10 Apr 2012, 16:36
އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހު ބާއްވާ އެފްއޭއެމް އިންތިހާބުގައި ވިކްޓަރީ ސްޕޯޓްސް ކުލަބުން ވޯޓުދޭނެ މީހަކު އަދި ނުނިންމާ ކަމަށް އެކުލަބުން ބުނެފި އެވެ.
ސަން މީޑިއާ ގްރޫޕްގެ ސަންއެފްއެމް ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ޒަރިޔަންދު ރޭ ވިދާޅުވީ، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބާ މެދު މާ ބޮނޑު ނިންމުންތަކެއް ވިކްޓަރީން ނިންމާފައި ނުވާއިރު، އިންތިހާބުގައި ވޯޓްދޭގެ މިހާކުވެސް އަދި ނިންމާފައި ނުވާކަމަށެވެ.
"ކުލަބުން ސަޕޯޓް ކުރާނެ ބަޔަކު އަދި ނުނިންމަން. އިންތިހާބުގައި ކުލަބުން ކުރިމަތިލާނެ މީހަކުވެސް އަދި ނުނިންމަން. މިކަންކަން އަޅުގަނޑުމެން ނިންމާނީ ކުލަބުގެ ބޯޑުން. ވިކްޓަރީއަކީ ކަންކަން ނިންމުމުގައި ވަރަށް ޑިމޮކްރެޓިކް ކުލަބެއް." ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ، އިންތިހާބުގައި ވިކްޓަރީން ކުރިމަތި ލާނެ މަގާމްތައް ވެސް ނިންމާނީ ކުލަބުގެ ބޯޑުގެ މަސްވަރާގެ މަތިން ކަމަށާއި އެކަންކުރުމަށް ކުލަބުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލާ ބޭބޭ ފުޅުންނަށް ވޯޓް ދޭނީ ވެސް ކުލަބުގެ ބޯޑުން ނިންމާ ގޮތެއްގެ މަތިން ކަމަށް ވެސް ޒަރިޔަންދު ރޭ ވަނީ ވިދާޅުވެފައެވެ.
އެފްއޭއެމުގެ އިންތިހާބުގައި ވޯޓުލާނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުންނާއި ދެވަނަ ޑިވިޝަނުން ތިން ކުލަބު އަދި ތިން ވަނަ ޑިވިޝަނުން ދެ ކުލަބަކުންނެވެ. ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުން ވޯޓުލާ ކުލަބުތައް ނިންމާނީ އެ ދެ ޑިވިޝަނުގެ ހުރިހާ ކުލަބުތަކުން ވޯޓުލައިގެންނެވެ.