25 Dec 2022, 21:23
ކްރީމްޖެހި ބަނަހަކަށް އެލާޖިކްވެ ފަރުވާ ހޯދަމުންދަނިކޮށް މިއަދު މަރުވި މަރިޔަމް ޒައީމާ މޫސާ (މަރީ) އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ލަފާދީފިއެވެ.
ކްރީމްޖެހި ބަނަހެއް ކެއުމުގެ ސަބަބުން އެލާޖިކް ވެގެން ގައި ހިރުވައި، ނޭވާ ހިއްލާތީ އުނދަގޫވެގެން އެންމެ ފުރަތަމަ ޒައީމާއަށް ފަރުވާދީފައި ވަނީ އައިޖީއެމް ހޮސްޕިޓަލުންނެވެ. މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.
މަރީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެޗްއާރުސީއެމްއިން ލަފާދީފައި އޮތީ އޭނާ މަރުވުމުގެ ކުރިން އެކޮމިޝަނުން ފާއިތުވި މަހު އެކުލަވާލި ރިޕޯޓުގައެވެ. ރިޕޯޓްގައި ބުނެފައި ވަނީ މަރީގެ ހާލަތު އިތުރަށް ގޯސްވީ އައިޖީއެމްއެޗްއިން ފަރުވާ ދިން ގޮތުގެ ސަބަބުން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެގޮތުން އެލާޖިކާ ގުޅިގެން މަރީ އިމެޖެންސީ ރޫމްގައި ފަރުވާ ދިން އިރު އައިވީއެޑްރެނަލިން ދިނީ ޑައިލިއުޓްވެސް ނުކޮށް ކަމަށާއި އޭގެ ސަބަބުން އޭނާގެ ހިތުގެ ހިނގުމަށް ބަދަލު އައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަމުގައި ހޮސްޕިޓަލުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށާއި، ހަމައެކަނި ލިޔުމުން ނަރުހުންނަށް ނަސޭހަތް ދިނުމަށްފަހު ޑޮކްޓަރު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވާ ކަންވެސް ފާހަގަކޮށްފައިވެއެވެ.
އެކަންކަމަށް ރިއާޔަތްކޮށް އެޗްއާރުސީއެމްއިން ވަނީ ޝަރީއަތް މެދުވެރިކޮށް ބަދަލު ހޯދުމަށް މަރީގެ އާއިލާއަށް ލަފާ ދީފައެވެ. މަރީއަށް ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ދެވިފައިވަނީ ނުބައި އިންޖެކްޝަނެއް ކަމަށް ބުނެ ހޮސްޕިޓަލުން ވަނީ އާއިލާގެ ފަރާތުން މާފަށް ވެސް އެދިފައެވެ.
މީޑިއާތަކަށް އޭރު މައުލޫމާތު ދެމުން މަރީގެ ކޮއްކޮ އާއިޝަތު ޒައީމާ ބުނެފައިވަނީ، އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު އިންޑިއާގެ އަމްރީތާ ހޮސްޕިޓަލަށް މަރީ ބަދަލުކުރީ، އައިޖީއެމްއެޗުން ދޭނެ އިތުރު ފަރުވާއެއް ނެތިގެން ކަމަށެވެ.
އެލާޖިކް ވީ ހިސާބުން ފެށިގެން މިވީ ދުވަސްތަކުގައި މައިގަނޑު ގޮތެއްގައި މަރީއަށް ފަރުވާދެމުން ގެންގޮސްފައި ވަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.
މަރީއަކީ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރި މީހެކެވެ. އޭނާ ވަނީ ޓީވީއެމް އާއި ދިޓީވީގައި ވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.