25 Dec 2022, 11:16
ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހަ މަސް ދުވަސް ވަންދެން މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން މިއަދު "ސަން" އަށް ވިދާޅުވީ އަހުމަދު ރިޔާޒު މިހާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު މިހާތަނަށް ގޮސްފައިވާ ހިސާބެއް ސާފެއް ނުވެއެވެ.
އޭނާއަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި ގުޅިގެން މިއަހަރުގެ މޭ މަހުގެ 29 އިން ފެށިގެން ހުރީ ސަސްޕެންޝަންގައެވެ. އެކަމަކު، އޭނާ ސަސްޕެންޑް ކޮށްފައިހުރީ މުސާރަ ލިބޭ ގޮތަށެވެ.
ކޮންމެ ސްޓޭޓް މިނިސްޓަރެއްގެ އަސާސީ މުސާރައަކީ 25،000ރުފިޔާއެވެ. އަދި އެލަވެންސްތަކާއެކު ކޮންމެ ސްޓޭޓް މިނިސްޓަރަކަށް ވެސް ގެއަށް ގެންދިއުމަށް 41،200އަށްވުރެ ގިނަ ރުފިޔާ ލިބެއެވެ.
އެހެންކަމުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި އަޙްމަދު ރިޔާޒް ސަސްޕެންޝަނުގައި ހަ މަސް ދުވަސް ހުންނެވިއިރު، އޭނާ އަށް ޖުމުލަ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ދީފައެވެ. އެއީ، މަގާމުގެ މައްސޫލިއްޔަތު ތަކާއި މަސައްކަތްތަކާ ދުރުގައި ހުންނެވި ހަ މަސް ދުވަހު މުސާރައިގެ ގޮތުގައެވެ.
ރިޔާޒް އެހެން މިނިސްޓްރީއަކަށް ބަދަލުކުރީއިރު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ޝިމާޒް އަލީ ވެސް ވަނީ ޔޫތު މިނިސްޓްރީގެ ނައިބު ކަމަށް އައްޔަންކޮށްފައެވެ.