އާރަށު މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު އިއްވާ ހުކުމް، އިސްތިއުނާފްކޮށް، ސުޕްރީމް ކޯޓާ ހަމައިން އިންސާފު ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށާއި މަނީލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފައެވެ. އަދި އިރުކޮޅެއްގެ ތެރޭގައި އެކަމުގެ އަދަބު ކަނޑައަޅަން ވަނީ ނިންމައިފައެވެ.

އިދިކޮޅުން މިއަދު މެންދުރުފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ހައިކޯޓުން ރަނގަޅު ނިންމުމެއް ނުނިންމައިފިނަމަ ސުޕްރީމް ކޯޓުގައި ވެސް މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.

އެ މަސައްކަތް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އެއްވެސް ވަރުބަލިކަމެއް ނެތި ކުރާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ޔަގީންކުރަނީ މަތީ މަރުހަލާގެ ކޯޓުތަކުން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނޭ. އެއީ އަޅުގަނޑުމެންގެ ހަމަ ޔަގީންކަން އޮތްކަމެއް އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް ސުޕްރީމް ކޯޓާ ދޭތެރޭގައި،" އަދުރޭ ވިދާޅުވިއެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއްގައި އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ކަނޑައަޅައިފައިވާއިރު، މި މައްސަލައިގައި ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ހެކިބަސް އަލުން ބަލައިގެންފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން ކުރީގެ ނިންމުމެއްގައި އެބައޮތް ބުނެފައި، ފާސިގުންގެ ހެކިބަހެއް ބަލައެއް ނުގަނެވޭނޭ. އެހެންކަމަށްވަންޏާ މި މައްސަލަައިގައި ވެސް ހަމަ އެ ފާސިގުންގެ ހެކިބަހުގެ މައްޗަށް އެ ހުކުމް ކުރީ ދަށު ކޯޓުން. މިސާލަކަށް ސުޕްރީމް ކޯޓަށް މި މައްސަލަ ގޮސްގެން އަލުން އެ ހެކި ބަލައިގެންފިޔާ ދެން އަޅުގަނޑުމެން ކިހިނެތްތޯ އެ ގަބޫލުކުރާނީ. ހަަމަ އެ ސުޕްރީމް ކޯޓުންނޭ ކުރީގައި ނިންމައިފައި މި އޮތީ އެ ހެކީންގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ ތެރޭގައި ވެސް ގާނޫނަށް ހުރުމަތްތެރިކޮށް، އަދުލަށް ހުކުމް ކުރައްވާ ފަނޑިޔާރުން ތިިއްބަވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދި ޔާމީނަށް ޖަލަަށް ވަޑައިގަންނަވަން ޖެހުނު ނަމަވެސް ދެވަނަ ކެނޑިޑޭޓަކަށް ޕީޕީއެމުން ވިސްނާނެ އެއްވެސް ހާލަތެއް ވެސް ނެތް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑީޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު. އިރާދަކުރެއްވިއްޔާ އެ މަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ހާލަތެއް ނާންނާނެ. އަޅުގަނޑު ޔަގީންކަމާއެކީ މި ދަންނަވަނީ، އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްް ކޮށްގެން ރައީސް ޔާމީނަށް ވާދަކުރެވެން ހުރި މަގުތައް ތަނަވަސްކުރާނަން،" އޭނާ ވިދާޅުވިއެވެ.