25 Dec 2022, 08:40
"ކިހިނެއް އެނގެނީ... ހީވާކަހަލަ އަދި މި ނިމުނީއެއް ނޫނޭ. ބޭނުންވާ އުފާވެރިކަމެއް ނުލިބެނީސް އެ އުފާވެރިކަން ވެސް ބީވެގެން ދާން އުޅޭހެން ހީވަނީ..." ނާޒިލް މާނަފުން ޖުމްލައެއް ބުނެލުމާއެކު ހާފިޒުއަށް ނާޒިލްއަށް ފުން ނަޒަރަކުން ބަލައިލެވުނެވެ.
ނާޒިލް އެބުނި ވާހަކައެއް އޭނާއަކަށް ނޭނގުނެވެ. އެހެންނަމަވެސް ނާޒިލްގެ ވާހަކައިން އޭނާއަށް އެއްކަމެއް ދޭހަވިއެވެ. ނާޒިލް ބޮޑު ކަންތައްތަކެއް އޭނާއަށް ސިއްރުކުރަމުން ދިޔަކަމެވެ. ނާޒިލްއަކީ އޭނާގެ އުފަން ދަރިއެއް ނޫންނަމަވެސް، އޭނާ ނާޒިލް ދެކެ އަމިއްލަ ދަރިއެއް ދެކެވާ ލޯބިވެއެވެ. އެހެންކަމުން ހާފިޒު ނިންމީ ނާޒިލް އެފަދަ އެއްޗެއް ބުނަން ޖެހުނު ސަބަބު އޮޅުން ފިލުވުމަށެވެ.
"ކީކޭ ދަރިފުޅު ތިބުނީ؟ ކަމެއް ވީތަ؟" ހާފިޒު ސުވާލުކޮށްލިއެވެ. ނާޒިލްގެ ވާހަކައިން މާނަ ނަގަންވީ އެއްވެސް ގޮތެއް ހާފިޒުއަކަށް ނޭނގުނެވެ. އެކަމުން އޭނާއަށް ނުތަނަވަސްކަން ލިބިގެން ދިޔައެވެ.
"ކަމެއް ނުވޭ ޑޭޑް. އެކަމާ އަޅާ ނުލާ..." ނާޒިލް ބުނެލިއެވެ. އެހެން ބުނެލާފައި މާޔޫސްކަމާއެކު، ނާޒިލް އިސްޖަހައިލުމުން ހާފިޒު އިތުރަށް ކަންބޮޑުވެ ކަންތައްތައް އޮޅުން ފިލުވަން ބޭނުންވިއެވެ.
"ސިއްރުކުރަން ޖެހޭ ކަމެއްތަ އަނެއްކާ؟ ޝެއަރ ކޮށްލީމަ ދޯ ހިތަށް ހަމަ ޖެހުމެއް ލިބޭނީވެސް." ހާފިޒު ބުނެލިއެވެ. ނާޒިލްއާއި ހާފިޒުއާ ދެމެދު އޮންނަނީ ގާތް އެކުވެރިންގެ ދެމެދުގައި ވެސް އޮންނަ ފަދަ ގުޅުމެކެވެ. މީގެ ކުރިން ނާޒިލް އަކީ ކުދި ކުދި ކަންތައްތައްވެސް އޭނާއާ ހިއްސާކޮށް އޭނާގެ މަޝްވަރާއާއި ލަފާ ހޯދާ ޒުވާނެކެވެ. އެހެންނަމަވެސް، މިހާރު އެހާ ޖެހިލުންވަނީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ. ނާޒިލް ގާތު އަނެއްކާވެސް ވެގެން އުޅޭ ގޮތެއް އޭނާއަށް ކިޔައިދޭން ހާފިޒު އެދުމާއެކު، ނާޒިލް ވިސްނައިލުމަށްފަހު، އޭނާގެ ހިތުގެ ޙާލު ކޮންމެވެސް ވަރަކަށް ހާފިޒުއާ ހިއްސާކުރިއެވެ. ހާފިޒު ނާޒިލްގެ ވާހަކަތައް ކަނުލާ އަޑު އަހަން އިނެވެ. މިޝްޔާއާ ދިމާވި ގޮތުން ފަށައިގެން މިހާރު މިޝްޔާއާ އޭނާއާ ދެމެދު އޮތް ހަމަ އެކަނި ހުރަހަކީ އޭނާގެ އުފަން ބައްޕަ ހާޝިމްކަމުގައި ނާޒިލް ބުނެލިއެވެ. އެ ވާހަކަތައް މާކިންއާ ހިއްސާކުރާނެ ގޮތެއް ނޭނގޭ ކަމުގަޔާއި، އެ ހަޤީގަތް މިޝްޔާއަށް އެނގުމުން ވާނެގޮތެއް އަންދާޒާކޮށްލަންވެސް ނޭނގޭ ކަމުގައި ނާޒިލް ބުނެލިއެވެ. އޭނާ އެ ހިތުގެ ޙާލު މިޝްޔާގެ ކުރިމަތީގައި ހާމަކުރަން ފަސްޖެހޭ ސަބަބަކީ ވެސް އެއީ ކަމުގައި ނާޒިލް ބުނެލިއެވެ.
