ޓެލްއަވީީވް (އެޕްރިލް 10) : އިސްރާއީލުގެ ހަރުކަށި ކަމަށް ފާޑުކީ ޖަރުމަނުގެ މަޝްހޫރު ލިޔުންތެރިޔާ ގޮންޓަރ ގްރާސް އިސްރާއީލަށް ވަނުން މަނާކޮށްފި އެވެ.

އިސްރާއީލުގެ ދާޚިލީ ވަޒީރު ވިދާޅުވީ ޖަރުމަނުގެ މަޝްހޫރު ލިޔުންތެރިޔާ ގޮންޓަރ ގްރާސްއަށް އިސްރާއީލުން މަރްޙަބާ ނުކިޔާނެ ކަމަށާއި އޭނާ އިސްރާއީލަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ގްރާސްއަކީ އިސްރާއީލަށާއި އިސްރާއީލުގެ ޔަހޫދީންގެ މައްޗަށް ނަފްރަތު އުފައްދަން މަސައްކަތްކުރާ މީހެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އަދަބީ ރޮނގުން ނޮބެލް އިނާމު ލިބިފައިވާ ގްރާސް ދާދިފަހުން ހެއްދެވި ޅެމެއްގައި އިސްރާއީލަކީ ދުނިޔޭގެ އަމްނާއި ސަލާމަތަށް ނުރައްކާކުރާ ޤައުމެއް ކަމަށް ސިފަކުރައްވާފައި ވެއެވެ. އަދި އީރާނަށް ހަމަލާދީ އީރާނުގެ ރައްޔިތުން ވުޖޫދުން ފުހެލުމަށް އިސްރާއީލު ފަސްނުޖެހޭނެ ކަމުގެ ތުހުމަތުވެސް އޭނާ އިސްރާއީލުގެ މައްޗަށް ކުރައްވާފައި ވެއެވެ.

ޖަރުމަނުގެ އަދީބު ގްރާސް ވިދާޅުވީ އިސްރާއީލަކީ ޤައުމަކާ ދެކޮޅަށް ކޮންމެފަދަ އަނިޔާވެރި ޢަމަލެއްވެސް ހިންގަފާނެ ހަރުކަށި ޤައުމެއް ކަމަށާއި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުުމުގެ ސިޔާސީ ބޭނުމުގައި އީރާނުގެ ރައްޔިތުންގެ އެތަށް މިލިޔަން ބަޔަކު މަރާލުމަށްވެސް އިސްރާއީލު ފަސްނުޖެހޭނެ ކަމުގަ އެވެ. މިގޮތުން އީރާނުގެ ރައްޔިތުން ވުޖޫދުން ފުހެލާވަރުގެ ނުރައްކާތެރި ހަތިޔާރެއް އީރާނާ ދެކޮޅަށް ބޭނުންކުރަންވެސް އިސްރާއީލު ފަސްނުޖެހޭނެ ކަމަށް ގްރާސް ވިދާޅުވެފައި ވެއެވެ.