ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުދީ ހިފަހައްޓަނީ، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގާނޫނުން ލިބިދީފައިވާ އިސްތިއުނާފުގެ ހައްގު ގެއްލުވާލަން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި، މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖުމުލަ 11 އަހަރުގެ ޖަލު ހުކުމެއް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަނުގައިވާ ގޮތުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، އެ މައްސަލައެއްގެ ހުކުމް އިއްވާ ދުވަހު، އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް، ދޭން ވާނެއެވެ.

އެކަމަކު، އެކޯޓުން މިހާތަނަށް އެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އާންމުކޮށްފައެއް ނުވެއެވެ. އެހެންވެ، އިދިކޮޅު ކޯލިޝަންގެ އިސްވެރިން އަންނަނީ ކޯޓު ސަރަހައްދުގައި ނުރުހުން ފާޅު ކުރަމުންނެވެ.

އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ސަރުކާރުން ގަސްތުގައި ޔާމީންގެ އިސްތިއުނާފީ ހައްގަށް ހުރަސް އެޅުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ރިޕޯޓު ނުދީ ހިފަހައްޓަނީ ޔާމީނަށް އިންސާފު ލިބުނަ ނުދޭން ވެގެން ކަމަށެވެ. އަދި، މަތީ މަރުހަލާގެ ކޯޓުތަކުން މި މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމް ބާތިލު ކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މައިގަނޑު ބޭނުނަކީ ރައީސް ޔާމީނަށް ޖެއްސުން ކުރުމާއި އަނިޔާވެރިވުން. އަދި، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ގޮތް ހެދުން،" އޭނާ ތުހުމަތު ކުރެއްވިއެވެ.

"ހަރާމް ހުކުމެއް ކޮށްފައި މިއޮތީ، މި ހުކުމް މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރުމުން މިއީ ބާތިލު ހުކުމަކަށް ވެގެންދާނީ،"

އަދުރޭ ގަބޫލުކުރައްވާ ގޮތުގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލަސްކުރަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެންނެވެ. އަދި، އެކަމުގެ މަގުސަދަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓުކަން ވެސް އަރުވައިފައިވާ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ދޮރުތައް ބަންދުކުރުން ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.

ދައުލަތުން މީގެ ކުރިން ވެސް ވަނީ މަނީލޯންޑްރިންގެ އިތުރު ދައުވާއެއް ޔާމީނަށް އުފުލައިފައެވެ. އެ މައްސަލައިގާ ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވިއެވެ.

އެކަމަކު، ހައިކޯޓުން ވެސް އެ ހުކުމަށް ތާއީދުކޮށްފައިވަނިކޮށް އެފަހަރު ޔާމީން މިނިވަންވެވަޑައިގަތީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ.