25 Dec 2022, 19:17
ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނޭ، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އުފަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޝޯގައި ޕާފޯމްކުރުމަށް, "ސުޕަސްޓާ ސިންގަރ 2" ކާމިޔާބުކުރި އިންޑިއާގެ ކުޅަދާނަ ލަވަ ކިޔުންތެރިޔާ މުހައްމަދު ފާއިޒް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އޭނާ ރާއްޖެއައީ މިއަދު ހަވީރެވެ.
މިއަދަކީ އުއްޗުގެ އުފަން ދުވަހެވެ. އުއްޗުގެ އުފަން ދުވަސް ފާހަގަކުރަން ބާއްވާ ޝޯ އޮންނާނީ މާދަމާ ރޭ ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ.
ފާއިޒް އަކީ ސުޕަސްޓާ ސިންގަރ 2ގެ އިތުރުން ސަރެގަމަޕާ ލަވަ ޝޯގައި ވެސް ބައިވެރިފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާ އެންމެ ފަހުން އޮތް ސުޕަސްޓާ ސިންގަރ 2 ކާމިޔާބު ކުރީ އުމުރުން 14އަހަރުގައެވެ.

ފާއިޒް ރާއްޖެ އައިސް، ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާ ބައްދަލުކުރަނީ -- ފޮޓޯ: އެލީޒް
އޭނާ ވަނީ އެ ޝޯއަށް އެރުމަށްފަހު ޖަޖު ހިމޭޝް ރޭޝަމިޔާ އާއެކު މަސައްކަތްކޮށް, އޭނާގެ ލަވައެއް ރެކޯޑު ކޮށްފައެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިމްތިޔާޒް އަލީ ވަނީ އެ ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު ވެސް ފާއިޒަށް ދީފައެވެ.
މީގެ އިތުރުން މަޝްހޫރު އެކްޓަރު/ޕްރޮޑިއުސަރު ސަތީޝް ކޯޝިކް ވެސް ވަނީ އޭނާގެ ފިލްމު ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު އޭނާއަށް ދީފައެވެ. އަދި އެ އެއްބަސްވުމުގައި ސޮއިވެސް ކުރުވާފައެވެ.
އުއްޗުގެ ދައުވަތަކަށް ފާއިޒް ރާއްޖެ އަންނައިރު އުއްޗު ފާހަގަކޮށްލެވެނީ އިންޑިއާގެ ތަރިންނާއެކު ގާތްގުޅުންތަކެއް ބާއްވާ މީހެއްގެ ގޮތުގައެވެ.