އައު އަހަރާ ދިމާކޮށް އައްޑޫ ސިޓީ ހިތަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ހުރި ރީނދޫ ހަންތަކަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުން އައު އަހަރާ ދިމާކޮށް ރަށުތެރޭގައި ބަނގުރާ ބޭނުންކުރުމާއި ރަށުތެރޭގެ މަސްލަހަތު ނަގައިލުމަށް މަސައްކަތްކޮށްފާނެކަމަށް ބެލެވޭތީ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެތަކެތި ހޯދާފައިވަނީ ހިތަދޫގެ އެކި ސަރަހައްދުތަކާއި ފަޅު ގޯތިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެ މައްސަލައިގެ ތަހުގީގު ފަށައިގެން ކުރިއަށް ގެންދިޔަޔަސް މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީގައި ފުލުހުން ހިންގަމުން އަންނަ އެފަދަ އޮޕަރޭޝަންތަކުގައި އެތައް ފަހަރެއްގެ މަތިން ވަނީ ބަނގުރާ ތައްޔާރުކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ސާމާނު ހޯދާފައެވެ.

ކޮންމެ އައު އަހަރަކާ ދިމާކޮށް ފުލުހުން މިފަދަ ބޮޑެތި އޮޕަރޭޝަންތައް މާލެއާއި އަތޮޅުތެރޭގައި ހިންގައެވެ. އަދި މިފަދަ އޮޕަރޭޝަންތަކުގައި މީގެ ކުރިން ވަނީ ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގެންފައެވެ.