އާ ޔޫ އޯކޭ ދަރިފުޅު." ޝުވޭކާރުވެސް މިނަލްގެ ކޮނޑުގައި މަޑުމަޑުން ހިފެހެއްޓިއެވެ.
އެރޭގެ އުފާވެރިކަން ރޫޅިގެން ގޮސްދާނެ ފަދަ ހާދިސާއެއް މެދުވެރިނުވެ ސަލާމަތްވީ ހަމަކިރިޔާއެވެ. މިނަލްގެ ވާހަކަތައް ގަބޫލުނުކުރި މީހަކަށް ހުރި ހަމައެކަނި އަދާރާކަން ނޭގެއެވެ. މިނަލް ފާލަންމަތިން ކައްސާނުލާ ކަމާއި ފުންމައިލީކަން އަދާރާއަށް ޔަގީނެވެ. އެ މަންޒަރު ގާތުން ދެކުނީ އޭނައެވެ. މިނަލް ދޮގުހަދަންވީ ސަބަބަކީ ކޮބާހެއްޔެވެ؟ މާގިނައިރެއްނުވެ މިނަލް ހެދުން ބަދަލުކޮށްލައިގެން ޕާޓީއާއި ގުޅި މަޖާކޮށް ހޭންހުއްޓެވެ. ހަގީގަތުގައިވެސް އަދާރާގެ ލޮލަށް އެގޮތަށް މަންޒަރު ފެނުނީހެއްޔެވެ؟ އަދާރާގެ ހިތާމައަކީ މިނަލްވެސް އޭނައާއި އަޅާނުލާ ޖުއާނާގެ ސްޓައިލިޝް އެކުވެރިންނާއެކު ވުމެވެ. އަދާރާ މޭކަޕްކުރިޔަސް ކިތަންމެ ރީއްޗަސް އެކުދިންގެ އެކުވެރިކަމުގެ ބުރުގެ ތެރެއަކު ހިމަނައިލާނެ ގޮތެއްނުވިއެވެ. ދަލުބޭރުން ޖެހެން އުޅޭ މީހެކޭ އޭނައެކޭ ތަފާތެއްނެތެވެ. "ބާކީ" އެ އިހުސާސްއަކީ ވަރުގަަދަ ނުބައި އިހުސާސެކެވެ. ބާކީވުމަކީ ހަޔާތާއި ގުޅި ލާމެހިފައިވާ އެއްބައިފަދައެވެ.
ދާނިޔާ އައި ނަމައޭ ހިތަށް އެރިއެވެ. "ފްރީމިކްސިން" ހަރާމްކަމަށް ދާނިޔާ ބުނުމުން އަދާރާގެ ހިތްވެސް އެކަމާއި އަރައިރުންވިއެވެ. ދާނިޔާމެންގެ ވިސްނުން މާ ހަރުކަށީބާވައެވެ. ނޫނީ އޭނަގެ އީމާންތެރިކަން ދަށީބާވައެވެ. ޔަގީނުންވެސް އޭނަ މީހެއްގެ ފިރިއެއްގެ ގޮތުގައި ހުރެ ފިރިމީހާގެ ބޭބެއާއި ހިތާވެގެން ހަންޑިއެއްހެން އަވަލާފައި ފަހަތުން އުޅުމަކީ ހުއްދަކަމެއްނޫނެވެ.
ފާލަން އޮތް ދިމާލަށް ދިޔަޔަސް މިއުޒިކްގެ ބޮލަށް އުދަގޫވާ އަޑު ކަންފަތުގައި ހަރުލާފައިވިއެވެ. އޭނަވެސް މިނަލް ފަދައިން އެ ދިގު ފާލަމުގެ އެންމެ ކޮޅާއި ހަމަޔަށް ގޮސް މޫދާއި ދިމާލަށް ބަލަން ހުރިިއިރު ލޮލުން ކަރުނަ ތިކިތައް ބަބުޅައެވެ. މޫދުގެ ހިމޭންކަމާއި ކަޅުކަންވެސް އޭނަގެ ހަޔާތްފަދައެވެ. ދާނިޔާއަށް ގުޅީ ހިތަށް ލުޔެއް ލިބޭތޯއެވެ. "ދާނީ ނެތީމަ މި ޕާޓީ ވަރަށް ފަޅު...މިސް ޔޫ............"
