އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންވާ މެޝިނަރީ އެ ސިޓީއަށް ގެންގޮސް، މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ތަކެއްްޗާއި މެޝިނަރީޒް ހިފައިގެން ދިޔަ ބޯޓު، 'އެމްސީ މެލީނާ' ވަނީ އިއްޔެ އައްޑޫ ހިތަދޫގައި ބަނދަރުކޮށްފައެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢުއާ ހަވާލުވި ނެދަލޭންޑްސްގެ އޫޑް ޑްރެޖިން ކުންފުނިން ބުނެފައިވަނީ ބިން ހިއްކުމަށް ވެލި ނެގުމަށް ޓަކައި އެ ކުންފުނިން އޮޕަރޭޓު ކުރާ އެޗްއޭއެމް 318 ޑްރެޖަރު ރާއްޖެއަށް ގެންނާނެ ކަމަށެވެ. އަދި 18 މަސް ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫގައި 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫއު ކުރިއަށްދާ އިރު 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ވެސް ނިންމާފައިވެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިތަދޫން 90 ހެކްޓަރުގެ ބިމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިމާއި މަރަދޫ، މަރަދޫފޭދޫން 76 ހެކްޓަރުގެ ބިމުގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްތަކެއް ހިއްކުމަށް ވެސް ވަނީ ނިންމައިފައެވެ.

އައްޑޫ ބިން ހިއްކުމަށް ހެދި އީއައިއޭ ރިޕޯޓުގައި ވާގޮތުން 236.5 ހެކްޓަރުގެ ބިން ހިއްކުމަށް ވެލި ނަގަން ހަމަޖައްސައިފައިވަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުންނެވެ. އަދި އެ ތަންތަނުން ވެލި ނަގައިފިނަމަ އައްޑޫގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ވާނެ ކަމަށް އެ ރިޕޯޓުގައިވެއެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އެންވައިރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މީގެ ކުރިން ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ވާނެ ކަމަށް އީޕީއޭ ރިޕޯޓުން ދެއްކިނަމަވެސް، އައްޑޫގެ ތަރައްގީއަށް ހުރަސް ނާޅާނެ ކަމަށެވެ.

އައްޑޫއަކީ ރާއްޖޭގައި ގުދުރަތީ ގޮތުން އުފެދިފައި އޮތް އެންމެ ކުޑަ އަތޮޅު ކަމަށާއި ކަރަންޓްސް އުފެދޭނެ ނިޒާމެއް ގާއިމް ވެފައި ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް ކުރާނެ އަސަރުތަކާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްއޫރުގެ ސަބަބުން އައްޑޫގެ ފަޅުގެ 42 އިންސައްތަ ސަރަހައްދަށް ގެއްލުންވާ ކަމަށް އީއައިއޭ ރިޕޯޓުން ދައްކާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނީ މި ކަންކަމަށް ވިސްނައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.