26 Dec 2022, 00:07
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްއިން އިސްނަގައިގެން ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން 16 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ މުޒާހަރާއިން 15 ފިރިހެނަކާއި އެއް އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެ މުޒާހަރާ ފެށީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ. އެ މުޒާހަރާގެ ބައިވެރިން ދަނީ ޕޯސްޓަރުތަކާއި ދިދަތައް ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވަމުންނެވެ.
އެ މުޒާހަރާގައި ނޫސްވެރިންނާ ވާހަދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މީގެ ކުރިން ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކޮށްފައިވަނިކޮށް ދަށު ކޯޓަށް މައްސަލަ ވައްދައި އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ނުހައްގުން ކަމަށެވެ. އޭނާ ވިދާޅުވީ ހުކުމުގައި ސަރުކާރުގެ ނުފޫޒު އިންތިހާއަށް ހިމެނޭ ކަމަށާއި ރައްޔިތުންނަށް އެކަން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ މުޒާހަރާގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، ކޯޓުން ހުކުމް ކޮށްފައިވަނީ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމާއެކު މިރޭ ޔާމީން ވަނީ ކ. މާފުށީ ޖަލަށް ގެންގޮސްފައެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މަނިކުފާނުގެ ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ލަސްނުކޮށް ފަށާނެ ކަމަށާއި، އިސްތިއުނާފީ ކޯޓުން މައްސަލަ ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ.
ރައީސް ޔާމީން މިއަދުގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް ވަޑައިގަތުމުގެ ކުރިން އެ މަނިކުފާނުގެ ގެކޮޅު ކައިރިއަށާއި އެއަށް ފަހު ކޯޓު ކައިރިއަށް ވެސް އެ މަނިކުފާނަށް ތާއިދު ކުރާ މީހުން އެއްވިއެވެ.