"އަހަންނަށް އެނގޭ އެކަމަކު.....މިހާރުވެސް އެއިވެނީ މިއުޒިކްގެ އަޑު.ކިހިނެއް އެކަހަލަ ތަނަކަށް ދާނީ؟"
"އާނ މުއްސަދިންގެ އުފާވެރި ކުލަ ތަސްވީރުތަކުގެ ތެރެއަށް އަހަރެމެން ވަންނަން އުޅުނަސް ބާކީވާނެ. އަހަންނާއިވެސް ގުޅޭ ދުނިޔެއެއްނޫން. މާމަތީގައި އުޅޭ ބަޔެއްހެން ހީވަނީ. ސީރިޔަސްކޮށް ފީލްވަނީ ހަމަ ބާކީވެފައި ހުންނަ ހެން. އެންމެން ޖުއާނާގެ ވަށައިގެނ އެނބުރެނީ ޕަރުވާނާތައް ހުޅުކޮޅު ވަށައިގެން އެނބުރޭހެން. ހާދަ ޕޮޕިއުލާ ގާލްއެކޭ. އަދި ޖުއާނާގެ ފްރެންޑްސް ހީވަނީ މޮޑެލްސްހެން. އެނގޭތަ؟ އެންމެންވެސް އަތްކުރު މިޑީތަކުގައި މޭމަތިވެސް ދައްކައިގެން. ހަށިގަނޑުގެ ބޮޑުބައި ފެނުނަސް ހާދަ ރީއްޗޭ. މިނަލްވެސް އެކަހަލަ ހެދުމެއްގައި ހުރީ. މިރޭ މިނަލްގެ ފުރާނަ ނެތް މަސްގަނޑު ގެއަށް ގެންދާން ނުލިބުނީ ހަމަ ކިރިޔާ...." އަދާރާ އެ ހާދިސާ ހިނގިގޮތް ކިޔައިދިނެވެ. "އަމިއްލައަށް މަރުވާން އުޅުނީހެން ހީވޭ..."
"ހުރިހާ ނިއުމަތްތައް ލިބިފައިވާއިރުވެސް ރޫހާނީ ހިތްހަމަޖެހުން ނުލިބެނީ...ކީއްވެ މިނަލް މަރުވާންއުޅެންވީ؟"
"ނޭގެ. ސްޓްރޭންޖް ދޯ. އޭނަ ބުނީ ކައްސާލައިގެން ވެއްޓުނީޔޯ. އެކަމަކު ބަލަން ހުއްޓާ....ޝީ ޖަމްޕްޑް ހަމަ. އަމިއްލަ ލޮލުން ދެކުނީމަ ޔަގީންވީ. މިނަލް ކޮންކަމެއް ނެތިގެން ﷲގެ ރަހުމަތުން މާޔޫސްވީ. ހުރިހާ ނިއުމަތެއް ދެއްވާފައިވާއިރުވެސް އިންސާނާގެ ހިތެއް ނުފުރޭނެދޯ. އަހަރެން މިހެން ބުނާ މީހާއަށްވެސް ލިބިފައިވާ ގިނަ ނިއުމަތްތައް ގުނާލައިގެން މަޑުން ހުންނަން ނޭގުނުވިއްޔަ. ދާނީ ކީއްކުރަނީ؟"
"ގުރުއާން ކިޔަވަން މިއިނީ. މެމޮރައިޒް ކުރަން ވަރަށް މަސައްކަތްކުރަން. ރިލެކްސިން...ސްޓްރެސްވެސް ފިލާކަމެއްކަން އެނގުނީ ގުރުއާންގެ އާޔަތްތައް ދަސްކުރަންފެށީމަ....އަދާވެސް ފަށަންވީނު. ޔަގީނުންވެސް އާޚިރަތަށްޓަކާ އިންވެސްޓް ކުރެވޭނެ ދޯ................."ދާނިޔާގެ އަޑުގައި އުފާވެރިކަން އެކުލެވުނެވެ. އަދާރާގެ ލޮލުން ކަރުނަ ފައިބާއިރު އޭނަގެ އެކުވެރިޔާގެ ދިރިއުޅުން އެހާ ސާދާއިރުވެސް އުފާވެރިކަމާއި ހަމަޖެހުމުގައެވެ.