"އެހެންވީމާ މިޝްޔާއަކީ ނާޒިލްގެ ދެބެންގެ ދެދަރި ކުއްޖެއްދޯ..." ހާފިޒު ބުނެލިއެވެ. ނާޒިލް ބޯ ޖަހައިލިއެވެ.
"ތި ވާހަކަތައް މާކިންއާ ހިއްސާކުރުން ވަރަށް މުހިންމު. އަނެއްކާ އެ އަންހެން ކުއްޖާވެސް ނާޒިލްއާ ގަޔާވޭތަ؟" ހާފިޒު ސުވާލުކޮށްލިއެވެ.
"ނޭނގެ..." ނާޒިލްގެ އަޑުން މާޔޫސްކަން ފިލައިނުދެއެވެ.
"މިޝްޔާ ގާތު ހަޤީގަތް ހާމަކުރުމަށްފަހު، ނޫނީ އެފަދަ ސްޓެޕް އެއް ނެގުން ބުއްދިވެރިއެއް ނޫން. ބައްޕައަށް ފެންނަނީ ވީހާވެސް އަވަހަކަށް މިޝްޔާ ނޫނީ މާކިންގާތު ބުނަން. އެހެން ނޫނީ ހަޤީގަތް އެނގޭ ދުވަހު އެމީހުން ހިތްހަމަނުޖެހޭނެ. ހާޝިމްގެ ހިތް ދަރިފުޅަށްވެސް ދަރިފުޅުގެ މަންމައަށް ވެސް ހެވެއް ނުވާނެ. ޚާއްސަކޮށް މާޒީގައި ކަންތައް ވީ ގޮތުން އޭނަގެ ހިތުގައި އަދިވެސް ވާނީ ނަފްރަތު." ހާފިޒު ބުނެލިއެވެ. މާޒީގެ ހަނދާންތައް އޭނާއަށް ވެރިވިއެވެ. ހައިފާ ހާޝިމް ގާތުންވަރިވުމަށްފަހު، އޭނާގެ އެހީތެރިކަމާއެކު، ފުލުހަށް ގެވެށި އަނިޔާގެ މައްސަލަ ހުށައެޅިނަމަވެސް، މައްސަލަ ބެލިފައެއް ނުވެއެވެ. ދުވަސްކޮޅަކު ބަންދުގައި ބެހެއްޓުމަށްފަހު، ހާޝިމް ދޫކޮށްލުމުންވެސް އޭނާގެ އެތަކެއް އުނދަގުލެއް ހައިފާއަށް ކުރިމަތިވިއެވެ.
"ޑޭޑް، ތިހެން ބުނާށޭ ބުންޏަސް އެއީ ހާދަ އުނދަގޫކަމެކޭ... ކިހިނެއްތަ އަޅުގަނޑަށް ބުނަން ކެރޭނީ މިޝްޔާއަށް އެހާ އަނިޔާވެރިވި މީހަކީ އަޅުގަނޑުގެ ބައްޕައޭ... މި ދައްކަނީ ކުޑަކަމެއްގެ ވާހަކައެއް ނޫނޭ... އޭނަ މިޝްޔާ ރޭޕްއޭ ކުރީ... ކިހިނެއްތަ އަޅުގަނޑު..." ނާޒިލްއަށް ބޮލުގެ އިސްތަށިގަނޑުގައި ފިރުމައިލެވުނެވެ.
