26 Dec 2022, 10:51
އިއްޔެ ހުކުމްކޮށް، ނިންމި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އަދިވެސް ކްރިމިނަލް ކޯޓުން ނުދޭކަމަށާއި، އޭގެ ސަބަބުން މައްސަަލަ އިސްތިއުނާފްކުރަން ލިބިފައިވާ ހައްގު ގެއްލެމުން އަންނަ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޓުގައިވާ ގޮތުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، އެ މައްސަލައެއްގެ ހުކުމް އިއްވާ ދުވަހު، އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް، ދޭން ވާނެއެވެ.
ނަމަވެސް ޔާމީންގެ މައްސަލައިގައި ހުކުމް އިއްވުމަށްފަހު އަދިވެސް ކްރިމިނަލް ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ޑރ. ޖަމީލް މިއަދު "ސަން"އަށް ވިދާޅުވީ، އިސްތިއުނާފްގެ މަސައްކަތް ފެށޭނީ އެ ރިޕޯޓު ލިބުމުންކަމަށެވެ.
އަދި މި މައްސަލައިގައި އަވަހަށް އިސްތިއުނާފްކުރުން މުހިންމުވަނީ ޔާމީނަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޓަކައި މަސައްކަތްކުރާ ބޭފުޅަކަށް ވުމުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ބަޔަކު ޝަރީއަތުގެ ހުކުމެއް އިއްވާކަމުގައި ވާނަމަ ހުކުމަށް ވާސިލްވި ސަބަބުތަކާއި، އެ ހުރިހާ އެއްޗެއް ހުންނާނީ ލިޔެފައި ނޫންތޯ. ލިޔެފައި ނެތި އައިސްފައި ކިހިނެއްތޯ ހުކުމެއް ކުރަނީ. އެހެންވީމާ މީގެ މާނައަކީ ހުކުމް އިއްވީ ތައްޔާރު ނުވެ ތިބެތޯ، އެހެންނޫންތޯ ބަލަން މި ޖެހުނީ،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހަވާލުކުރުން ލަސްވުމަކީ ރާއްޖޭގައި ޝަރީއަތުގެ އާދަކައިދައިގެ ތެރޭގައި ދުވަހަކު ވެސް ހިނގި ކަމެއް ނޫންކަމަށެވެ. އަދި އެ ފަދަ ކަމެއް ހިނގައިގެން ވެސް ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މި ކަމުގެ ކަންބޮޑުވުމާއެކު ދާނެ އެއްވެސް ދިމާއެއް ވެސް ނެތްކަމަށާއި ކޯޓުތަކާއި ފަނޑިޔާރުން ޖަވާބުދާރީ ކުރަން އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަކީ ވެސް އިންތިހާއަށް ސިޔާސީ ނުފޫޒު އޮތް ތަނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެންގެ އިސްތިއުނާފްކުރުމުގެ ހައްގަށް މި އޮތީ ހުރަސް އަޅައިފައި. ކޯޓުގެ އިހުމާލުން އިސްތިއުނާފުގެ ހައްގަށް ހުރަސް އެޅުމަކީ ކިހާ ބޮޑު ހުރަސް އެޅުމެއްތޯ އިންސާފު ގާއިމްކުރުމަށް،" ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
ޔަމީންގެ މައްޗަށް އިއްވި ހުކުމު ގަބޫލުނުކުރައްވާކަން ފާހަގަކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ އެ ހުކުމުގައި ގާނޫނީ ނަޒަރަކުން އެއްވެސް ކަމަކާ ހަވާލާ ދީފައިނުވާ ކަމަށެވެ.
އެއާއެކު ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމައިފައިވާ އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައިނުވާއިރު، އިސްތިއުނާފުގެ މަރުހަލާގައި ސުޕްރީމް ކޯޓުން އިންސާފު ލިބޭނެކަމުގެ ޔަގީންކަން އޮތްކަމަށް ޖަމީލް ވިދާޅުވިއެވެ.
"މި ހުކުމަކީ ގާނޫނީ ގޮތުން ރިއާޔަތްކޮށްފިނަމަ ބާތިލްކުރެވޭނެ ހުކުމެއް. އެ ޔަގީންކަން އެބައޮތް. އިންސާފު ލިބޭނެކަމުގެ އުންމީދު އެބައޮތް،" ޖަމީލް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ޔާމީނަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ.
ޔާމީންގެ މައްޗަށް އެ ހުކުމް ކުރީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ.
މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޔާމީނަށް އިއްވީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިނަމަނާކޮށް އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އެމަނިކުފާނަށް ވަނީ އަންގާފައެވެ.
ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ ޔާމީނަށް އިއްވީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހެވެ. ނަމަވެސް ޝަރީއަތުން ވަނީ އެ ކުށުގެ އަދަބު އެއް ދަރަޖަ މަތި ކޮށްފައެވެ. އެއީ ޔާމީން އެ އަމަލު ހިންގާފައިވަނީ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންވައިގެން ފައިދާ ހޯދުމުގެ ބޭނުމުގައި ކަމަށް ވާތީއެވެ.