މަޖީދީމަގުގައި ހުންނަ ފިހާރައެއްގެ ތެރެއަށް ވަން މީހަކު އެ ފިހާރައިގައި އިން އަންހެން ސޭޓަކާ މާރާމާރީ ހިންގައި، އޭނާގެ އިސްތަށިގަނޑު ބުރިކޮށްލުމަށް ފަހު، ފިހާރައިގެ ވަތްގަނޑުން 10،000ރ. ވަގަށް ނަގައިގެން ފިލައިފި އެވެ.

އެ ހާދިސާގައި އަންހެން ކުއްޖާ ވަނީ ހޭނެތިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށައިފަ އެވެ.

ސަން އަށް މައުލޫމާތު ދެމުން އެ ފިހާރައިގެ ވެރިފަރާތުން ބުނި ގޮތުގައި އެ ހާދިސާ ހިނގިކަން އެނގުނީ މިއަދު ހަވީރު އެފިހާރައިން ކަަރަންޓް ކެނޑިފައި ވަނިކޮށް އޭނާ ވެސް ބޭރު އުޅެފައި ފިހާރައަށް އައިވަގުތާ އެ އެއަންހެން ކުއްޖާގެ ފިރިމީހާ އޭނާ ބަލައި އައި ގަޑިއާ ދިމާވުމުން ކަމަށެވެ. އެ ވަގުތު އަންހެން ކުއްޖާ ކޮބައިހޭ އޭނާގެ ފިރިމީހާ ފިހާރައިގެ ސޭޓުގެ ކައިރީގައި އެހުމުން ބަންދު ބޯޑު އަޅުވާފައި ހުރުމުން އޭނާ ނެތް ކަމަށް ސޭޓު ބުންޏެވެ.

ނަަމަވެސް އަންހެންް ކުއްޖާގެ ފިރިމީހާ އެ ވަގުތު ފިހާރައިގެ ދޮރުގައި އަތް ޖައްސާލި އިރު އެ ފިހާރަ ހުރީ ހުޅުވާފައިކަން އެނގިގެން ސޭޓާ ދެމީހުން އެކުއެކީގައި ފިހާރަތެރެއަށް ވަތް އިރު އަންހެން ކުއްޖާ އޮތީ ހޭނެތިގެން ބިންމައްޗަށް ވެއްޓިފައި ކަމަށް ސޭޓު ބުންޏެވެ.

ސަންގެ ނޫސްވެރިން އެ ފިހާރައަށް ދިޔަ އިރު އެ އަންހެން ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް ފިހާރަތެރޭގައި އަންހެން ކުއްޖާގެ ބޮލުން ބުރިކޮށްލާފައި އޮތް އޭނާގެ އިސްތަށިގަނޑުގެ ބައިތަކާއި އޭނާގެ ބުރުގާ ވެސް ކަފާލާފައި އޮތެވެ. އަދި އޭރު ފިހާރައިގެ ވަތްގަނޑާއި ފައިސާ ވެސް ބިންމަތީގައި ހުއްޓެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ މަޖީދީމަގައި ހުންނަ "މެއިންރޯޑް" ފިހާރައިގެ ތެރެއަށް ވަތް މީހަކު ހިންގި އެ އަމަލްގެ ރިޕޯޓް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.