"ރޭޕް އޭ..." ނާޒިލް އެހެން ބުނެލުމުން ހާފިޒު ވެސް ހާސްވިއެވެ. އޭނާ ހީކުރީ ހާޝިމްގެ ފަރާތުން މިޝްޔާއަށް ގޯނާތެކެއް ކުރިމަތި ވިނަމަވެސް، ރޭޕްފަދަ ކަމެއް ދިމާނުވާކަމަށެވެ.
"ޔެސް ޑޭޑް. މާކިންއާ ދެމެދު އޮތް އެކުވެރިކަންވެސް ނިމިދާނެ ކަންނޭނގެ މިވަރުން ދަންޏާ..." ނާޒިލް ބުނެލިއެވެ. އެ އަޑުގައިވީ އަސަރުތަކުން ހާފިޒުއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ނާޒިލް މިޝްޔާ ދެކެ އިންތިހާ ލޯބިވާކަން ނާޒިލްގެ ވާހަކަތަކުން އޭނާއަށް ދޭހަވިއެވެ.
"ކީއްވެތަ މިހެން ވާންވީ؟ " ނާޒިލް ފުންނޭވާއެއް ދޫކޮށްލިއެވެ.
"ހާޝިމްގެ ފަރާތުން މިޝްޔާއަށް އެފަދަ އަނިޔާއެއް ކުރިމަތި ވިޔަސް، އޭގައި ދަރިފުޅުގެ ކުށެއް ނެތެއްނު. މާކިންއާއި މިޝްޔާއަށް ވެސް އޭތި އަންޑަރސްޓޭންޑް ވާނެ އިރާދުކުރެއްވިއްޔާ..." ހާފިޒު ބުނެލިއެވެ.
"އެކަމަކު އަޅުގަނޑު ގޮސް މިޝްޔާ ގާތުގައި ލޯބިވެޔޭ ބުނާ ހިސާބުން، އޭނަގެ ހަޤީގަތް އެނގުނީމަ މިޝްޔާވެސް ކިހާ ލަދުގަންނާނެތަ؟" ނާޒިލްއަށް ބުނެވުނެވެ. މިޝްޔާ ދެކެ ކިތަންމެ ލޯބި ވީނަމަވެސް، އޭނާގެ ޙަޔާތުގެ ބައިވެރިއެއްގެ މަގާމަށް މިޝްޔާ އައުމަކީ ނާދިރުކަމެއްގެ ގޮތުގައި އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ނާޒިލްގެ މޭގައި ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. އެ ރިހުން މުޅި ހަށިގަނޑަށް ފެތުރިގެން ދާހެން އޭނާއަށް ހީވިއެވެ. ތަޤްދީރު އޭނާއާ މިކުރަނީ ކޮން ފަދަ ސަމާސާއެއްހެއްޔެވެ؟ އުފާވެރިކަމެއްގެ ހިލަމެއް ވާއިރު، އެ އުފާ އޭނާގެ އަތުން އެހާ އަވަހަށް ބީވެގެން ދަނީ ކިއްވެގެންހެއްޔެވެ؟ އެންމެ ފުރަތަމަ ރީމާއެވެ. ރީމާގެ ހަނދާންތަކުން މިންޖުވެވި ދިރިއުޅުމުގެ އާ މަޤްސަދެއް ފެނުނުއިރު، އެކަމަށް މިފަހަރު ހުރަސް އެޅީ އޭނާގެ މާޒީއެވެ. ގުޅުމެއް ނެތަސް ލޭގެ ގުޅުމުން ގުޅިފައިވާ އޭނާގެ އުފަން ބައްޕައެވެ. އޭނާ އަކީ ހާޝިމްގެ ދަރިއަކަށް ވީތީ އެކަމާ އެތަކެއް ފަހަރު ނާޒިލްއަށް ޝަކުވާކުރެވުނެވެ. އެ ހިތާމަތައް ބަރުދާސްތުކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ހާފިޒުގެ ކުރިމަތީގައި އިންނާނެހާ ހިތްވަރުވެސް ނާޒިލްއަށް ނުލިބުމާއެކު، އޭނާ ދަނީކަމަށް ބުނެ އެތަނުން ތެދުވެލިއެވެ. ނާޒިލް ބޭނުންވަނި އެކަނި ވަގުތުކޮޅެއްކަން އެނގުމާއެކު، ހާފިޒުވެސް އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. އެހެންނަމަވެސް ދެންމެ ނާޒިލް ދެއްކި ވާހަކަތަކުން އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ.
