25 Dec 2022, 17:11
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ގުރުއާން ޓީޗަރަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ދ. ހުޅުދެލި, ޝާރާޒް، ޢަލީ ޝާތިރުގެ މައްޗަށް އުފުލާފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ.
ޢަލީ ޝާތިރުގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައި އޭނާ ގާތަށް ގުރުއާން ކިޔެވުމަށް ދިޔަ ކުއްޖެއް ގާތު 'ވަރަށް ލޯބިވެޔޭ' ބުނެ އެ ކުއްޖާގެ މޭ މަތީގައި އަތްލާފައިވާތީއެވެ.
އެ ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް މައްސަލަ ބެއްލެވި ގާޒީ އާދަމް މުޙައްމަދު ވަނީ ނިންމަވާފައެވެ.
އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން އޭނާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.
މައްސަލައިގެ ތުހުމަތަށް އޭނާ އެއް އަހަރާއި ހަތަރު މަސް ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު ކެނޑުމަށްފަހު ދެން ތަންފީޒުކުރަން ޖެހޭނީ 13 އަހަރާއި އަށް މަސްދުވަހުގެ ޖަލު ހުކުމެކެވެ.