މި ފާއިތުވި ދެ މަހެއްގެ ތެރޭގައި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، މުޅި ކެރިއަރު މިހާރު ހަލާކު ވެފައިވާ ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ވީ ނުވީއެއް ނޭނގިގެން އޭނާ ހޯދަމަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށް އޭނާގެ ކުރީގެ މެނޭޖަރު ބުނެފިއެވެ.

ޖޯޖް ފްލޮއިޑްގެ މަރާ ގުޅޭގޮތުން ދެއްކި ވާހަކަތަކާއި އެންޓި ސެމިޓިކް ކޮމެންޓުތަކާއެކު ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ ކާންޔޭ ވެސްޓް ދާދިފަހުން ސަސްޕެންޑު ކޮށްފައެވެ. އެ ކޮމެންޓުތަކާ ގުޅިގެން ބޮޑެތި ކުންފުނިތަކާއެކު ކާންޔޭ ވެފައިވާ އެއްބަސްވުންތައް ވެސް ވަނީ ގެއްލިފައެވެ.

ބޮޑެތި ބްރޭންޑުތަކާ އެކު އޮތް ހުރިހާ ގުޅުމެއް މިހާރު އެ ކުންފުނިތަކުން އަނބުރާ ގެންގޮސްފައިވާއިރު ކާންޔޭގެ މިލްކިއްޔާތު ކުޑަ ހިނދުކޮޅެއްގައި ވަނީ މަދުވެފައެވެ. މި ހުރިހާ ކަންތައްގަނޑެއްގެ ތެރޭގައި ކާންޔޭގެ މެނޭޖަރު ތޯމަސް ސެއިންޓް ޖޯން ވެސް ވަނީ އޭނާ އާ ގުޅުން ކަނޑާލާފައެވެ.

އެހެން ނަމަވެސް ކާންޔޭ އާ ދެކޮޅަށް އޭނާ އުފުލާފައިވާ މައްސަލައެއްގެ ކަރުދާސްތައް ހަވާލު ކުރުމަށްޓަކަށް ސެއިންޓް ޖޯން ދަނީ ކާންޔޭ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ކާންޔޭ އާ ދެކޮޅަށް އޭނާ އުފުލާފައިވަނީ 4.3 މިލިއަން ޑޮލަރުގެ މައްސަލައެކެވެ.

މި މައްސަލައަކީ އޭނާ އާއި ކާންޔޭއާ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފުވެގެން ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައަކީ ސެއިންޓް ޖޯންއަށް ދިނުމަށް އެއްބަސްވެފައިވާ މަހު މުސާރަ ނުދިނުމުގެ ސަބަބުން ހުށަހަޅާފައިވާ މައްސަލައެކެވެ.

ސެއިންޓް ޖޯން ބުނިގޮތުގައި ކާންޔޭ އާ އެކު މަސައްކަތް ކުރާ ވަކީލުން އޭނާ އާ ވަކިވެފައިވާތީ މިހާރު މައްސަލައާ ގުޅޭގޮތުން މުއާސަލާތު ކުރެވޭނެ ގޮތެއް ނެތެވެ. އެހެންވީމާ ޕްރޮސެސް ސާވާ އެއް ހޯދައިގެން ކާންޔޭ ހޯދަން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ކުރިން ފާހަގަކޮށްފައިވާ އެއްވެސް އެޑްރެސް އަކުން ކާންޔޭގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ކާންޔޭ ހޯދަން މަސައްކަތް ކުރަމުން އަންނަތާ މިހާރު ހަފުތާ އަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށްވެސް އޭނާ ބުންޏެވެ.