ރާއްޖެއަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ހާދިސާގެ ތަޖުރިބާ ހިއްސާ ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކީރިތި ކުރައްވައިފިއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މ. ކޮޅުފުށީގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ އެ ދުވަހުގެ ތަޖުރިބާ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން އެ ދުވަހު އެމަނިކުފާނު ހުންނެވީ އާއިލާއާއެކު އުފަން ރަށް، ޅ. ހިންނަވަރުގައެވެ.

"އަޅުގަނޑަށް ވެސް އެދުވަހު ހުރެވުނީ އާއިލާއާއެކުގައި އަޅުގަނޑުގެ އުފަން ރަށުގައި. ލޮނުގަނޑު ރަށަ ތެރެއަށް އަރައިގެން އައިސް، ގޭތެރެއަށް ވަދެ، އެ ރާޅު ފައިބައިގެން ދިޔައިރުގައި މުޅި ރަށް ދޮވެލައިގެން އެދިޔަ ގޮތް އެއީ، އެދުވަހު އެތާ ހުރި މީހަކަށް ނޫނީ އިހުސާސް ނުކުރެވޭނެ ކަންތައްތަކެއް" އެމަނިކުފާނު ފެއްޓެވިއެވެ.

"އަޅުގަނޑުގެ ދޮށީ ދަރިފުޅު، ނުވަ އަހަރުގެ ޒާރާ.." އެ ހިސާބަށް ވިދާޅުވެވުނުތަނުން ރައީސަށް ކީރިތި ކުރެއްވިއްޖެއެވެ. އޭރު އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އިބްރާހިމް ވެސް ގެންދެވީ ކީރިތި ކުރައްވަމުންނެވެ.

އަސަރުން ފުރި، ވާހަކަފުޅު ހުއްޓަވައިލައްވާ ކުޑަ ވަގުތު ކޮޅެއް ހުންނެވުމަށް ފަހުގައި އެމަނިކުފާނު އަނެއްކާވެސް ވާހަކަ ކުރިޔަށް ގެންދެވިއެވެ.

"[ދޮށީ ދަރިކަލުން] އިނީ ގޭ ކުރިމަތީ ގަހެއްގައި، ފިރިހެން ދަރިފުޅު، ހަތް އަހަރުގެ، ހުރީ ފާރެއް މަތީގައި. މަންމައާއި ހުރިހާ ކޮއްކޮއިން ރަށުގައި ތިބި. މުޅި އާއިލާ އެކީގައި އޮތް." އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ. ރައީސް ޞާލިހް ވާހަކަފުޅު ކުރިޔަށް ގެންދެވީއިރު ވެސް މެޑަމް ފަޒްނާ އިންނެވީ ކީރިތި ކުރައްވާށެވެ.

އެމަނިކުފާނު ވިދާޅުވީ އެދުވަހު ކޮޅުފުއްޓަށް ވެގެންދިޔައީ އެއަށް ވުރެ އަދި މާ ބިރުވެރި، މާ ހިތާމަވެރި ތަޖުރިބާއެއް ކަމަށެވެ.

"[އެ ދުވަހަކީ] އެތައް ބައެއްގެ ދިރިއުޅުން ބިމާ ހަމަވެސް ކޮށްލި ހިތާމަވެރި ދުވަހެއް. އެހެންނަމަވެސް އެ ހިތާމައާއި ހިތްދަތިކަމުގެ މައްޗަށް ހިތްވަރާއި ސާބިތުކަން އެދުވަހު ލިބުނީ މާތްﷲގެ ދީލަތިވަންތަކަމާއި އޯގާވަންތަކަމާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ވަރުގަދަ އީމާންތެރިކަމުން" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ދުވަހުގެ ހިތްދަތިކަމުން އަރައިގަތުމުގައި އެންމެހާ ދިވެހިން ސާބިތުކޮށްދިނީ އެއްބައިވަންތަކަން ކަމަށެވެ.

މީހުން ދިރިނޫޅެވޭ ވަރަށް ބައެއް ރަށްރަށް ހަލާކުވެގެން ދިޔަކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެ ދުވަހު އެންމެހާ ދިވެހިން ސާބިތުކޮށްދިނީ އެއްބައިވަންތަކަމާއެކު ކޮންމެ ގޮންޖެހުމަކުން ވެސް އަރައިގަނެވިދާނެކަން ކަމަށެވެ.