ކުރިއަށްއޮތް ޖަނަވަރީ މަހު ފަށަން ތައްޔާރުވެފައިވާ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"އަކީ 1998ވަނަ އަހަރު ހަމަ އެނަމުގައި ރިލީޒްވި ފިލްމާ މުޅީން ތަފާތު ފިލްމެއްކަމަށް ޑައިރެކްޓަރު ޢަލީ އައްބާސް ޒަފަރު ބުނެފިއެވެ.

އަކްޝޭ ކުމާރު، ޓައިގާ ޝްރޮފް މަޅަޔާލަމް އެކްޓަރު ޕްރިތްވީ ރާޖްގެ އިތުރުން ބަތަލާ ޖާންވީ ކަޕޫރު ލީޑް ރޯލްއިން ފެންނަ މިފިލްމަކީ، ވަރަށް ވަރުގަދަ އެކްޝަން ކޮމެޑީ ފިލްމެއްކަމަށް ޑައިރެކްޓަރު ޢަލީ ޒަފަރުވަނީ ބުނެފައެވެ.

ފިލްމުގެ ޝޫޓިންގް އިންޑިއާގެ އިތުރުން ބޭރުގެ ހަތަރު ޤައުމެއްގައި ކުރިއަށް ގެންދަންވަނީ ނިންމާފައެވެ. ފިލްމުގެ ފުރަތަމަ ޝެޑިއުލް ޖަނަވަރީ 2023ގައި ފެށުމަށް ތައްޔާރުވެފައިވާއިރު ފިލްމުގެ މަސައްކަތް އޭޕްރީލް 2023ގައި ނިންމާލެވޭނެކަމަށްވެސް ޑައިރެކްޓަރު ޒަފަރުވަނީ ބުނެފައެވެ. ޑައިރެކްޓަރު ޢަލީ އައްބާސްއަކީ މިހާތަނަށް ވަރަށް ވަރުގަދަ އެކްޝަން ފިލްމުތައް ސިނަމާއަށް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި، ފިލްމު "ސުލްޠާން"، "ޓައިގަ ޒިންދާހޭ"، "ބާރަތް"، "ޖޯގީ" އަދި ފިލްމު "ގުންޑޭ" ހިމެނެއެވެ. މިފިލްމުތަކަކީ ބޮކސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކެއްވެސްމެއެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ރިލީޒްވި ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން"އަކީ ވަރަށް މަޝްހޫރުވި ކޮމެޑީ ފިލްމެކެވެ. މިފިލްމުގައި އޭރު ފެނުނީ އެކްޓަރު އަމީތާބް ބައްޗަން، ގޯވިންދާ އަދި ބަތަލާ ރަވީނާ ޓަންޑަންއެވެ. މީގެއިތުރުން އެކްޓަރު އަނޫޕަމް ޚޭރް، ޕަރޭޝް ރަވަލް އަދި މަދޫރީ ޑިކްސިޓް ފިލްމުގައި ފެނުނެވެ. މިފިލްމަކީ، ބަތަލާ މަދޫރީގެ ދިގު ފިލްމީ ކެރިއަރުގައި މެގަ ސްޓާ އަމީތާބް ބައްޗަންއާއެކު ސްކްރީން ހިއްސާކޮށްލަން ލިބުނު ހަމައެކަނި ފިލްމުވެސްމެއެވެ. 1998ވަނަ އަހަރުގެ ފިލްމުގައި ފެނުނު ޖާދޫ ފަހުގެ ފިލްމުގައިވެސް ފެންނާނެ ކަމަށް ބެލުންތެރިން އުއްމީދުކުރެއެވެ. ޑައިރެކްޓަރު ޢަލީ ޢައްބާސްގެ ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަނީ 2023ވަނަ އަހަރުގެ ކްރިސްމަސް ޢީދާ ދިމާކޮށެވެ.