އެދިޔަ ގޮތަށް ނާޒިލް ދިޔައީ ކޮޓަރިއަށެވެ. އެނދުގައި ޖައްސައިލައިގެން އޮށްވައި މެސެންޖާއިން މެސެޖެއް އައުމާއެކު އޭނާ ބަލައިލިއެވެ. މިޝްޔާގެ މެސެޖަކަށް ވުމާއެކު، އެނާ އަވަސް އަވަހަށް އެ މެސެޖް ހުޅުވައިލިއެވެ.
"ތެންކިއު..." މިޝްޔާގެ އެ މެސެޖްގައި ބުނެފައި އޮތީ ހަމައެކަނި އެހެންނެވެ. އެ ލަފުޒު އެތަކެއް ފަހަރަކު، ނާޒިލް ކިޔެއެވެ. އޭނާއަށް މިޝްޔާގެ އެ މެސެޖަށް ރިޕްލައިކުރާނެ ގޮތެއް ނޭނގުނެވެ. އެހެން ފޯނަށް ބަލަހައްޓައިގެން އޮއްވާ މިޝްޔާގެ ދެވަނަ މެސެޖެއް ވެސް އޭނާއަށް ލިބުނެވެ.
"އަހަންނާ ވާހަކަ ނުދައްކަން ނިންމައިގެންތަ؟" މިޝްޔާ ސުވާލުކޮށްލިއެވެ.
"ނޫނޭ. ކުޑަކަމެއްގަ އުޅުނީމަ... ކިހިނެއްތަ ފައި؟" ނާޒިލް އަހައިލިއެވެ. މިޝްޔާ ބުނީ ބޭސް އުނގުޅުމުން ތަދުމަޑުވެއްޖެކަމުގައެވެ.
"ކީއްކުރަނީ ނުނިދާ؟" މިޝްޔާގެ ދެވަނަ މެސެޖެއް ވެސް އައެވެ.
"ނިދި ނާންނާތީ.." ނާޒިލް އެމެސެޖަށް ރިޕްލައިލޮށްލިއެވެ.
"އަހަރެންވެސް..." މިޝްޔާ ބުނެލިއެވެ.
"ބޭސް ކައިފިންތަ؟ މިބުނީ އާއްމުކޮށް ކާ ބޭސް..." ނާޒިލް ސުވާލުކޮށްލިއެވެ. އެ ސުވާލަށް ޖަވާބުދެމުން މިޝްޔާ ހިނިތުންވެފައިވާ އެމޯޖީއެއް ފޮނުވައިލިއެވެ.
"އަހަރެން ބޭނުން މިޝްޔާއާ ބައްދަލުކޮށްލަން..." އެންމެ ފަހުން ހިތްވަރުކޮށްފައި ނާޒިލް އޭނާގެ ހިތަށް އެރި ސުވާލު މިޝްޔާއާ ކޮށްލިއެވެ. ކުރެވެން އުޅެނީ ރަނގަޅުކަމެއްކަން ނުވަތަ ނޫންކަމެއްކަންވެސް އޭނާއަށް ނޭނގެއެވެ. އެހެންނަމަވެސް އެނގޭހާވެސް އެއްޗަކީ ދެން އިތުރަށް އޭނާއަށް ހުރިހާކަމެއް ސިއްރުކޮށްލައިގެން އިޙްސާސްތައް ހިތުތެރޭގައި އޮއްބާލައިގެން ނުހުރެވޭނެކަމެވެ. އެހިތުގެ ނުތަނަވަސްކަމަށް ހައްލެއް ނުލިބިއްޖެނަމަ އޭނާ މޮޔަވެދާނެއެވެ.
