26 Dec 2022, 11:32
އިއްޔެ ހުކުމްކޮށް، ނިންމި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އަދިވެސް ކްރިމިނަލް ކޯޓުން ނުދޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނާއި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ބޭފުޅުން ކްރިމިނަލް ކޯޓް ސަރަހައްދަށް އެއްވެއްޖެއެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޓުގައިވާ ގޮތުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، އެ މައްސަލައެއްގެ ހުކުމް އިއްވާ ދުވަހު، އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް، ދޭން ވާނެއެވެ.
ނަމަވެސް ޔާމީންގެ މައްސަލައިގައި ހުކުމް އިއްވުމަށްފަހު އަދިވެސް ކްރިމިނަލް ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާތީ ޔާމީންގެ ލޯޔަރުންގެ ޓީމާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު ހެނދުނު 10:00ގައި ކްރިމިނަލް ކޯޓު ސަރަހައްދަށް ގޮސްފައިވާ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.

ޔާމީންގެ ލޯޔަރުންނާއި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ބޭފުޅުން ކްރިމިނަލް ކޯޓު ސަރަހައްދުގައި --- ފޮޓޯ/ ޕީޕީއެމް
ހީނާ މިއަދު "ސަން"އަށް ވިދާޅުވީ އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ކްރިމިނަލް ކޯޓު ސަރަހައްދަށް ވަޑައިގަތީ ވަކީލުންގެ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.
"ހުކުމް ކުރާ ދުވަހު އެ ހުކުމް ހަވާލު ކުރަން ޖެހޭ އެބަ ހުކުމް ކުރާ ފަރާތަށް. މިހާރު އަނެއް ދުވަސް ވީއިރުވެސް އެ ހުކުމް ނުލިބޭތީ ކަންބޮޑުވުން ފާޅުކުރަނީ،" ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ހަވާލު ނުކުރާއިރު އިއްޔެ ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގެ ރިކޯޑިން ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލްއިން ރޭ ދަންވަރު ޑިލީޓް ކޮށްލި މައްސަލައިގެ ކަންބޮޑުވުން ވެސް އިދިކޮޅު ލީޑާޝިޕުން ވަނީ ފާޅުކޮށްފައެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަޙުމަދު ވެސް ވަނީ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ލިބުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޔާމީންގެ ލޯޔަރުންނާއި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ބޭފުޅުން ކްރިމިނަލް ކޯޓު ސަރަހައްދުގައި --- ފޮޓޯ/ ޕީޕީއެމް
އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ފެށޭނީ އެ ރިޕޯޓް ލިބުމުންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ޔާމީނަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ.
ޔާމީންގެ މައްޗަށް އެ ހުކުމް ކުރީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ.
މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޔާމީނަށް އިއްވީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިނަމަނާކޮށް އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އެމަނިކުފާނަށް ވަނީ އަންގާފައެވެ.

ކުރީގެ ރައީސް ޔާމީން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާންރިޝްވަރު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ ޔާމީނަށް އިއްވީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހެވެ. ނަމަވެސް ޝަރީއަތުން ވަނީ އެ ކުށުގެ އަދަބު އެއް ދަރަޖަ މަތި ކޮށްފައެވެ. އެއީ ޔާމީން އެ އަމަލު ހިންގާފައިވަނީ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންވައިގެން ފައިދާ ހޯދުމުގެ ބޭނުމުގައި ކަމަށް ވާތީއެވެ.