މެންޗިސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބް (އެމްޔޫއެސްސީ) ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖައްސައިފިއެވެ.

އެ އެއްބަސްވުމުގައި 'ސަން'ގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސާ (ސީސީއޯ) މުހައްމަދު ޒަހީނެވެ. އަދި އެމްޔޫއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޓްރެޝަރާ މުހައްމަދު ސަވީލްއެވެ.

އެ ޖަމިއްޔާއިން އިންތިޒާމް ކުރާ ފުޓްސަލް މުބާރާތް ފަށާނީ އަންނަ ޖެނުއަރީ މަހުގެ 15ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށާއި ޕްރައިވެޓް އޮފީސްތަކަށާއި ޖަމިއްޔާތަކަށާއި ރަޖިސްޓާ ކޮށްފައިވާ ކޮންމެ ކްލަބަކަށް ބައިވެރިވެވޭނެއެވެ.

މުބާރާތް ކުރިއަށް ގެންދަނީ ވަނަވަނައަަށް އަންނަ ޓީމުތަކަށް އިނާމްތައް ވެސް ކަނޑައަޅައިގެންނެވެ. އެގޮތުން އެއްވަނައަށް ދާ ޓީމަކަށް 35،000 އަދި ދެވަނައަށް ދާ ޓީމަކަށް 15،000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ޓީމްތައްރަޖިސްޓްރީކުރުމަށް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.