"ތި ބުނީ..." ނާޒިލްގެ އެ މެސެޖާއެކު އެނދުމަތީގައި އޮތް މިޝްޔާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް އެމެސެޖަށް ބަލަހައްޓައިގެން އިނދެވުނުއިރު، އުފާވެރިކަމުގެ އިޙްސާސްއެއް އޭނާގެ ހިތުތެރޭގައި ދައުރުވަމުން ދިޔައެވެ. އޭނާގެ ޚިޔާލުގެ ލޯގަނޑަށް ސިފަވަނީ ނާޒިލްގެ އެ ފިރިހެންވަންތަ ސޫރައެވެ. ނާޒިލްގެ އެ އަޅުކުލައިގެ ދެލޮލާއި އެ ދެލޮލުގައި ހުންނަ ތޫނުކަމެވެ. އެ ދެލޮލުގައިވަނީ ދަގަތްފާނަށް ދަގަނޑު ދަމާފަދަ ބާރެކެވެ. އެ އަޅުކުލައިގެ ދެލޮލުގެ ތެރެއަށް ގެނބިގެންދާން މިޝްޔާ ކިތަންމެ ބޭނުންވިޔަސް، އޭނާއަށް އެދެލޮލަށް ގިނައިރު ބަލާކަށް ކުޅަދާނައެއް ނުވެއެވެ. ނާޒިލްއާ ކައިރީގައި ހުންނައިރު އޭނާގެ ހިތުގެ ތެޅުން ހަމައަކަށް އެޅުވުމަކީ އެއްގޮތަކަށްވެސް އޭނާއަށް ފަސޭހަކަމެއް ނޫނެވެ. އެހިތުގައި ނާޒިލްއާ މެދު އުފެދެމުން ދިޔަ ޖަޒުބާތުތައް ދުވަހެއް ދުވަހެއް ފުންވަމުން ދިޔައިރު، ނާޒިލްގެ ހިތުގެ ޙާލެއް މިޝްޔާއަކަށް ނޭނގެއެވެ.
"އެކަނި ބައްދަލުކޮށްލަން؟ އަހަންނަށް އެނގޭ ވަރަށް ބޮޑުކަމަކު ކަން މި ކިޔަނީ... ވާނެތަ؟" ނާޒިލް ގެ ރިޕްލައި ކިޔައިލި މިޝްޔާގެ ހިތުގެ ތެޅުން އިންތިހާ ބާރުވެލިއެވެ. ނާޒިލް އޭނާއާ އެކަނި ބައްދަލު ކުރަން އެބުނީ ކީއްވެހެއްޔެވެ؟ ނާޒިލް އޭނާއާ އެކަނި އެގޮތަށް ބައްދަލުކޮށްފައި ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަނެއްކާ ނާޒިލްވެސް އޭނާއާ ގަޔާވަނީހެއްޔެވެ؟ ކުއްލިއަކަށް ނާޒިލްގެ ފަރާތުން އެފަދަ ޖުމްލައެއް އަޑު އިވުމުން މިޝްޔާއަށް ހައިރާންކަމެއް ލިބިފައިވއެވެ. ކުޑަކޮށް ޖެހިލުންވިނަމަވެސް، ހިތުގެ ގޮވުމަށް އިޖާބަދީ އޭނާ ނާޒިލްއާ ބައްދަލުކުރާނެކަމުގައި މިޝްޔާ ބުނެލިއެވެ.
"މިޝްޔާގެ ފައިވެސް ކުޑަކޮށް ރަނގަޅުވެލީމައެއްނު ވާނީ... ފްރީވާނެ ދުވަހެއް ބުނޭ އަންނަ ހަފްތާގައި. އަހަރެން އެ ދުވަހަކަށް ފްރީވާނަން..." ނާޒިލްގެ މެސެޖާއެކު މިޝްޔާއަށް އޭނާގެ މޭގައި ފޯނު ޖައްސައިލެވުނެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފުޅާވިއެވެ.
