26 Dec 2022, 00:12
ސްކޫލް ޗުއްޓީ ދުވަސްވަރު ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުފަތުރު ކުރުން އިތުރުވުމާއި ގޭގެއަށް ޒިޔާރަތް ކުރުމާއި، މީހުން އެއްވެ އުޅުން އިތުރުވާއިރު ބަލިތަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ މި ދުވަސްވަރު ރާއްޖޭގައި ހޭންޑް ފޫޓް އެންޑް މައުތު، އަރިދަފުސް ރޯގާ އަދި ލޮލު ރޯގާ އާންމުކޮށް އުޅޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި އެ ބަލިތަކުގެ އިތުރުން ޑެންގީއާއި އެހެނިހެން ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު މިދުވަސްވަރު ބޮޑު ކަމަށާއި އެ ބަލިތަކުން ރައްކާތެރިވާން އެކަށީގެންވާ ފިޔަވަޅު އެޅުމަށް ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދޭން ޖެހޭ ކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.
ކޮވިޑުން ރައްކާތެރިވުން
މިވަގުތު އަވަށްޓެރި ގައުމުތަކުގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާކަން ފާހަގަ ނުކުރެވުން ނަމަވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކޮވިޑް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ވުމާއެކު ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ވެކްސިންގެ ޑޯޒުތައް ހަމަކުރުމާއި ގިނަގިނައިިން މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރުގައާއި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ އަދި ދަތުރު މަތީގަ މާސްކު އެޅުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އަދި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމާއެކު ބަލިވެ އުޅޭނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުން މަދު ކުރުމަށް ވެސް އެޗްޕީއޭގެ އިލްތިމާސްގައިވެއެވެ.

ސްކޫލް ޗުއްޓީ ދުވަސްވަރު ދަތުރުފަތުރު ކުރުން އިތުރުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ — ސަން ފޮޓޯ/ ފަޔާޒް މޫސާ
އޭގެ އިތުރުން އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމާއި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކުޑަކުދިން އުރާ ނުހެދުމުގެ އިތުރުން ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވެ، ކޮވިޑްގެ އަލާމާތް ފެނިއްޖެނަމަ ޑޮކްޓަރުންގެ ލަފާ ހޯދަން ވެސް އެޗްޕީއޭގެ އިލްތިމާސްގައިވެެއެވެ. އަދި އާދަކޮށް ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ހޭންޑް ސެނަޓައިޒާ ބޭނުން ކުރަން ވެސް އިލްތިމާސް ކޮށްފައިވެއެވެ.
ހޭންޑް ފޫޓް އެންޑް މައުތުން ރައްކާތެރިވުން
ހޭންޑް ފޫޓް އެންޑް މައުތު ބައްޔަކީ ވައިރަހަކުން ޖެހޭ، ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ މީހަކަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި އެ ބަލި ފެތުރުން އިތުރުވެގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް، ބޮލުގައި ރިއްސުމާއި، ކަރުތެރެ ފާރުވުމާއި، އަތްތިލައާއި ފައިތިލައިގައި ރައްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވުން ހިމެނެއެވެ. އޭގެ އިތުރުން ވަރުދެރަވުމާއި ކާހިތްނުވުމަކީ ވެސް ބަލީގެ އަލާމާތްތަކެވެ.
ހޭންޑް ފޫޓް އެންޑް މައުތު ޖެހިފައިވާ މީހާގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ތަކެތި އަދި ފޮޅުން ނިކުންނަ ދިޔައިން ބަލި ފެތުރެއެވެ. އަދި ކެއްސާ ކިނބިހި އަޅާ އިރު ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ވެސް ބަލި ފެތުރެއެވެ. ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިނެއް ނުވަތަ ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ.

ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމަކީ މުހިންމު ކަމެއް--- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމަކީ މުހިންމު ކަމެކެވެ. އޭގެ އިތުރުން ބަލި ޖެހިފައިވާ ކުދިން ބޭރަށް ނުގެންދިޔުމައި ބޭނުންކޮށްފައިވާ ނެޕީ، ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.
ލޮލު ރޯގާއިން ރައްކާތެރިވުން
ލޮލުރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ބަލިޖެހިފައިވާ މީހުންނާއި ކުދިން ގޭގައި މަޑުކުރުން ހިމެނެއެވެ. އަދި ބަލިޖެހިފައިވާ މީހުން ލޮލުގައި އަތްލުމަކީ ބަލީގެ ޖަރާސީމު އަތަށް ވާސިލުވެ، ބަލި ފަސޭހައިން ފެތުރޭ ކަމެއްކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ލޮލުގައި އަތް ލުން މަދުކުރުމަށް މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އޭގެ އިތުރުން ސައިބޯނި ލައިގެން އަތް ދޮވުމާއި ބަލި ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެ ކަމަށް ޝައްކު ކުރެވޭނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުން
ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަށް އަތް ދޮންނަން ޖެހެއެވެ. ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލު ކުރުމަށްފަހު ވެސް ސައިބޯނިލައިގެން އަތް ދޮވުމަކީ މުހިންމު ކަމެކެވެ. އަދި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުމާއެކު ކާބޯތަކެތި ރައްކާކުރާ ތަނަކީ ސާފު ތަނެކަން ޔަގީން ކުރަން ޖެހޭނެއެވެ.
އެޗްޕީއޭއިން ބުނީ އެ ބަލިން ރައްކާތެރިވުމަށް ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ކާބޯތަކެތި ހަލާކުނުވާނެހެން ރައްކާ ކުރުމާއި ކެއުމުގައި ވީހާވެސް ގިނައިން ތާޒާ ކާނާ ބޭނުން ކުރުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އޭގެއިތުރުން ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން، ކްލޮރިނޭޓް ކޮށްފައިވާ ފެން، ވޯޓާ ސަޕްލައި ފެން ނުވަތަ ފެން ކައްކައިގެން ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެވެ.
ޑެންގީއިން ރައްކާތެރިވުމަށް
އެޗްޕީއޭއިން ވަނީ، ޑެންގީއިން ސަލާމަތްވުމަށް ޓަކައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިންމު ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

ޑެންގީ ހުމަށް މީހުން ހޭލުންތެރި ކުރުވުމަށާއި ހުޅުމާލޭގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް އެޗްޑީސީން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.