25 Dec 2022, 13:30
އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެގިކަމާއި މަނީ ލޯންޑާކުރުމުގެ ކުށް ދެންމެ ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި ޔާމީނަށް އަދަބެއް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރުން ކުރިއަށް ގެންދިއުމުން ދައުލަތުން އެދުނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށެވެ. މަނީ ލޯންޑާކުރުމުގެ ކުށަށް 11 އަހަރުގެ ހުކުމެއް އިއްވައި، ލޯންޑާކުރަން ބޭނުންކުރި ފައިސާގެ ފަސް ގުނައިން ޖޫރިމަނާ ކޮށްދިނުމަށެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓު ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައްޔިތުން އިދިކޮޅު ކޯލިޝަނާއެކު ސާބިތުވެ ތިބުން މުހިންމު ކަމަށެވެ. އަދި ކޮންމެ ގޮތަަކަށް ނިމުނު ކަމުގައިވީ ނަމަވެސް 2023 ވަނަ އަހަރު ވެރިކަމަށް ގެންނާނީ ޔާމީން ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިފަހަރު މި ނިކުންނަނީ ދޭތިން އެކައްޗަށް. އަތޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް މި ދަންނަވަނީ ލަސްނުކުރައްވައި ފުރައިވަޑައިގެން އަވަހަށް މާލެ ވަޑައިގަންނަވާށޭ. ރައީސް ޔާމީން ސަލާމާތްކުރަން ޖެހެޔޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއަށް އިންޑިއާގެ ނުފޫޒު އޮތްކަމުގެ ތުހުމަތު ވެސް ތަކުރާރުކޮށް ކުރައްވައިފައެވެ.
"ދެންމެގައި އަޅުގަނޑުމެންނަށް އެ އިވުނީ ހުކުމް. އިންޑިއާއިން ބޭނުންވި ގޮތަށް އެ ހުކުމް އެ ބަދަލުކުރީ. އެއީ އިންސާފުވެރި ހުކުމެއް ނޫން. މިއީ ހަރާމް ހުކުމެއް. އެއް ގޮތަކަށް ވެސް މާޔޫސްވެވަޑައިނުގަންނަވާތި. ރައީސް ޔާމީން ހުންނެވީ ގަދަކޮށް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށެވެ. އަދި މިއަދު ނުހައްގު ހުކުމެއް ކުރެވިދާނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި އޭގެ ހިތި ނަތީޖާ ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން ޖަލަށް ލައިގެން މި ރާއްޖޭގެ ސިޔާސީ މަޝްރަހުން ޖާގަ ހޯއްދަވަން ބޭނުންފުޅުވާ ލީޑަރުންނަށް ދަންނަވާލަން ބޭނުންވަނީ، ހަނދާން ނައްތާލާށޭ، ރަައީސް ޔާމީން ހުރަ ގެޔަށް ލިޔަސް އެއީ އަަޅުގަނޑުމެންގެ ކެނޑީޑޭޓޭ. ޕީޕީއެމްގެ އެއްވެސް ސަޕޯޓަރަކު އެެހެން އެއްވެސް ލީޑަރަކަށް ނުދޭނޭ. ނުލިބޭނޭ،" އޭނާ ވިދާޅުވިއެވެ.