އެނދުގައި އޮތް ނާޒިލް ފުންނޭވާއެއް ދޫކޮށްލިއެވެ. ކުރެވުނު ކަންތަކާ މެދު އޭނާގެ ހިތާ ސިކުނޑި ދިޔައީ ދެބަސްވަމުންނެވެ. އެހެންނަމަވެސް ނާޒިލް މިފަހަރު އެހީ އޭނާގެ ހިތުގެ އަޑެވެ. އެއީ އުމުރު ދުވަހު ސިއްރުކޮށްފައި ބޭއްވޭނޭ ކަމެއް ނޫންކަން އޭނާ ދިޔައީ އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ. މިޝްޔާގެ ޖަވާބާއެކު، އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހިތަށް ލިބިފައިވަނީ އިތުރު ސުވާލުތަަކަކާ ނުލާ މިޝްޔާ އޭނާއާ ބައްދަލުކުރަން އެއްބަސްވުމުންނެވެ.
*****
ޖެހިގެން އައި ހަފްތާގެ އާދިއްތަ ދުވަހަކީ ނާޒިލްގެ އޮފް ދުވަހެވެ. މިޝްޔާ ނާޒިލްއަށް މެސެޖްކޮށްފައި ބުނީ އެރޭ ބައްދަލުކުރުމަށެވެ. އެކަމަށް ނާޒިލް އެއްބަސްވިއެވެ. ދާނެ ތަން ބުނުމަށްފަހު، ނާޒިލް އެދުނީ މިޝްޔާ ބަލާ އައުމަށެވެ. އެހެންނަމަވެސް އެކަމަށް މިޝްޔާ ދެކޮޅުހެދިއެވެ. އޭނާ ބުނީ ނާޒިލްއާ އެ ރެސްޓޯރެންޓުން ދިމާކުރާނެކަމުގައެވެ.
އެރޭ މާކިންއާއި، ނައިރާއާއި ދެމީހުން ނައިރާގެ އެކުވެރިއެއްގެ ކައިވެނި ޕާޓީއަކަށް ދިޔުމާއެކު، ގޭގައި މީހަކު ނެތެވެ. ރިފްއަތުވެސް ހެނދުނު ދިޔަ ގޮތަށް ގެއަކަށް ނާދެއެވެ. މިޝްޔާ ފެންވަރައިގެން ނުކުމެ ތައްޔާރުވެލިއެވެ. އޭނާ ލީ ކަޅުކުލައިގެ ގަމީސްމަތި ކޮޅަކާއި ހަމަ ކަޅުކުލައިގެ ޖީންސްއެކެވެ. އިސްތަށިގަނޑު ދޫކޮށްލުމަށްފަހު، އޭނާ ޑްރެސިންޓޭބަލްއަށް ފުންނަޒަރެއް ދިނެވެ. މޭކަޕް ކުރާ އެއްވެސް ސާމާނެއް އޭނާގެ އަތަކު ނެތެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު، އޭނާ ކޮޓަރިން ނުކުމެގެން ހިނގައިގަތީ މާކިންމެން ކޮޓަރިއާ ދިމާލަށެވެ. ތަޅުގައި ހިފާ އަނބުރައިލިއިރު، ނަސީބަކުން ހުރީ ތަޅު ނުލައެވެ. ކޮޓަރިއަށް ވަނުމަށްފަހު ގޮސް ޑްރެސިންޓޭބަލް ކައިރިއަށް ހުއްޓުމަށްފަހު ނައިރާގެ މޭކަޕްކުރާ ސާމާނުތައް ބޭނުންކޮށްގެން ކުޑަކޮށް މޭކަޕްކޮށްލިއެވެ. މާ ފަރިތަ ނޫނަސް، މިޝްޔާއަށްވެސް ކޮންމެވެސް ވަރަކަށް މޭކަޕް ކުރަން އެނގެއެވެ. އާދައިގެ ގޮތަކަށް މޭކަޕްކޮށްލުމަށްފަހު، ތުންފަތުގައި