ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާ ގުޅޭ ގޮތުން ގޮތެއް މިއަދު ގޮތެއް ނިންމާނެއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބް ބޯމަތިވެފައި ވަނިކޮށް އިދިކޮޅު ރިޔާސީ ޓިކެޓްގައި ހިތްޕަވައިގެން ހުންނެވި ރައީސް ޔާމީނަށް ހުކުމެއް އިއްވައި ޖަލަށް ދާން ޖެހިއްޖެ ނަމަ ދެން ވާނެ ގޮތަކާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

އެ މައްސަލައިގައި ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ދައުވާގެ ހުލާސާ:

ރައީސް ޔާމީންގެ މައްޗަށް އެ ދެ ދައުވާ އުފުލާފައިވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޯލަރު ނަންގަވައި އެ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތު ކޮށެވެ.

އެގޮތުން ރައީސް އޮފީހުގެ އެންގުމަށް އާރަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށް ޔޫސްފް ނައީމްގެ 99 އިންސައްތަ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީކޮށްދިނެވެ. އަދިި ފަހުން އެ ރަށް އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ވިއްކާލާފައެވެ. އެ ކުންފުނީގެ 99 އިންސައްތަ ހިއްސާ އޮންނަނީ ޔޫސުފް ނައީމަށް ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި އޮތް އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ވ. އާރަށް ހަވާލުކުރުމުން އިކުއިޒިޝަން ކޮސްޓަށް އެއް މިލިއަން ޑޮލަރު އެލްއޭ އިން އެމްއެމްޕީއާރުސީއަށް ދިނެވެ. އަދި އެއާ އެކު ހަމަ އެ ކުންފުނިން ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދިން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި އެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާކުރުމަށްފަހު ރައީސް ޔާމީނަށް ދޫކޮށްފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފައެވެ. އެ ފައިސާ ޔާމީނަށް ދޫކޮށްފައިވަނީ އެޗްއެސްބީސީ މެދުވެރިކޮށެވެ.

ކުރީގެ ރައީސް ޔާމީން: އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމް މިއަދު އިއްވުމަށް ވަނީ ހަމަޖެހިފައި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެޗްއެސްބީސީގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން އެ އެއްމިލިއަން ޑޮލަރުގެ އިތުރުން އަދި އިތުރު ފައިސާ ވަނީ ބޭންކް އޮފް މޯލްޑިވްސްގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޓްރާންސްފާ ކޮށްފައެވެ. ބީއެމްއެލް އެކައުންޓުން ދެން އެފައިސާ ޓްރާންސްފާ ކޮށްފައިވަނީ އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށެވެ.

އެއް މިލިއަން ޑޮލަރުގެ ތެރެއަށް އިތުރު ފައިސާ އެއްކޮށް ޖުމްލަ 3,413,230 ޑޮލަރު ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ރައްދު:

ދައުލަތުގެ ހުރިހާ ތުހުމަތުތަކަކަށް ވެސް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވާފައެވެ. ދިފާއުގައި ވިދާޅުވީ, އެ އެއް މިލިއަން ޑޮލަރަކީ ޔޫސުފް ނައީމް އަތުން ބައްލަވައިގަތުމަށްފަހު އޭގެ ބަދަލުގައި އޭނާއަށް ދިވެހި ރުފިޔާ ދީފައިވާ މުއާމަލާތެއް ކަމަށެވެ.

އެގޮތުން ޔޫސުފް ނައީމް އަތުން އެއް މިލިއަން ޑޮލަރު ބައްލަވައި ގަތީ ބޭންކް ރޭޓަށް ކަމަށާއި އޭގެ ބަދަލުގައި އެއަށްވާ 15,420,000 ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި އޭނާއަށް ދެއްވި ކަމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ބުނެފައެވެ.

ޝަރީއަތުން އިތުރު ކަމެއް ސާފުކުރުމަށް ނެތް ނަމަ މިއަދުގެ އަޑުއެހުމުގައި އޮންނާނީ ހުކުމް އިއްވުމެވެ. މި މައްސަލައިގެ ފަހު އަޑުއެހުން މިއަދަށް ތާވަލު ކޮށްފައިވާކަން މިދިޔަ ބުރާސްފަތު ދުވަހު ވަނީ އެނގިފައެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރަށާއި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރަން ބޭއްވި ޖަލްސާއަށް ހާޒިރުވި ސަޕޯޓަރުންނާ އެމަނިކުފާނު ސަލާން ކުރައްވަނީ --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ދެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން އަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެގޮތުން ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި މަނީ ލޯންޑްރައިންގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނައެވެ.

ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން ވެސް މަނީ ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ވަނީ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވައި ހައި ކޯޓުގައި އިސްތިއުނާފްކޮށް ނާކާމިޔާބްވި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލް ކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ހުކުމް ކޮށްފައެވެ.

އިދިކޮޅުން ތިބީ އުންމީދުގައެވެ. ކޮންމެ ގޮތަކަށް ހުކުމް ކުރި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ. ދެހާސް އަށާރައިގެ އިންތިހާބުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ތަޖުރިބާ މިފަހަރު އިޔާދަ ވެދާނެ ކަމަކަށް އެ މީހުން ގަބޫލެއް ނުކުރެއެވެ. އެކަން ގުޅިފައިވަނީ މިއަދުގެ ހުކުމާއެވެ.