"އެހެން ކަމަކާއި އުޅެވޭނީވެސް ހިތަށް ހަމަޖެހުމެއް ލިބިގެންކަން ނޭގޭ..ކުރިމަތީގައި ލޯބިވެރިޔާ އެހެން އަންހެނަކާއިއެކު އުޅޭތަން އަބަދު ފެންނަ މީހަކަށް އެ އުދަގޫތައް އިހުސާސްވާނީ. މިހެން ކިޔާދިނަސް ދާނީއަކަށްވެސް ނޭގޭނެ.."އަދާރާ ނޭފަތް ދަމައިލިއެވެ.
"އާނ. ކީކޭ ބުނާނީ..އަދާ ހިތްވަރުކުރޭ."
"ޖުއާނާ ހެދުނު ހޭލައިގެން ނުކުތްއިރު ހުރީ ޕިންކް ޓޮޕަކާއި ކަޅުޓައިޓެއްގައި...ފެންވަރާލައިގެން އައިއިރު ފްރެޝްކަމުން އަހަންނަށްވެސް ބަލަން އިނދެވުނު...ހާދަ ޖެލަސްއެއްވިއޭ..ހުސާމްދެކެ ލޯބިވާވަރު އެނގުނީ އެކުއްޖާގެ ނަޒަރު ހުއްޓޭގޮތުންނާއި އެހާ ލޯބިން ކޮފީ ހަދާދިނީމަ. ގޭގައި ނޯކަރުންގެ ފައުޖެއް އޮތްއިރުވެސް އަމިއްލަ އަތުން ނާސްތާ ތައްޔާރުކޮށްދިނީ. ޝުވޭކާރު ހިނިއައިސް ހުރިހާ ދަތްތައް ދައްކާލައިގެން ހުރެ އެވާހަކަދެއްކީ....އައި ވޯޒް ލައިކް....ހަމަ...ކިރިޔާ ހުރިތަނަށް ނުދެމުނީ. އެހާވެސް ވަރުބަލިވި މާޔޫސްވި. އެކުއްޖާ އެހެރީ މަގޭ މަގާމުގައޭ ހިތަށް އެރީ. ޖުއާނާ އާރިސްއާއި ކައިވެނިކުރިނަމަ މިގޮތަށް ވާން ނުޖެހުނީސް. މައްސަލައަކީ އަހަރެންގެ އެއްޗެއް އޭނަ ފޭރިގަތީ......."އަދާރާގެ ހިތް ބަންޑުންކުރަމުން ދިޔަ ވަރަކަށް ލޮލުން އޮހެމުން ދިޔަ ކަރުނަތައް އިތުރުވެ އިރުއިރުކޮޅާ ކޯތާފަތް ފޮހެން ޖެހުނެވެ.
"އަދާ...ﷲ ތައާލާއަށް ޓްރަސްޓްކޮށްބަލަ. އަހަރެމެންނަށް ހިތާއި ސިކުނޑީގެ ކަންތައްތަކާ ވިސްނާގޮތް ދެނެގަނެވިދާނެ. އެކަމަކު އަހަރެމެންގެ ފުރާނައާއި ބެހޭގޮތުން އެނގެނީ ކޯނޗެއް؟ އެފުރާނަ ރައްކާތެރިކުރައްވަނީ ހެއްދެވި ފަރާތް. އަހަރެމެންނަށް ނޭގުނަސް ނުބައި ދިމާލަކަށް ދެވުމުގެ ކުރިން އެފަރާތުން އަހަރެމެން ސަލާމަތްކުރައްވަނީ ކަން ނޭގޭ. ކޮންމެ ކަމެއްގެ ހިކުމަތް ދެނެވޮޑިގެންވަނީ ﷲ ސުބުހާނަހޫ ވަތައާލާ. ހުސާމް އަދާއާއިމެދު ކަންތައް ކުރީ ކިހިނެއް؟ އޭނަ ޖުއާނާއަށް ބޭވަފާތެރިނުވާނެކަން އެނގެނީ ކިހިނެއް؟ އަދާވެސް އޭނައާއެކު އެތައް އަހަރެއްވާންދެން ހަމަ ޖުއާނާ އުޅުނުފަދައިން އުފާވެރިކޮށް ލޯބިވެރިއެއްގެ ގޮތުގައި އުޅުނީ. އެކަމަކު ހުސާމް ބޭވަފާތެރިވީ...ޖުއާނާއަށް ދެރަގޮތެއް ނުވާނެކަން އަދާއަށް އެނގޭތަ؟ އެހެން އަންހެންކުއްޖެއް ފެނިގެން ނުދާނެތަ؟" ދާނިޔާ ސުވާލުކުރިއެވެ.
