ގައުމީ ހެލްތު އިންޝުއަރެންސް ސުކީމް، އާސަންދަ ހުއްޓުނަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްކޮންފަރެންސެއްގައި އާސަންދަ ނިޒާމުގައި ހުރި މައްސަލަތަކާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އާސަންދަ ނިޒާމާ ބެހޭ ގޮތުން ސަރުކާރުން ދައްކަމުންދާ ބަހަނާތަކަކީ އާސަންދައިގެ ހިދުމަތް ހުއްޓާލުމަށް ދައްކަވަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އާސަންދަ ހިދުމަތް ހުއްޓުވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވީ އާސަންދައަކީ ދެމެހެއްޓެނި ނިޒާމަކަށް ހެދުމަށް ޓަކައި ވަޒީފާ އަދާކުރާ މީހުންގެ އަތުން ވަކި ވަރަކަށް ފައިސާ ނެގުމަށް އެމްޑީޕީން ހުށަހެޅި ކަމަށެވެ. އަދި ގައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމުގެ ގާނޫނަށް އެމްޑީޕީން ކުރިން އިސްލާހު ހުށައެޅި އިސްލާހު ބޭރުކޮށްލީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކަމަށް ޝިފާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އިސްލާހު އަލުން މަޖިލީހަށް ވައްދައިފި ނަމަ އަދިވެސް އެމްޑީޕީން އެއިސްލާހަށް ތާއީދު ކުރާނެ ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ 7، 8ގައި އެމްޑީޕީގެ މެމްބަރުންނަށާއި އެ ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދެކޮޅަށް ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރި ކަމަށް ބުނާ މައްސަލާގައި މަޖިލީހަށް ވެއްދި ގަރާރާ ބެހޭ ގޮތުން ޝިފާޒު ވިދާޅުވީ މިއަދު ބަހުސުކުރި ކުއްލި މައްސަލައިގެ ވަގުތު އިތުރުކުރުމަށް ވޯޓަށް އެހުން މިއަދު މެންދުރު ފަހު 1:30 އަށް ލަސްކުރީ ގަވައިދާ ހިލާފަށް ކަމަށެވެ.

ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒް ވިދާޅުވީ ކުއްލި މައްސަލައިގެ ވަގުތު އިތުރުކުރަން ފެނޭތޯ ރިޔާސަތުން އެވަގުތު ވޯޓަށް ނޭހީ އޭރު މަޖިލިސްގެ ޗެމްބަރުގައި އެމްޑީޕީއާ ދެކޮޅު މެމްބަރުން މަދުވުމުން ކަމަށެވެ.

"އެވަގުތު ވޯޓަށް ނޭހީ، އޭރު ފްލޯގައި ގިނައީ އެމްޑީޕީގެ މެމްބަރުން، ދެން ވޯޓް ވަގުތު، 1:30 އަށް ލަސްކުރީ އެގަޑީގައި އެބޭފުޅުންގެ [ސަރުކާރަށް ތާއިދު ކުރާ މެންބަރުން] ވަޑައިގަންނަވާނެތީ،" ޝިފާޒު ވިދާޅުވި އެވެ.

އެންޑީޕީން ބުނީ މިއަދު ހުށައެޅި ކުއްލި މައްސަލައިގެ ބޭނުމަކީ ސިފައިންނާއި ފުލުހުން އެދުވަހު ހިންގި ކަންތައްތަކަކީ ޖަރީމާތަކަކަށް ވާތީ އެކަން ރައްޔިތުންނާއި ދުނިޔޭގެ ސަމާލުކަމަށް ގެނައުން ކަމަށް ވެއްދި މައްސަލައެއް ކަމަށެވެ.