25 Dec 2022, 08:56
ހޮލީވުޑްގެ މިހާރުގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މޭގަން ދީ ސްޓޭލިއަން ފަޔަށް ބަޑި ޖެހި ކަން ސާބިތުވެ ރެޕް ލަވަކިޔުންތެރިޔާ ޓޯރީ ލެނޭޒް 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ކެނޭޑިއަން ރެޕް ލަވަކިޔުންތެރިޔާ އާ ދެކޮޅަށް މޭގަން މައްސަލަ ހުށަހަޅާފައި ވަނީ ލޮސް އެންޖެލެސްގެ ކޯޓަކަށެވެ. މި މައްސަލައިގައި މޭގަންގެ ފަޔަށް ބަޑި ޖެހިކަން ސާބިތުވެފައިވާއިރު އެ މައްސަލައިގައި ލެނޭޒްގެ މައްޗަށް ޖުމްލަ ތިން ކުށެއް ވަނީ ސާބިތުވެފައެވެ. އެއީ ނެގްލިޖެންސްގެ މައްސަލައަކާއި ރެޖިސްޓާ ނުކޮށް އޮތް ބަޑިއެއް އުޅަނދެއްގެ ތެރޭގައި ގެންގުޅުމާއި ބަޑިއަކުން ނުވަތަ ސެމީ އޮޓޮމެޓިކް ހޭންޑްގަން އަކުން ބަޑި ޖެހި ކަމުގެ މައްސަލައެވެ.
މި މައްސަލައިގައި ލެނޭސް 20 އަހަރަށް ޖަލަށް ލުމުގެ އިތުރުން ކެނެޑާއަށް ޑީޕޯޓު ކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވަނީ ހާމަވެފައެވެ.
ކޯޓުގެ ނިންމުމަށްފަހު މޭގަންގެ ވަކީލެއް ބުނެފައިވަނީ އެ ނިންމުމަކީ ހައްގު ނިންމުމެއް ކަމަށާއި މޭގަންއަށް ލިބެން ޖެހޭ އިންސާފު ލިބިއްޖެ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ 2020 ވަނަ އަހަރުގައި އެމެރިކާގެ ހޮލީވުޑް ހިލްސްގައި އޮތް ޕޫލް ޕާޓީއެއްގެ ތެރެއިންނެވެ. ދެމީހުންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގާފައިވަނީ ލެނޭޒްއަށް ސްޓޭލިއަންގެ ކެރިއަރުގެ ކުރިއެރުން ކަމު ނުގޮސްގެން ކަމަށް ސްޓޭލިއަން ބުންޏެވެ.
އެގޮތުން ޕޫލް ޕާޓީގެ ތެރެއިން ދެމީހުންގެ ދެމެދުގައި ހަމަނުޖެހުން ހިނގައިދިޔައީ ކާރެއްގެ ތެރޭގައި ތިއްބައެވެ. އަދި މައްސަލަ އިތުރަށް ހޫނުވާން ފެށުމުން ސްޓޭލިއަން ކާރުން ނިކުންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އެވަގުތު ލެނޭޒް ވަނީ އޭނާގެ ފައިތިލައަށް ބަޑި ޖަހާފައެވެ.
މި މައްސަލައިގައި މޭގަންގެ ފަޔަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ވަޒަނުގެ އެތިކޮޅުތައް ފައިތިލައިގެ ތެރޭގައި ހުރުމުން އެ ނެގުމަށް ސާޖަރީ ހަދަން ޖެހުނު ކަމަށް މޭގަން ބުންޏެވެ.