"ޖުއާނާއަކީ މިސް ޕާފެކްޓް...."
"ތީވެސް އެހާ ރީތި ކުއްޖެއް...."
"މަގޭ މޫނުގައި މިހިރަ ހުތުރު ލައްގަނޑު ދާނީއަށް ނުފެނޭ ދޯ. ނުކިޔަވާ ހުރި ފަގީރު އާއިލާއެއްގެ ނިކަމެއްޗެއް. ޒަމާނީގޮތަކަށް ނޫން އުޅެނީ. ހުސާމްފަދަ ފިރިހެންކުދިންނަށް އަހަރެމެން އެއްވެސް އެއްޗަކަށް ނުވާނެ. ދާނީ ފްރެންޑެއްވީމަ ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނެއޭ ބުނާ އުސޫލުން ވާހަކަ ތިދައްކަނީ. ކޮންމެ ގޮތެއްވިޔަސް ހުސާމް ވަރަށް ސަޅި ބައިސާ ކަނޑާނެ. އަދި ޖުއާނާވެސް އެހާ އުފާވެފައި ހުންނަތަން ފެނުނީމަ ހިތަށް އަރަނީ އަހަންނަށްވެސް އެ މަގާމުގައި ހުރެވުނުނަމަ އެހާ އުފާވާނެއޭ.....އަޅެ ކީއްވެ މިހެން މިވީ؟ އަހަންނަށް ހުސާމް ލިބުނުނަމަ............ކިހިނެއް ހަދާނީ؟" އަދާރާގެ އަޑުގައިވެސް ބަލިކަށިކަންވިއެވެ.
"ފަޔާ ފްލައި. ފަޔާ ފްލައި....................."އާރިސްގެ އަޑު އިވުމާއެކު އަދާރާގެ އަތުން ފޯނު ދޫނުވީ ހަމަ ކިރިޔާއެވެ. ދެވަނަ ސިކުންތުކޮޅުގައި އައިސް އޭނަގެ ގައިގާ ހިފެހެއްޓިގޮތަށް އަތްމައްޗަށް އުފުލައިލިގޮތުން އޭނަގެ ކަރުތެރެއިން ފިސްހަޅޭކެއްގެ އަޑު ނުކުތެވެ. ބިރުންގޮސް މޭގަނޑު އަނގަޔަށް ނައީ ހަމަކިރިޔާއެވެ. އާރިސް އޭނަ ކަނޑަށް ގަންބާލަން އުޅެނީހެއްޔެވެ؟ އެއަތުތެރެއިން ސަލާމަތްވާންވެގެން ތެޅިފޮޅިގަތަސް ވީކަމެއްނެތެވެ. ގޯންޏެއް ކޮނޑަށް ލިހެން ކޮނޑަށް ލައިގެން އޭނަ ހިނގައިގަތީ އެއްގަމާއި ދިމާލަށެވެ.
"އާރިސް. ހަމަ މިހާރު ދޫކުރޭ..." އަދާރާ އާރިސްގެ ބުރަކަށީގައި ދެއަތުން ތަޅައިގަތެވެ.
"އިރުގަނޑެއް ކުރިން ދޮންބެ އައިސް މިނޫ ސަލާމަތްކުރީ. އަހަރެން އަދާރާ ކަނޑަށް ފުންމައިލަންދެން ބަލަން ހުންނަންވީތަ؟ ބުޅާގަނޑެއްހެން ޑްރައުންވެދާނެ......" އާރިސް ވާހަކަދެއްކީ ހަމަޖެހޭ މީހެއްހެންނެވެ.
"ފާލަންމަތިން ފުންމައިލާކަށް ނޫން ދިޔައީ. ފޯނެއްގައި ހުރީ. ދޫކޮށްބަލަ މަގޭ ގައިން ޔޫ ކްރޭޒީ..މޮޔަވެގެން...މީހުންނަށް ފެނިއްޖެއްޔާ ކީކޭ ބުނާނީ. ހަމަ މިހާރު މިބުނަނީ ބިންމަތީގައި ބަހައްޓާށޭ. ނޫނީ އައި ވިލް ކިލް ޔޫ........"
