25 Dec 2022, 22:29
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްއިން އިސްނަގައިގެން މުޒާހަރާ ކުރަން ފަށައިފިއެވެ.
މި މުޒާހަރާ ފަށާފައިވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ. މުޒާހަރާގެ ބައިވެރިން މިހާރު މިސްރާބު ޖަހާފައިވަނީ މަޖީދީ މަގުން އާޓިފިޝަލް ބީޗް ސަރަހައްދާ ދިމާއަށެވެ. މި މުޒާހަރާގައި އިދިކޮޅު ލީޑާޝިޕްގެ ބައެއް މެމްބަރުންވެސް ބައިވެރިވެފައިވެއެވެ.
މުޒާހަރާގެ ބައިވެރިން އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގަމުންދާއިރު، ގިނަ އަދަދެއްގެ ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މައުލޫމާތު ދެއްވި ގޮތުގައި މި މުޒާހަރާގެ ތެރެއިން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އަދަދު އަށެކަށް ވިރެ އިތުރުވާނެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން މުޒާހަރާ ކުރަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން
މުޒާހަރާގައި ނޫސްވެރިންނާ ވާހަދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މީގެ ކުރިން ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކޮށްފައިވަނިކޮށް ދަށު ކޯޓަށް މައްސަލަ ވައްދައި އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ނުހައްގުން ކަމަށެވެ. އޭނާ ވިދާޅުވީ ހުކުމުގައި ސަރުކާރުގެ ނުފޫޒު އިންތިހާއަށް ހިމެނޭ ކަމަށާއި ރައްޔިތުންނަށް އެކަން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، ކޯޓުން ހުކުމް ކޮށްފައިވަނީ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. ހުކުމް އިއްވާފައި ވަނީ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ޝަރީއަތް މެދު ކަނޑާލުމަށް ފަހުގައެވެ.
ހުކުމާ ބެހޭ ގޮތުން އެމަނިކުފާނުގެ ލޯޔަރުން ބުނީ، އެއީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ސިޔާސީ ހުކުމެއް ކަމަށާއި، ލަސްނުވެ، ވީހާވެސް އަވަހަށް އިސްތިއުނާފް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި، ކްރިމިނަލް ކޯޓުން އިއްވި ހުކުމް އެއްވެސް ވަރަކަށް ބަލައި ނުގަންނަ ކަމަށާއި، އެ ހުކުމަކީ ގާނޫނު އަސާސީ އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ އެންމެހާ އުސޫލުތަކާ ޚިލާފަށް ކުރި ހުކުމެއް ކަމަށްވެސް ރައީސް ޔާމީންގެ ވަކީލުން ބުނެފައިވެއެވެ.
ރައީސް ޔާމީނަށް ހުކުމް ކުރުމަށް ޝަރީއަތް ކުރިއަށް ދިޔަ ވަގުތުގައާއި އެމަނިކުފާނު ކޯޓަށް ވަޑައިގެންނެވި ވަގުތު ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެސަރަހައްދަށް އެއްވެފައެވެ.