ދެހާސް ހަ ވަނަ އަހަރު ރިލީޒްވި ފިލްމު "އޮމްކާރާ"އަދި 2011 ވަނަ އަހަރު ރިލީޒްވި ފިލްމު "ދޭސީ ބޯއިސް"ގެ ސީކުއަލްއެއް އުފައްދަން ނިންމައިފިއެވެ.

މި ދެ ފިލްމު އުފައްދަން ނިންމާފައިވަނީ އާނަންދު ޕަންޑިތް މޯޝަން ޕިކްޗާސްއާއި އިތުރު ދެ ކުންފުނި ގުޅިގެންނެވެ. ފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން ފިލްމު ޑިސްޓްރިބިއުޓްކުރުމުގެ ވިޔަފާރިވެސް ހިންގާ އާނަންދު ޕަންޑިތް ވަނީ މި ދެ އައިކޮނިކް ފިލްމުގެ ސީކުއަލް އުފައްދާ ޚަބަރު މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ.

ފިލްމު "އޯމްކާރާ" އާއި "ދޭސީ ބޯއިސް"އަކީ، ފިލްމުގެ ވާހަކައަށާއި މިއުޒިކަށް ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ދެ ފިލްމެވެ. ފިލްމު "އޯމްކާރާ"އަކީ، ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ފިލްމެކެވެ. އެކްޓަރު އަޖޭ ދޭވްގަން، ސައިފް ޢަލީ ޚާން، ވިވެކް އޮބްރޯއި، ނަސީރުއްދީން ޝާހް، ކަރީނާ ކަޕޫރު، ކޮންކޮނާ ސެން އަދި ބިޕާޝާ ބާސޫ މުހިއްމު ރޯލްއިން ފެނިގެންދިޔަ މިފިލްމަކީ، މަޝްހޫރު ލިޔުންތެރިޔާ ޝެކްސްޕެއާގެ ވާހަކަ "އޯތެއްލޯ"އަށް ބިނާކޮށްގެން އުފެއްދި ފިލްމެކެވެ. ފިލްމުގައި ކާސްޓުންގެ ފަރާތުން ދެއްކި ޕާފޮމެންސަށް ފިލްމު ކްރިޓިކުގެ ތަޢުރީފު ވަރަށް ބޮޑަށް ލިބުނުއިރު މި ފިލްމަށް ނެޝަނަލް އެވޯޑް ވެސް ވަނީ ލިބިފައެވެ.

ފިލްމު "ދޭސީ ބޯއިސް"އަކީ 2011 ވަނަ އަހަރު ރިލީޒްކުރި ހެއްވާ މަޖާ ކޮމެޑީ ޑްރާމާއެކެވެ. އަކްޝޭ ކުމާރް، ޖޯން އަބްރަހަމް، ދިޕިކާ ޕަޑުކޯން އަދި ޗިތްރަންގަދާ ފެނިގެންދިޔަ މިފިލްމަކީ، އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތް ދަވަން ޑައިރެކްޓުކުރި ފިލްމެކެވެ.

މި ފިލްމަށް އެ އަހަރުގެ ސްޓާ ޑަސްޓް އެވޯޑްގައި ކޮމެޑީ ރޮމޭންސް ބައިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވަނީ ލިބިފައެވެ. ފިލްމު އުފައްދާފައިވާ ބަޖެޓަށް ވުރެ އިތުރަށް ވިޔަފާރީގެ ގޮތުން ވެސް ބޮކްސް އޮފީހުގައި މި ފިލްމު ވަނީ ހިނގާފައެވެ.

ފިލްމު "އޯމްކާރާ"އާއި "ދޭސީ ބޯއިސް" އުފައްދަން ނިންމާފައިވާއިރު މިފިލްމުގެ މަސައްކަތް ފެށޭނު ދުވަހަކާއި ފިލްމަށް ހޮވާނެ ކާސްޓުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް މީޑިއާއާ އަދި ހިއްސާކޮށްފައެއް ނުވެއެވެ.