ފިޔާތޮށިކުލަ ޖައްސައިލިއެވެ. އަނބުރާ ކޮޓަރިއަށް އައިސް ފައިވާނަކަށް އެރިއެވެ. އަތުގައި ހުރީ އެންމެ އުސް ފައިވާނެކެވެ. އެއީ ވެސް މާކިންގެ ކައިވެންޏަށް ގަތް ފައިވާނެއެވެ. އެއަށް އަރަން އުޅެފައިވެސް އޭނާ އާދައިގެ ފައިވާނަކަށް އެރީ އެއަށް އަރައިގެން ހިނގަން އުނދަގޫކަމުންނެވެ. ރީތިވެ ނިމިގެން ގަޔަށް ސެންޓް ޖަހައިލުމަށްފަހު އޭނާ ލޯގަނޑުން އަދިވެސް އެއްފަހަރު އަމިއްލަ މީހާގެ ސޫރައަށް ބަލައިލިއެވެ. އަމިއްލަ ނަފްސަށް ހިނިތުންވެލި މިޝްޔާ އޭނާ ހިތްހަމަ ޖެހޭވަރުވުމުން ދަބަސް ކޮނޑުގައި އަޅުވައިލަމުން ކޮޓަރިން ނުކުމެލިއެވެ. އޭނާ ޑްރައިވަރަށް ގުޅާ ގެނެސް އޭނާ އެބުނާ ރެސްޓޯރެންޓަކަށް ލައިދިނުމަށް އެދުނެވެ.
ކާރުގައި އިންއިރުވެސް މިޝްޔާގެ ހިތް ހީވީ ބޭރަށް ފުންމާލަފާނެހެންނެވެ. އޭނާއަށް މޭގައި އަތްވެސް ޖައްސައިލެވުނެވެ. އެހެން އިންދާ އޭނާއަށް ނާޒިލްގެ މެސެޖެއް ލިބުނެވެ. އޭގައި އޮތީ އޭނާ އިންތިޒާރުގައި އިންކަމެވެ. މިޝްޔާ އޭނާ ކާރުގައި ކަމަށް ބުނެ މެސެޖްކޮށްލިއެވެ. އެއަށްފަހު، ގަޑި ބަލައިލިއެވެ. ރޭގަނޑު ނުވައެއް ޖަހާ ފަހެއް ހިނގައިފިއެވެ.
ރެސްޓޯރެންޓާ ހިސާބަށް އާދެވުމުން ޑްރައިވަރު ފޮނުވާލާފައި މިޝްޔާ އެތެރެއަށް ވަނެވެ. އޭނާ ވަށައިގެން ހޯދައިލިއެވެ. އެއްފަރާތުގައި ހުރި މޭޒެއްގެ ދޮށުގައި އިން ނާޒިލް ފެނުމާއެކު މިޝްޔާ އެ ދިމާލަށް ހިނގައިގަތެވެ. ފޯނަށް ގެއްލިފައި އިން ނާޒިލް އިސްއުފުލައިލީ އޭނާ އިން މޭޒު ކައިރިއަށް މީހަކު އައިސް ހުއްޓުނު ފަދަ އިޙްސާސްއެއް ކުރެވުމާއެކުގައެވެ. އިސް އުފުލައިލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ މިޝްޔާއެވެ. ލުއި މޭކަޕެއްގައި މިޝްޔާ ހުރި އިރު ރީއްޗެވެ. ވަރަށް ފުން ނަޒަރަކުން ނާޒިލް މިޝްޔާއަށް ބަލައިލިއެވެ. ކުރިން ހިމަތޮޅިކޮށް ހުރި މިޝްޔާ މިހާރު ކުޑަކޮށް ފަލަވެލައިފިއެވެ. ވަޅުޖެހިފައިވާ ދެ ކޯތާފަތުގައި ވެސް ކުޑަކޮށް މަސްޖަހައި ފިއެވެ. އެ ހުރިހާކަމެއް ނާޒިލްއަށް ބޮޑަށް ފާހަގަކުރެވުނީ ވިސްނައިލެވުމުންނެވެ.
