މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކޮށް އެވޯޑު ދީފިއެވެ.

މިކަމަށްޓަކައި ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި ވަނީ އެމްއޭސީއެލަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރި 145 މުއައްޒަފެއްގެ ޚިދުމަތުގެ އަގު ވަޒަންކޮށްފައެވެ.

މީގެ ތެރޭއިން 41 މުވައްޒަފަކު 20 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ޚިދުމަތްކޮށްދިން އިރު، 68 މުއައްޒަފަކު ވަނީ 25 އަހަރުވަންދެން ޚިދުމަތްކޮށްދީފައެވެ. މީގެ އިތުރުން 16 މުވައްޒަފަކު 30 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ޚިދުމަތުގައި ދެމިހުރިއިރު، 15 މުވައްޒަފަކު ވަނީ 35 އަހަރަށްވުރެ ގިނަ ދުވަސްވަންދެން އެމްއޭސީއެލަށް ޚިދުމަތްކޮށްދީފައެވެ. މީގެ އިތުރުން ފަސް މުވައްޒަފަކު ވަނީ 40 އަހަރަށް ވުރެ ގިނަ ދުވަހު އެމްއޭސީއެލަށް ޚިދުމަތްކޮށްދީފައެވެ.

އެމްއޭސީއެލަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އެމްއޭސީއެލް

މި ހަފްލާގައި ގިނަ ދުވަސްވީ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މަހްޖޫބް ސުޖާއު ވިދާޅުވީ، ކުންފުނީގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރި މުވައްޒަފުންނަކީ އެމީހުންގެ މަސައްކަތުގައި ނަމޫނާ ބައެއްކަމަށެވެ. އެ މުވައްޒަފުންނަކީ މިއަދު އެކުންފުނީގައި ވަޒީފާ އަދާކުރަމުންދާ ޒުވާނުން އެބައެއްގެ މަސައްކަތުން މިސާލު ނަގަންޖެހޭ ބައެއް ކަމަށްވެސް މަހްޖޫބް ވަނީ ވިދާޅުވެފައެވެ.

އެމްއޭސީއެލަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރި މުއައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި އެކުންފުނީގެ އެމްޑީ ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްއޭސީއެލް

ރާއްޖޭގެ މައި ދޮރޯށި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ބަލަހައްޓާ އެމްއޭސީއެލްއަކީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން އެންމެގިނަ މުވައްޒަފުން ތިބި އެއް ކުންފުންޏެވެ. އެމްއޭސީއެލް އޮޕަރޭޝަންތަކުގައި 3500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާކަމަށް އެ ކުންފުނިން ބުނެއެވެ.