25 Dec 2022, 09:23
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން މައްސަލައިގައި އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަމާންކަމާއި ސުލްހަ ގެއްލޭ ގޮތަށް ތަކުރާރުކޮށް ހިޔާލުފާޅު ކުރި ކަމަށް ފުލުހުން ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށްފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ތުހުމަތު ކުރައްވާ އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓަކުން ވަނީ އެކަމުގެ ބަދަލު ހިފުމަށް ގޮވައިލައިފައެވެ.
އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިއަން އެންބަސީގެ ކިބައިން އެކަމުގެ ބަދަލު ހިފަން ފަށާން ޖެހޭ ކަމަށް އެ ޓުވީޓުގައި ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވެސް މިހާރު ވަނީ ވަރުގަދަކޮށްފައެވެ.
އައްބާސް އަކީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ޕީޕީއެމްގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައި ބޭފުޅެކެވެ.
އައްބާސްގެ ގޮވާލުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީ އަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވެފައިވަނީ ޓެރެރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ގޮވައިލައި އެފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތެކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.