ނ. ކުޑަފަރީ ސްކޫލުގައި ޕްރިސިޕަލެއް ނެތި ގިނަދުވަސްވެފައިވާތީއާ މަސައްކަތަށް ނުނިކުންނަ ސުކޫލު ހެޑްމާސްޓަރަކަށް ރަށުގެ ބަޖެޓުން މުސާރަ ދޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް ނ.ކުޑަފަރީ މުޒާހަރާކުރަން ފަށައިފި އެވެ.

އެރަށު ކައުންސިލުންވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު މައުލޫމާތެއް ކައުސިލުން ނުދިނެވެ.

ކުޑަފަރީން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ މިއަދު މެންދުރުން ފެށިގެން މުޒާހަރާ ކުރަނީ ރަށުގައިނެތް ހެޑްމާސްޓަރަކަށް ރަށު ރައްޔިތުންގެ ބަޖެޓުން މުސާރަ ދޭތީއާ ސުކޫލުގައި ޕުރިންސިޕަލެއްވެސް ނެތި ގިނަ ދުވަސްތަކެއްވެފައިވާތީ އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

އެ މީހުން މުޒާހަރާ ކުރަމުންދަނީ ސްކޫލުގެ ގޯތިތެރޭގައި ތިބެގެންނެވެ.

"އަޅުގަނޑުމެން މިބުނަނީ އޭނަ (ހެޑްމާސްޓަރު) ރަށަކުނޫޅޭ އަދި އޭނަގެ ހިދުމަތެއް ރަށަކަށް ނުލިބޭ އެހެން ކަމުން ރަށު ބަޖެޓުން އޭނައަށް މުސާރަދިނުމަކީ އަޅުގަނޑުމެން ރުހޭ ކަމެއް ނޫނޭ" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ރަށްރަށުގެ ސްކޫލްތަކުގައި ޕްރިންސިޕަލުން ނެތުމާއި އެހެނިހެން މައްސަލަތަކާ ހުރެ ބެލެނިވެރިން ނުކުމެ ސްކޫލްބަންދުކޮށް މުޒާހަރާ ކުރުމުގެ ކަންކަން ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.