އާރިސްގެ ކަންފަތަށް އެއްވެސް އަޑެއް އިވުނުކަމަކަށް ނުވިއެވެ. މީހުންގަނޑުގެ ތެރެއަށް ވަދެ އަދާރާ ބިންމަތީގައި ބަހައްޓާފައި ހޭންފެށިގޮތުން އަދާރާ ލަދުން ހަލާކުނުވީ ކިރިޔާއެވެ. ބިންގަނޑު އޭނަ ދިރުވައިލާނެނަމައެވެ. އާރިސްގެ އަނގަމަތީގައި ޖަހަން އެހާ ބޭނުންވިއިރެއް ނާދެއެވެ.
"ވަޓް ހެޕެންޑް އާރި؟ ކޮންކަމަކާއި ތިހެނީ؟" އާރިސް ދަންނަ މީހަކު އާރިސްގެ ކޮނޑުގައި އަތް ބޭއްވިއެވެ.
"އަދާ އުޅުނީ މިނޫއާއި ވާދައަށް ފާލަންމަތިން ފުންމާލަން. ސުއިސައިޑްވާން އުޅެނިކޮށް އަހަންނަށް ދެވުނީ...."
"ސުއިސައިޑް ޓްރެންޑިން ދޯ..."އެކަކު ހިނިގަނޑެއް ޖަހައިލިއެވެ.
"މަޖައެއްނޫން. ތި ނޫން ކަމަކާއި އުޅެބަލަ...އަހަރެމެންނަށް ސުއިސައިޑް މާ ސަޅި އެއްޗެއްނޫން. އެހެންނޫނަސް މިނޫ ސުއިސައިޑްވާކަށް ނޫޅޭ. އާރި އެހެން ބުނީ ސަމާސާއަކަށް ކަން ޔަގީން. މިނޫ ފޯނެއްގައި ހުރެ ވާހަކަދައްކަމުން ދަނިކޮށް ވެއްޓުނީ...."
"އާރި.....މަންމަ އެބަ ހޯދާ.." އައްޔާޝް އާރިސްގެ ކޮނޑުގައި އަތް ބާއްވާލުމަށްފަހު އެތަނުން ދުރަށް ގެންދިޔުމުން އަދާރާވެސް ހުހަށް ހުރި މޭޒަކާއި ދިމާލަށް ހިނގައިގަތީ ފޯނާއި ކުޅެމުންނެވެ. ވިދާ ބަބުޅަމުންދާ އަލިތަކުން ޖަރީވެފައިވާ މޫނުތަކުގެ ވެރި ރީތި އަންހެންކުދިން ސްޓައިލިޝް ހެދުންތަކުގައި ޒުވާނުންގެ ހިތް މަތީ ފައި އަޅަމުންދާއިރު އަދާރާ މަސައްކަތްކުރީ އެމަންޒަރަށް ނުބެލުމަށެވެ. އެވަރުންވެސް ހުސާމްގެ ހަރަކާތްތަކަށް ފާރަލެވެއެވެ. މިނަލް އޭނަގެ އުމުރުގެ ފިރިހެންކުއްޖަކާއި ވާހަކަދައްކަން ހުރިއިރު ވަރަށް މަޖާވެލާފައެވެ. ބައެއްފަހަރު ދެކުދިން އުޅެނީ އަތުގުޅުވާލައިގެންނެވެ. އެއީ މިނަލް ރައްޓެހިވެގެން އުޅޭ ފިރިހެންކުއްޖާހެއްޔެވެ؟
ޕާޓީ ނިމިގެން އެންމެން އެކީ ފޮޓޯ ނެގިއިރު އަދާރާއަށްވެސް ޖެހުނީ އެ ސެޝަނުގައި ބައިވެރިވުމަށެވެ. ޝާހީ އާއިލާކަމުން އެތައް ބަޔެއްގެ ސަމާލުކަން ލިބި އެންމެންގެ މޫނުމަތިން ފެނުނީ އެ މަގާމަށް ދަހިވެތިވެފައިވާކަމެވެ. އަދާރާއަށް ފަޚުރުވެރިކަމެއް ލިބުނެވެ. ނަމަވެސް އާރިސްއައި ގާތުގައި ހުންނަން ވުމުން އޭނަގެ ހިތްވަނީ ބިރުގެންފައެވެ. ފިނިވެގެންގޮސް އަތްފައި ގަނޑުފެންކޮޅަކަށްވެފައެވެ. އާރިސް ގޯހެއް ނަހަދާނެބާވައެވެ. ނަސީބަކުން އެރޭ އާރިސްގެ ތަބީއަތު މުޅިން ރަގަޅެވެ. ލަދުގަންނަވަރުގެ ކަމެއް އާރިސްގެ ފަރާތުން ނުފެނި ޕާޓީ ނިމުނެވެ.
