ފުޓުބޯޅައިގައި މި ޖީލުގެ އެންމެ މޮޅު އެއް ސްޓްރައިކަރު ލުއިސް ސުއަރޭޒް، ބްރެޒިލްގެ ކުލަބަކާ ގުޅެން ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި، ބްރެޒިލްގެ ކުލަބެއް ކަމަށްވާ ގްރެމިއޯއާ ގުޅުމަށް ސުއަރޭޒް މިހާރު ވަނީ އަނގަބަހުން ނުވަތަ "ވާބަލް އެގްރިމެންޓެއް" ހަދައި އެއްބަސްވެފައެވެ.

މިހާރު ސުއަރޭޒް ކުޅެނީ އުރުގުއާއީގެ ކުލަބެއްކަމަށްވާ ނަސިއޮނާލްއަށެވެ. އެ ކުލަބަކީ ސުއަރޭޒް އެންމެ ފުރަތަމަ ކުޅުނު ކުލަބެވެ. އަލުން އެ ކުލަބާ ސުއަރޭޒް ގުޅުނީ މިއަހަރުގެ ތެރޭގައި ކުރު މުއްދަތަކަށެވެ. އޭނާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ޖެނުއަރީއަށް ހަމަވާނެއެވެ.

ސުއަރޭޒް ވަނީ ނަސިއޮނާލްއަށް ބަދަލުވެ އެ ޓީމާއެކު އުރުގުއޭ ލީގު ކާމިޔާބުކޮށްފައެވެ. އެއީ އަލުން އެނބުރި ނަސިއޮނާލަށް ބަދަލުވި ފަހުން ސުއަރޭޒް އެ ޓީމާއެކު ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ.

ސުއަރޭޒް ވަނީ ދުނިޔޭގެ ބޮޑެތި ގިނަ ކުލަބުތަކަކަށް ކުޅެފައެވެ. އެގޮތުން 2007 ވަނަ އަހަރު އަޔެކްސްއަށް ބަދަލުވެ އެ ޓީމުގައި އޭނާ ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. އެ ޓީމަށް ސުއަރޭޒް ކުޅެދިން 159 މެޗުން 111 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ސުއަރޭޒްގެ މޮޅު ކުޅުމުގެ ސަބަބުން ގިނަ ކުލަބުތަކަކުން ފާރަލަމުން ދަނިކޮށް ލިވަޕޫލުން 2011 ވަނަ އަހަރު އޭނާގެ ސޮއި ހޯދިއެވެ. އެ ޓީމަށް ސުއަރޭޒް ވަނީ 133 މެޗު ކުޅެދީ 82 ގޯލު ޖަހައިފައެވެ. އަދި 2014 ވަނަ އަހަރު ސުއަރޭޒް ބާސެލޯނާއަށް ބަދަލުވެ އޭނާ ވަނީ އެ ޓީމަށް 283 މެޗު ކުޅެދީ 195 ގޯލު ޖަހައިފައެވެ. ބާސެލޯނާގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު ސުއަރޭޒް 2020 ވަނަ އަހަރު ބަދަލުވީ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ޓީމުގައި ހޭދަކުރި ދެ ސީޒަންގައި ސުއަރޭޒް ވަނީ 83 މެޗު ކުޅެ 34 ގޯލުޖަހައިފައެވެ.