25 Dec 2022, 12:19
ކްރީމްޖެހި ބަނަހަކަށް އެލާޖިކްވެ ފަރުވާ ހޯދަމުންދިޔަ އުމުރުން 30 އަހަރުގެ މަރިޔަމް ޒައީމާ މިއަދު މަރުވެއްޖެއެވެ.
ޒައީމާ މަރުވެފައިވަނީ އިންޑިއާގެ އެސްޓާ މެޑިސިޓީ ހޮސްޕިޓަލުގައެވެ. ޒައިމާ މަރުވިކަން އާއިލާގެ ފަރާތުން ސަން އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ކްރީމްޖެހި ބަނަހެއް ކެއުމުގެ ސަބަބުން އެލާޖިކް ވެގެންގައި ހިރުވައި، ނޭވާ ހިއްލާތީ އުނދަގޫވެގެން އެންމެ ފުރަތަމަ ޒައީމާއަށް ފަރުވާދީފައި ވަނީ އައިޖީއެމް ހޮސްޕިޓަލުންނެވެ. މިކަމެއް ހިނގާފައި ވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އެމަޖެންސީ ރޫމުގައި ފަރުވާދެމުން ދަނިކޮށް ހިތް ހުއްޓެން މެދުވެރިވެގެން އޭނާއަށް ވަނީ އައިސީޔޫގައި ވެސް ފަރުވާދީފައެވެ.
ބައެއް މީޑިއާތަކަށް އޭރު މައުލޫމާތު ދެމުން ޒައީމާގެ ކޮއްކޮ އާއިޝަތު ޒައީމާ ބުނެފައިވަނީ، އައިޖީއެމްއެޗުގައި ޒައީމާއަށް ފަރުވާ ދިނުމަށްފަހު، އިންޑިއާގެ އަމްރީތާ ހޮސްޕިޓަލަށް ޒައީމާ ބަދަލުކުރީ، އައިޖީއެމްއެޗުން ދޭނެ އިތުރު ފަރުވާއެއް ނެތިގެން ކަމަށެވެ. އަމްރީތާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ޒައީމާއަށް ކުރިމަތިވި ސިއްހީ އިތުރު މައްސަލަތަކާ ގުޅިގެން ފަހުން އޭނާ ވަނީ އިންޑިއާގެ އިތުރު ހޮސްޕިޓަލްތަކުން ވެސް ފަރުވާހޯދާފައެވެ.
އެލާޖިކް ވީ ހިސާބުން ފެށިގެން މިވީ ދުވަސްތަކުގައި މައިގަނޑު ގޮތެއްގައި ޒައީމާއަށް ފަރުވާދެމުން ގެންގޮސްފައި ވަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.
ޒައީމާގެ ބޭސްފަރުވާއަށް އެހީ ހޯދުމަށް އޭނާގެ އާއިލާއިން ފޭސް ބުކްގައި "ހެލްޕް މަރީ"ގެ ނަމުގައި އައީ ޕޭޖެއްވެސް ހިންގަމުންނެވެ.
ޒައީމާ މަރުވިއިރު އޭނާ އަކީ އެކަނިވެރި މައެކެވެ. ދިހަ އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ހުރެއެވެ. ޒައީމާގެ ހުންނަ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ވަރަށް ގިނަ އެއްޗިއްސަށް އޭނާ ކުރުންސުރެވެސް އެލާޖިކްވެއެވެ.
ޒައީމާ އަކީ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރި މީހެކެވެ. އޭނާ ވަނީ ޓީވީއެމް އަދި ދިޓީވީގައި ވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ސަން އާ ވާހަކަދައްކަމުން ޒައީމާގެ އާއިލާއާ ގާތް މީހަކު ބުނީ އާއިލާއިން އަދި ރާވާފައިއޮތީ ޒައީމާގެ ހަށިގަނޑު ރާއްޖެ ގެންނަ ގޮތަށެވެ.