27 Dec 2022, 09:36
އަންނާން އޮތީ އެމްޑީޕީއަށް މުހިއްމު ދެ އިންތިޚާބެވެ. އެޕާޓީގެ ކުރިމަގާ ގުޅިފައިވާ މާ މުހިއްމު ނިންމުންތަކެކެވެ. ނަތީޖާ ނުކުންނަ ގޮތަކުން އެޕާޓީގެ ކުރިމަގު ބަދަލުވެގެން ދާނެ ގޮތެއް ވަޒަން ކޮށްލާކަށް ވެސް ނޭނގެއެވެ.
އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ދޮށީ ޕާޓީއެވެ. އެންމެ މީހުން ގިނަވެސް ޕާޓީއެވެ. ތޯތޯ ސިޔާސީ ޕްލެޓްފޯމެއް ނޫނެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި އެޕާޓީގެ ތާރީޚުގައި މުޅިން އާ ސަފުހާތަކެއް ލިޔެވިގެން ދިޔައީއެވެ. އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މުށުތެރޭ ގެންގުޅުނު ޕާޓީގައި އާ ޚިޔާލެއް އުފެދުނީއެވެ. އެހިސާބުން ލިޔަން ފެށުނު ތަޅާފޮޅުންތަކުގެ ބާބަށް ނިމުން ގެނުވާނެ އިންތިޚާބަށް އެޕާޓީގެ ރިޔާސީ ޕްރައިމަރީ ވުން ގާތެވެ.
އަންނަ މަހުގެ 28ގައި ޕްރައިމަރީ ބާއްވާނެކަން އިއުލާނުކޮށް، އޭގެ ފޯރީގައި އެ ބޮޑު ޕާޓީ އޮތީ ހަމަ ރީއްޗަށް ޖެހިފައެވެ. ގޭގެއަށް ގޮސް ކެމްޕޭން ފަށާފައިވާއިރު، ބޮޑުންގެ މެދުގައި އޮތް އަރާރުން ވެސް ދަނީ ކުރިއަށެވެ.
ޕާޓީގެ ބާރުވެރިކަމަށް ދެ ރައީސުން ކުރާ ހަނގުރާމައިގެ މިއީ ފުރަތަމަ ސަފުހާއެއް ނޫނެވެ. ގައުމީ މަޖިލީހުގެ އިންތިޙާބުން ފެށި މި ވާދަވެރިކަން، ޗެއާޕާސަންގެ އިންތިޚާބުގައި ވެސް އޮތެވެ. އެކަމަކު، ކުޑައިރުގެ ދެ އެކުވެރިން ސީދާ ސީދަލަށް ނުކުމެވަޑައިގެން ކުރައްވާ މިއީ ފުރަތަމަ ހަނގުރާމައެވެ.
ރައީސް ޞާލިހާއި ދެކޮޅަށް ނުކުންނެވި ދެ އިންތިޚާބުގައި ވެސް ބޮޑުތަނުން ބަލިވެވަޑައިގެން ނަޝީދު، ތިން ބަލިން ބަލިވެވަޑައިގަތުން ވެގެންދާނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ޖަހާ ސިއްކައަށެވެ. އެހެންވެ، މި ޕްރައިމަރީއަކީ އެތައް ގޮތަކުން އެޕާޓީގެ ކުރިމަގާ ގުޅިފައިވާ މުހިއްމު ނިންމުމެކެވެ.
ވާދަވެރި އިންތިޚާބުގެ ފޯރި ނަގާއިރު މޮޅުވާނެ ބޭފުޅެއް ވަޒަންކޮށްލާކަށް ނޭނގެއެވެ. މުހިއްމު ސުވާލަކީ ޕްރައިމަރީއަށް ފަހު، ރިޔާސީ އިންތިޚާބަށް ޕާޓީ އެކަތި ކުރެވިދާނެތޯއެވެ؟
ފަހަތަށް ޖެހިވަޑައިގަންނަވާނެ
އެމްޑީޕީގެ އެއް ފައުންޑިން މެންބަރު އަދި އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގަބޫލުކުރައްވާ ގޮތުގައި ބަލިވާ ބޭފުޅަކަށް އިތުރު ގޮތެއް ނޯންނާނެއެވެ. އޭނާ ދެކިލައްވާ ގޮތުގައި ޕާޓީން ވަކިވެއްޖެ ނަމަ ވިއްސިވިހާލިވުން ނޫން ގޮތެއް ނެތެވެ.
އެހެންވެ، ބަލިވާ ބޭފުޅަކަށް ވެސް އޮންނާނެ ހަމައެކަނި މަގަކީ ބަލި ގަބޫލުކުރައްވައި، އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމެވެ.
"މާޒީއަށް ބަލާއިރު، އެމްޑީޕީއާ ދޭތެރޭ ހިތްހަމަ ނުޖެހިގެން [އެޕާޓީގެ ފުރަތަމަ ރައީސް] އިބްރާހިމް އިސްމާއިލް ވެސް ޕާޓީއެއް ހެއްދެވި. އެވެސް މާ ބޮޑަކަށް ވަޔަކު ނުހިފައި. [އެޕާޓީގެ ކުރީގެ ރައީސް] ޑރ. މުހައްމަދު މުނައްވަރު ވެސް ޕާޓީއެއް ހެއްދެވި، އެވެސް މާބޮޑަށް ވަޔަކު ނުހިފައި" މޫސަ ވިދާޅުވިއެވެ.