***
އަދާރާ ކޮޓަރިއަށް ވަންގޮތަށް ލައިގެން ހުރި ހެދުންތަކުން ހަށިގަނޑު މިނިވަންކޮށް ދޫކޮށް އޮތް ޓީޝާޓަކާއި ފުޅާ ހަރުވާޅެއްލުމަށްފަހު މޭކަޕް ދޮވެލުމުން ތާޒާކަން އިހުސާސްވިއެވެ. އިސްތަށިގަނޑުން ހުޅިއެއް ޖެހިއެވެ. ނިދާބޮކި ދިއްލާލުމަށްފަހު އެނދަށް ވެއްޓިގަތްގޮތަށް އިރުގަނޑެއްވާންދެން ނިތްމަތީ އަތްބާވާލައިގެން ހުސާމްގެ ޚިޔާލުގެ ތެރެއަށް ފީނައިގެން އޮވެ ހިތަށް އަމިއްލައަށް ތަދުކުރިއެވެ. ސިކުނޑިއަށް ދަސްކޮށްދީގެން މާޒީގެ އެ ބާބުތައް ނުހުޅުވަން މަސައްކަތްކުރެވެން އޮތްއިރުވެސް އޭނަ އެ ހަނދާންތަކާއި ވަކިވާން ބޭނުންނުވަނީއެވެ. ކޮންމެވެސް ދުވަހަކުން ހުސާމް އޭނަގެ ހައްގަކަށްވާނެކަމުގެ އުއްމީދު ހިތުގެ ދޮރުގައި ޓަކިދެނީއެވެ.
ކޮންމެވެސް ދިމާލަކުން އާރިސް ހީގަތް އަޑު ކަންފަތުގައި ޖެހުނެވެ.
"މޮޔަގަނޑު..."އަދާރާ ތުން އޫކޮށްލިއެވެ. "އެކަމަކު ދާނީ ބުނާގޮތަށް ހަދައިގެން ހުސާމް ޖޭކޮށްލަން ކޮންމެހެންވެސް ޖެހޭ..ސްކިޒޮފްރީނިއާއާއި ބެހޭގޮތުން ދަސްކުރަންވީ ކަން ނޭގޭ..."
އަދާރާ އެނދުގެ ބާލީސްތަކާއި ކަންނޭލުތަކުގެ ތެރޭގައި ހަމަޖެހިލަމުން ރަޖާވެސް މެޔާއި ހަމަޔަށް އެޅިއެވެ. ފިނިކަމާއި ތަނުގައި ހިފާފައިވާ މީރުވަހާއިއެކު ވަރުބަލިވެފައިވާވަރުން ނިދީގެ އަރާމު ލިބިގަންނަން ހިތް އެދުނެވެ. ނިންޖާއި ހަގުރާމަކުރަމުން އަދާރާ ޔޫޓިއުބް ހުޅުވާލައިގެން ބަލަންފެށީ ސްކިޒޮފްރީނިއާ މީހުންގެ ވާހަކަތަކެވެ. ތަޖުރިބާތަކެވެ. އެފަދަ މީހުންގެ އިހުސާސްތަކާއި އެމީހުންގެ ވާހަކަ ފުރަތަމަފަހަރަށް އިވެންފެށުމުން ޝައުގުވެރިކަމެއް ހިތުގައި އުފެދުނެވެ. ބޮލުތެރެއިން އެހެން އަޑުތައް އިވުމާއި އެހެން މީހުން ފެނުމަކީ ހަމަ އަޖައިބެކެވެ. އެހެން މީހުންނަށް ނުފެންނަ މީހުން ފެނި އަޑުތައް އިވުމަކީ ތަފާތުކަމެކެވެ. ކުރިން އެވާހަކަތައް އިވުނަސް ސިކުނޑިއަށް މާ ބޮޑު އެއްޗެއް ނުވަދެއެވެ.ސްކިޒޮފްރީނިއާގެ ވާހަކަތަކާއި އާޓިކަލްތައްވެސް ހުޅުވައިގެން ބަލަން ފެށުނެވެ. އަދާރާ އަޖައިބުވީ ވަޒީފާއަށްގޮސް މީހުންނާއި އިނދެގެން ތިބޭ "ނޯމަލް" ކަމަށް ފެންނަ މީހުންގެ ތެރޭވެސް ސްކިޒޮފްރީނިއާ މީހުން އުޅޭކަން އެނގުމުންނެވެ. އެމީހުންގެ ހަޔާތުގެ ބައިވެރިންވެސް ތިބެއެވެ. ސަޕޯޓްވެސް ދެއެވެ. އޭނަ އާރިސް ފެނުނަސް ހޭނެތޭވަރުވެއެވެ. އެވަރުން އެކޮޓަރީގައި އުޅެން ހިތަށް އަރުވައިލާކަށްވެސް ނުކެރޭނެއެވެ.
