25 Dec 2022, 09:38
އެކްޓަރު ފަރްޚާން އަޚްތަރު އަދި ކުރީގެ ފިލްމީ ތަރި ޝަބާނާ އަޒްމީ އެކުގައި ފެނިގެންދާނެ ފުރަތަމަ ވެބް ސީރީސްއަށް ސޮއިކޮށްފިއެވެ.
ޑައިރެކްޓަރު އަދި ފިލްމީ ޕްރޮޑިއުސަރު ޝޮނާލީ ބޯސް ގެނެސްދޭ މި ވެބް ސީރީސްއަކީ، އެކްސެލް އެންޓަޓެއިންމެންޓްއިން ގެނެސްދޭ ސީރީސްއެކެވެ. ޝޮނާލީ ބޯސްއަކީ 2019 ވަނަ އަހަރު ރިލީޒްވި ކާމިޔާބު ފިލްމު "ދަ ސްކައި އިޒް ޕިންކް"ގެ ވެސް ޑައިރެކްޓަރެވެ.
ރިޕޯޓުތައް ބުނާގޮތުން ޝަބާނާ އަޒްމީއަކީ ޝޮނާލީގެ ފުރަތަމަ ހޮވުމެވެ. ވެބް ސީރީސްއަށް ޝަބާނާ ގެނައުމުގައި ފަރްޚާން އަޚްތަރުގެ އެހީއަށް ވެސް ޝޮނާލީ އެދުނުކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޝަބާނާ އަޒްމީއަކީ، ފަރްޚާންގެ ބައްޕަ ޖާވިދް އަޚްތަރުގެ މިހާރުގެ އަންހެނުން ވެސް މެއެވެ. ޖާވިދް އަޚްތަރުގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެކުދިން ފަރްޚާން އަޚްތަރާއި ޒޯޔާ އަޚްތަރަކީ ޝަބާނާއާ ވަރަށް ގާތްގުޅުމެއް އޮންނަ ދެމީހުންނެވެ.
ވަކި ނަމެއް އަދި ހަމަޖެހިފައި ނުވާ މި ވެބް ސީރީސްގެ ސްކްރިޕްޓް ޝަބާނާއަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާއިރު، ބަތަލާއަށް މި ސީރީސްއަށް ވަގުތު ހުސްކޮށްލެވެންއޮތީ މިހާރު މަސައްކަތް ކުރަމުން ދާ "ހަލޯ"ގެ ދެވަނަ ސީޒަންގެ މަސައްކަތް ނިންމާލުމަށްފަހުއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މަސްދަރުތަކުން ބުނެފައިވަނީ، މިސީރީސްގެ ކުރިން ސްޓީވަން ސްޕީލްބާގްގެ ސީރީސްއަށް ޝަބާނާ ވަނީ އެއްބަސްވެފައެވެ. ނަމަވެސް ދެ ސީރީސް ފުށުނާރާގޮތަށް މަސައްކަތް ކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖެހޭތޯ ޝަބާނާ މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ސީރީސްއަށް ވުރެ ކުރިން ބަތަލާ ވަނީ ފަރްޚާން ޑައިރެކްޓްކުރި ކުރި ފިލްމު "ޕޮޒިޓިވް"ގައި މަސައްކަތްކޮށްފައެވެ. ޝަބާނާގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކުގެތެރޭގައި އިންޑިއާގެ މަޝްހޫރު ޝެފް ވިކާސް ކަންނާގެ އަމިއްލަ ޙަޔާތުގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެއް ހިމެނެއެވެ. ވަކި ނަމެއް އަދި ދީފައި ނުވާ މިބަޔޮޕިކްގެ މަސައްކަތް ފެށުމަށް ރޭވިފައި ވަނީ އަންނަ އަހަރުއެވެ.