ރީކޯ މޫސަ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ގަބޫލުކުރައްވާ ގޮތުގައި ޕްރައިމަރީން ނާކާމިޔާބުވާ ބޭފުޅަކު ޕާޓީ ދޫކުރައްވާ ވަޑައިގެންފި ނަމަ އެކަމުން ގެއްލުންވާނީ އެބޭފުޅަކަށެވެ. ޕާޓީ އޮންނާނީ ގަދަކޮށެވެ.
ޚުދު އޭނާގެ ސިޔާސީ ހަޔާތުން ވެސް ފެންނާން އޮތީ އެ ތަޖުރިބާއެވެ. އެފަދަ ގޯހެއް ނަޝީދު ހައްދަވާތަން ނުފެންނަނީ ދުރު ނޫން މާޒީން ލިބޭ އެފަދަ އިބުރަތްތަކުގެ ސަބަބުންނެވެ. ފަސޭހައިން ޖަހާލެވޭ ތަރުތީބު ހިސާބަކުން މާ ސާފު، ހަގީގަތަކަށް ވީތީއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ގަބޫލުކުރައްވަނީ އެފަދައިންނެވެ. ރިޔާސީ އިންތިޚާބާ ހިސާބަށް ދާއިރު އެމްޑީޕީ އެކަތިވާނެއެވެ. އެއީ، ދެ ރައީސުންގެ މެދުގައި އޮތް ރުޅިވެރިކަމަށް ވުރެ އެހެން ބަޔަކަށް ވެރިކަން ލިބުމުން ދެ ބޭފުޅުންނަށް ވެސް ލިބޭނެ ގެއްލުން ބޮޑުވާނެތީއެވެ.
"ސަރުކާރު ނެތް ހާލަތެއްގައި ވިއްޔާ، ދެ ބޭފުޅުން ވެސް އޮންނާނީ ކަނޑުގައި. އެހެންވީމާ ޗޮއިސް އެއް ނޯންނާނެ. އާޚިރުގައި އެއްކޮށް ތިބޭނީ،" އޭނާ ވިދާޅުވިއެވެ.
ޕާޓީގެ ބާރުވެރިކަން މުހިއްމެވެ. އެކަމަކު، ޕާޓީގެ ވެރިކަން ދެމެހެއްޓުން ދެ ބޭފުޅުންނަށް ވެސް މާ މުހިއްމެވެ. އެހެންވެ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ފެންނަނީ މޮޅުވާ ބޭފުޅާ އެކަންޏެވެ.
މާޒީ ކުރަހައިދޭ މަންޒަރު
މިފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސް އިން ފެށިދާނެއެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަރުފަލި ޖެއްސެވުމަށް ފަހު، އެކަށޭނެ ތާއީދު ނެތުމުން ނަޝީދު ފިޔަވަޅު ނެންގެވީ ފަހަތަށެވެ. އެއީ، ޕާޓީގައި އެކުގައި ދެމިހުރުން އެމަނިކުފާނަށް މާ މުހިއްމު ވީތީއެވެ.
އެމްޑީޕީގެ ސިޔާސީ ތަޖުރިބާ އޮތީ އެހެންނެވެ. ބައިބައި ވެގެން ލިބުނު މޮޅެއް ނެތެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ޕޯސްޓަރު ހަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބަރުލަމާނީއެއްގެ އެދުމުގައި ނަޝީދު ކިޔުއްވި ލަވައަށް ނަޝާނެ މީހަކު ނުވުމުން، ފަހަތަށް ޖެހިވަޑައިގަތީއެވެ. އެމަނިކުފާނު ހުށަހެޅުއްވި ނިޒާމީ ގަރާރަށް ވޯޓަށް ވެސް އެހުމުގެ މާ ކުރިން، ގަރާރަށް ވޯޓަށް އެހުން ބުއްދިވެރި ނޫން ކަމަށް ވިދާޅުވެ، ރައީސް ޞާލިހާ ދެ ބޭފުޅުން ބައްދަވާލެއްވީއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވުމުން ވެސް ކަންކުރެއްވީ އެމަގުންނެވެ.
ފަހަތަށް ޖެހިވަޑައިގެން އެމަނިކުފާނު އެންމެ ބޮޑަށް ނުރުހުންވި ބޭބޭފުޅުންނާ އެއްމޭޒަކަށް ވަޑައިގަތީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަދަ އެމަނިކުފާނުގެ ދުވަސްވީ ހަތުރުންނާއި އެއްބައިވެ، އެކުގައި ސިޔާސީ މަސައްކަތް ފެއްޓެވީއެވެ. އޭރުވެސް ހަމަ ބޭނުންވި މަގުބޫލުކަން ނެތުމުން، މަޖުބޫރުވެގެންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެންމެންގެ އެހީތެރިކަން މުހިއްމުވީތީއެވެ.