***
މިނަލް މޫދަށް ވެއްޓި ލޮނު ބޮވުމުގެ ސަބަބުން ފުއްޕާމޭގައި އިންފެކްޝަނެއް ހެދިގެން ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ. ޕްރައިވެޓް ރޫމެއްގައި މިނަލް ދެދުވަހެއްވާންދެން އޮތްއިރު އޮކްސިޖަން ގުޅަންވެސް ޖެހުނެވެ. ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ ކުއްޖަކަށްވުމުން އިތުރަށް ބަލި ހާލަތުވެސް ގޯސްވީއެވެ. އާއިލާއާއި އެކުވެރިން މިނަލް ދެކެން އަންނައިރު އެންމެ ދެކެން ބޭނުންވި މީހާ ނައޭ ހިތަށް އަރާފައި މިނަލްގެ ހިތުގައި ޝަކުވާ އުފެދި ރޮވެންފެށިއެވެ. މިނަލްގެ ކަރުނައިގެ އަސްލެއް އެކަކަށްވެސް ނޭގެއެވެ. އަދާރާވެސް އޭނަގެ މައިދައިތަ ޝުވޭކާރުއާއި އެކީގައި މިނަލްދެކެލަން އައެވެ. ކޮޓަރީގެ ސޯފާސެޓްގައި އިށީދެ ފޯނާއި ކުޅެންފެށިތަނާ އެތެރެއަށް ވަން މީހަކު ފެނުމާއެކު ދެހިތެއްގެ ތެޅުން ޔަގީނުންވެސް އިތުރުވިއެވެ. އޭނަ ވަނުމާއެކު އާއްމުކޮށް ބޭނުންކުރާ ސެންޓްގެ ވަސް ތަނުގައި ހިފައިލުމުން އަދާރާއަށް އެތެރެއަށް ނޭވާލެވުނެވެ. ހާދަ ރީއްޗެވެ. އަޅި ދެލޯ ޖަވާހިރުފަދައެވެ. އެހާ ތާޒާއެވެ. ޓޭންވެފައިވުމުން ހަމަށް އަރާފައިވާ ރަންކުލައާއިއެކު އެރީތި ދެލޯ ފެނުމުން އަދާރާ ދުރުބަލައިލަންވެސް ބޭނުމެއްނުވިއެވެ.
"ހެލޯ ސްވީޓްހާޓް..." ހުސާމް މިނަލްއާއި އެއް އިސްކޮޅެއްގެ ބޮޑު ބެއާއެއް ދިއްކޮށްލިއެވެ.
"ތެންކިއު..."
"މިތަނުގައި އެކަނި އޮންނާނެކަން އެނގޭތީ ޕާޓްނާއެއް ގެނެސްދިނީ. ހަގްކޮށްލައިގެން ނިދާތި........"ހުސާމް މިނަލްގެ ނޭފަތުގައި ހިފައިލުމުން އެކުއްޖާ ނޭފަތް ގުރުޑުކޮށްލައިފިއެވެ.
"ތިހެން ހަދަންޏާ ނޭފަތުގެ ބައްޓަން ހަޑިވެދާނެ...." މިނަލްގެ ހިތުގައިވާހާ ޝަކުވާތައް ވަގުތުން ބަންޑުންކޮށްލިއެވެ."މާ ލަހުން ސޭމް ތިއައީ.......ވަރަށް ރުޅިއައިއްސަ މިއޮތީ.."
"ސޮރީ...."
ނުނިމޭ