26 Dec 2022, 11:04
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްއިން އިސްނަގައިގެން ރޭ ކުރިއަށްގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލައިފިއެވެ.
ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެ މުޒާހަރާ ފެށީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ. ޕޯސްޓަރުތަކާއި ދިދަތައް ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވި މީހުންގެ ތެރެއިން ހައްޔަރުކުރީ 16 މީހެކެވެ. އެއީ 15 ފިރިހެނަކާއި އެއް އަންހެނަކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ, ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ވެސް ރޭ ވަނީ ދޫކޮށްލާފައި ކަމަށެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، ކޯޓުން ހުކުމް ކޮށްފައިވަނީ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމާއެކު ރޭ ޔާމީން ވަނީ ކ. މާފުށީ ޖަލަށް ގެންގޮސްފައެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ވެސް ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ.
އެ ފަހަރު ޔާމީން ޖަލަށް ލުމުން ވެސް އިދިކޮޅުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ކޮށްފައެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ އެމަނިކުފާނުގެ ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ލަސްނުކޮށް ފަށާނެ ކަމަށާއި، އިސްތިއުނާފީ ކޯޓުން މައްސަލަ ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.