10 Apr 2012, 17:34
ސަރުކާރުގެ ސިޔާސީ މަގާމުތައް 50 އަށް ވެސް ނާރާނެ ކަމަށް ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގައި 152 ސިޔާސީ މަގާމު ހިމެނޭ ކަމަށާއި ނަމަވެސް މިހާތަނަށް ސިޔާސީ މަގާމުތަކަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަމަޖައްސަވާފައިވާ ބޭފުޅުންގެ އަދަދު އެއަށް ވުރެ މާމަދުވާނެ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް ވެސް ރައީސް ސިޔާސީ މަގާމުތަކަށް ހަމަޖެއްސެވި މީހުންގެ އަދަދު އުޅެނީ 28ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރަށް ބަލާނަމަ ސަރުކާރު މަތިބަރެއް ނޫން. ހަމަގައިމުވެސް މިހާރު ވެސް ކެބިނެޓް މިނިސްޓަރުންނާ ނުލާވެސް ސިޔާސީ މަގާމުގެ އަދަދު އުޅޭނީ 50 އަށް ވުރެ ދަށުގައި. އަޅުގަނޑުމެންގެ މަގާމުތައް 80 އަށް ވުރެ ގިނައެއް ނުވާނެ،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ސިޔާސީ މަގާމުތައް އެކި ގޮތްގޮތަށް އިތުރު ކުރަމުން ދިޔަ ކަމަށާއި ނަމަވެސް މި ސަރުކާރުން ސިޔާސީ މަގާމުތައް ހަމަޖައްސާނީ ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައި ކަމަށެވެ.
"އެ ނޫން ކެޓަގަރީއެއް މި ސަރުކާރުން ސިޔާސީ މަގާމުތަކުގެ ގޮތުގައި ނުގެންގުޅޭނެ. ކުރީ ސަރުކާރުން ތަފާތު
ކުންފުނިތަކާއި ބޯޑުތަށް އެކުލަވާލައިގެން ވެސް ސިޔާސީ މަގާމުތަށް ދިޔައީ ހަމަ އިތުރުކުރަމުން،" އައްބާސް ވިދާޅުވި އެވެ.
އޭނާ މިއަދު ވިދާޅުވެފައި ވަނީ ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން 30 އަށް ވުރެ ގިނަ ކުންފުނި އުވާލަން ނިންމާފައިވާ ކަމަށެވެ. އިދިކޮޅު އެމްޑީޕީ އިން އަންނަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް އެއްވެސް ބަލައިލުމެއް ނެތި އިތުރުކުރަމުންދާ ކަމަށް ބުނަމުންނެވެ.