އޭގެ ކުރިއަށް ޖެހިލާއިރު، 2008 ވަނަ އަހަރު އެޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީއަށް ފަހުގައި ރީކޯ މޫސާ މަނިކު ވެސް ބޮޑާ ހޭކިއެވެ. ނަޝީދާއެކު ވަޑައިގަންނަވަން އޭނާ ވެސް ފުރަތަމަ ބޭނުންފުޅެއް ނުވިއެވެ.
އެކަމަކު، އާޚިރުގައި އެނޫން ގޮތެއް ނެތުނީއެވެ. ހުންނެވީ ނަޝީދުގެ ފަހަތްޕުޅުގައި މާ ގަދަކޮށެވެ.
"ފެކްޝަނެއް ނޯންނާނެ، އެއްބައިވާނެ"
މިފަހަރުގެ އެތެރޭ ކޯޅުމަށް ފަހުގައި ވެސް ބަލިވާ ބޭފުޅަކު ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް މަންޒަރު ދައްކައެވެ. އެހިސާބުން ދެން އުފެދެނީ އަދި މާ މުހިއްމު ސުވާލެކެވެ.
އެ ބޭފުޅުންނަށް ވަފާތެރި އާންމު މެންބަރުން ވެސް އެބޭފުޅުންނާއެކު ފަހަތަށް ޖެހިދާނެތޯއެވެ؟
ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އައި ޖަޒުބާތުގައި ލައްކަ އެއްޗެހި ގޮވުނެވެ. އޭގެ އަސަރުގައި ޖެހި އާންމު މެންބަރުން ވެސް ތިބީ ރުޅި މޫނު ހަދައިގެންނެވެ. މުޅި ޕާޓީ ބައިބައި ވީވެސް ފާޅުގައި ބުނާން ނުޖެހޭ އެތައް ބަހެއް ޖަޒުބާތުތަކު ތެރޭން ބޭރުވުމުންނެވެ.
އެއް ބަޔަކަށް މިވަރު ސަރުކާރެއް ނެތްއިރު، ދެން ތިބި މީހުންނަށް މިއީ "ވަގު" ސަރުކާރެކެވެ. އެ މީހުން ދެކޭ ގޮތުގައި ރައީސް ޞާލިހް ވަރުގެ އަނިޔާވެރިއަކު ނެތެވެ. މިވަރުގެ ޚުދުމުހުތާރު ސަރުކާރެއް ނެތެވެ. އިދިކޮޅު ޕީޕީއެމަށް ނުގޮވާ އެއްޗެހި ގޮވައިފިއެވެ.
އެހެންވެ، ބަލިވާ ބޭފުޅެއްގެ ފަހަތުގައި ތިބި މެންބަރުން، ނުކުމެ ވޯޓު ލާނެތޯ މިއީ ވެސް ސުވާލެކެވެ. އެމީހުން އެހާ ނަފުރަތުކުރި އަނެއް ކެންޑިޑޭޓަށް އަމުދުން ވޯޓު ދީފަނެތޯ މިއީ މުހިއްމު ސުވާލެކެވެ.

އެމްޑީޕީގެ ޖަލްސާއެއްގައި ދެ ރައީސުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
އުމަރު ގަބޫލުކުރައްވާ ގޮތުގައި ނުތަނަވަސްކަން އޮތަސް އެމީހުން ވެސް ފަހު ވަގުތު ވޯޓު ދޭނީ ޕާޓީއަށެވެ.
"ހިތްހަމަ ނުޖެހި، ވޯޓުލާން ނުދިޔަސް ތިބޭނީ މަދު ބަޔަކު. އެ ނުވާނެ އެހާ ބޮޑު އަދަދަކަށް. ގިނަ މީހުން ހަމަ ފަހު ވަގުތު އެއް ގަލަކަށް އަރާނެ،" އޭނާ ވިދާޅުވިއެވެ.
އެޕާޓީންގެ މާޒީން ވެސް ކުރަހަނީ އެމަންޒަރެވެ. ބަލި ހިތި ނަމަވެސް ބައިބައިވުމަކީ އޮތް ގޮތެއް ނޫނެވެ. ކުރީގެ ޕްރައިމަރީތައް ފަދަައިން މިފަހަރު ވެސް، ބޮޑު ނިންމުމާ ހިސާބަށް ދާއިރު ދެ ބޭފުޅުން އެއްބައިވާނެ ކަމަށް ރީކޯ މޫސަ ވެސް ގަބޫލުކުރައްވައެވެ.
މިއީ ތަރުތީބު ހިސާބަކުން މިނާލުމުން އެޕާޓީގެ ކުރިމަގު ފެންނަ ގޮތެވެ. ދެ ރައީސުންގެ ކޯޅުން ރިޔާސީ އިންތިޚާބަށް ހިންދާލާނެކަން ޔަގީނެވެ. ނޭނގެނީ އަނެއްކާވެސް ފަށައިގަންނާނެ ތޯއެވެ.