"އިށިނދޭ..." ހަމަބިމަށް އާދެވުނު ފަދައަކުން ނާޒިލް ބުނެލިއެވެ. ނާޒި ލްއޭނާއަށް އެވަރަށް ބެލުމުން ލަދުން ހުރި މިޝްޔާ އަވަސް އަވަހަށް އިށީނދެލިއެވެ. ނާޒިލް ހުރީ ކަޅުލުލައިގެ ގަމީހެއްގައެވެ. އެހާ ސްމާރޓްވެފައި ފިރިހެންވަންތައެވެ. ދެމީހުންނަށް އެއްކުލައެއް ލެވުމަކީ ހާދަ ބޮޑު އިއްތިފާގެކޭ މިޝްޔާގެ ހިތަށް އެރިއެވެ.
"އެއްކުލައެއް ދޯ ލެވިފަ މިހުރީ..." ނާޒިލް ހިނިތުންވެލިއެވެ. ރައްދުގައި މިޝްޔާވެސް ހީލިއެވެ. ނާޒިލް އެވަރަކުން އޭނާއާ ބައްދަލުކުރަން ބޭނުންވި ސަބަބެއް އެނގޭހިތުން ކެތް މަދުވި ނަމަވެސް މިޝްޔާއަށް އެ ސުވާލު ނާޒިލްއާ ކުރާކަށް ނުކެރުނެވެ.
"ކޮންމެވެސް އެއްޗެއް ގެންނަން ވާނެއެއްނު. ހިނގާ އޯޑަރު ދޭން." ނާޒިލް އެހެން ބުނެލުމުން މިޝްޔާވެސް މޭޒުމަތީގައި އޮތް މެނޫއަށް ބަލައިލިއެވެ.
"އަހަރެން ނަގާނީ ބޯ އެއްޗެއް. ފްރެޝް އޮރެންޖެއް..." މިޝްޔާ ބުނެލިއެވެ.
"އެހެންވިއްޔާ އަހަރެން ނަގާނީ ކޮފީއެއް." އެހެން ބުނެލާފައި ނާޒިލް ވެއިޓަރަށް ގޮވާލާފައި އޯޑަރު ދިނެވެ. މާ އިރުތަކެއްނުވެ އެއްޗެހި ހިފައިގެން ވެއިޓަރު އައެވެ. ވެއިޓަރު ދިޔުމުން ނާޒިލް މިޝްޔާއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމުން މިޝްޔާ އެ ނަޒަރު ވަކިކޮށްލިއިރު، އެ މޫނުމަތީގައި ލަދުވެތިކަން ވެއެވެ. އެކަން ނާޒިލްއަށް ވެސް އެނގުނެވެ.
"މިޝްޔާ!" ނާޒިލް މިޝްޔާއަށް ގޮވައިލުމާއެކު މިޝްޔާ އިސްއުފުލައިލާ ނާޒިލްއަށް ބަލައިލިއެވެ.
"އަހަރެން މިޝްޔާއާ އެވަރުން ބައްދަލުކުރަން ބޭނުންވި ސަބަބެއް ނާހާނަންތަ؟" ނާޒިލް ސުވާލުކޮށްލުުުމުން މިޝްޔާއަށް ހިނދުކޮޅަކު ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ.
"އަމް... ކިހި... ކިހިނެއްވެގެން؟" މިޝްޔާއަށް ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުންނެވެ. ނާޒިލްގެ އެ ސުވާލާއެކު އޭނާގެ ހިތުގެ ތެޅުން އިހުނަށްވުރެ ބާރުވިއެވެ.
"ބިކޯޒް އައި ލައިކް ޔޫ..." ހިމޭން ވަގުތުކޮޅަކަށްފަހު، ނާޒިލް ހާމަކޮށްލި ވާހަކައަކުން މިޝްޔާގެ ހިތަށް ހީވީ ގަނޑުފެން އެއްޗެއް އޮއްސައިލިހެންނެވެ.
(ނުނިމޭ)