ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ސްމާޓް މީޓަރުގެ ޚިދުމަތް މިއަދު ތައާރުފުކޮށްފިއެވެ.

ގއ. މާމެންދޫގައި މިއަދު ހުޅުވި އެރަށު އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މި ޚިދުމަތް ރަސްމީކޮށް ތައާރުފު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

ފެނަކައިން ބުނީ މިއަދު ތައާރުފު ކުރެވުނި މި ޚިދުމަތަކީ ރިއަލް ޓައިމްގައި ކަރަންޓް ބޭނުން ކުރެވެމުންދާ ގޮތާއި އޭގެ ތަފުސީލު ވަގުތުން ވަގުތަށް ފެންނަން ހުންނާނެ ޓެކްނޮލޮޖީއެއް ކަމަށެވެ.

މީގެ އިތުރުން މި ހިދުމަތް މެދުވެރިކޮށް މޮބައިލް ފޯނުން އެ ދުވަހެއްގެ ތަފުސީލުތައް ފަސޭހައިން ބަލައިލެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު އޭގެ ސަބަބުން އެމީހަކު ބޭނުންވާ މިންވަރެއްގައި ކަރަންޓް ބޭނުން ކުރެވޭ މިންވަރު އިޚުތިޔާރު ކުރުމުގެ ފުރުސަތު ލިބި، ކަރަންޓް އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ޕްރީފެއިޑް ކަރަންޓް މީޓަރު ތައާރަފުކޮށް، އެ ހިދުމަތް ވެސް ދިނުން ކަމަށެވެ.